މި ރޯދަ މަހު އއ. ތޮއްޑޫގެ ދަނޑުތަކުން 200 ޓަނުގެ ކަރާ ލިބޭނެ ކަމަށް ކައުންސިލުން ބުނެފި އެވެ.
ކަރާ ހެއްދުމުގައި އަބަދުވެސް އެންމެ ކުރީގައި އުޅޭ ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް ވިދާޅުވީ 112 ދަނޑެއްގައި އެކި ބާވަތްތައް ހައްދަމުން އަންނަ އިރު، ގިނަ ދަނޑުތައް ހާއްސަކޮށްފައި ވަނީ ކަރާ ހައްދަން ކަމަށެވެ. އެ ދަނޑުތަކުން ކޮންމެ ދުވަހަކު 5،000 ކިލޯ އާއި 8،000 ކިލޯއާ ދެމެދުގެ އަދަދަކަށް ކަރާ މާލެއަށް ގެނެވޭނެ ކަމަށް ލަފާކުރެ އެވެ.
"ދެ މިލިއަން އަކަ ފޫޓުގެ ސަރަހައްދެއްގައި ކަރާ ހައްދާނެ. ކަރާ ބޭރު ކުރެވޭ އަދަދަށް ބަލާ އިރު ގާތްގަނޑަކަށް 9-10 މިލިއަން ރުފިޔާ ލިބޭނެ،" އެވެ.
ކަރަމް ވިދާޅުވި ގޮތުގައި ރޯދައަށް ދަނޑުވެރިން ވަނީ ދުރާލައި ތައްޔާރުވެފަ އެވެ. ކަރާގެ އިތުރުން ތަރުކާރީގެ ގިނަ ބާވަތްތަކެއް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު މިހާރު އުޅެނީ 10-15ރ. ދެމެދުގަ އެވެ. އެކަމަކު ރޯދަ މަސް ފެށުމާ އެކު ކޮންމެ އަހަރަކު ވެސް އަގު ބޮޑުވެ އެވެ.
މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ކަރާ ލިބޭ ވަރު މިދިޔަ އަހަރަށް ވުރެ މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކައުންސިލުން ދަނޑުތައް ދޫކޮށް، ފުރަތަމަ ދަނޑުވެރިންގެ މަސައްކަތް ފެށި އިރު ކަރާ ދަނޑުތަކުގައި ބައްޔެއް ފެތުރުމުގެ ސަބަބުން އެންމެ ބޭނުންވާ ސްޕީޑުގައި ދަނޑުތައް ނުހެދުމުންނެވެ.
ތޮއްޑޫ ދަނޑުވެރިން ކަރާ ދަނޑުތައް ހައްދަނީ ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ކަރާ ލިބޭނެ ގޮތަށް ބަލައިގެންނެވެ. ކަރާ ދަނޑެއް ހެއްދުމަށް ދެ މަސް ނަގަ އެވެ.
ކަރާގެ އިތުރުން ތަރުކާރީ އާއި ފަތުގެ ބާވަތްތަކުގެ 14،000 ކިލޯ އާއި ފަޅޯގެ 13،000 ކިލޯ އާއި ކިއުކަމްބާގެ 10،000 ކިލޯ އާއި ގިތެޔޮ މިރުހުގެ 2،000 ކިލޯ މި އަހަރުގެ ރޯދަ މަހު ތޮއްޑޫން އުފެއްދޭނެ ކަމަށް އެރަށު ކައުންސިލުން ލަފާކުރެ އެވެ.