ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަ ކުރާނެ ކަމަށާއި އިދިކޮޅު ކެނޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް 1000 ފަހަރު ބުނަން ޖެހުނަސް އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ރަސްފަނު ސަރަހައްދުގައި މާހެފުމަކާއެކު ބޭއްވި މުޒާހަރާގެ ތެރެއިން އެ ޕާޓީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެއްވެސް ބޭފުޅަކު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓާ މެދު ސުވާލު އުފައްދަން މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ޖާގައެއް ނުދެއްވާނެ ކަމަށާއި ވަކިން ހާއްސަކޮށް އެހެން ޕާޓީއަކަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓުގެ ވާހަކަ ނުދެއްކޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އެ ވާހަކަ ދައްކަވަން އުޅުއްވާނެ ކަމެއް ވެސް ނެތް. ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް. އެ ބަދަލެއް ނުކުރޭނެ. އެ ބަދަލު ކުރުމުގެ ވާހަކަ ދެއްކިޔަސް އެ އަޑުއަހާނެ މީހަކު ނެތް،" އަދުރޭ ވިދާޅުވި އެވެ.
ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އޭ 1000 ފަހަރު ބުނަން ޖެހުނަސް މިތިބީ ބުނަން ތައްޔާރަށް -- އަދުރޭ
ޔާމީން ވެރިކަމަށް ގެންނަން ގައުމުގެ ޒުވާނުންނާއި އަންހެނުން އަދި ދޮށީ އުމުރުފުރައިގެ މީހުން ބޭނުންވާ އެތައް ސަބަބެއް ހުރި ކަމަށް އަދުރޭ ވިދާޅުވި އެވެ. ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށާއި ބޭރުގެ އަސްކަރިއްޔާތަކަށް ޖާގަ ނުލިބޭނީ އެމަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ޔާމީންގެ ހިޔަނިން ހިނގައިގެން ނުވަތަ ޕާޓީގެ ސަޕޯޓު ހޯދައިގެން ވެރިކަމަށް އަންނަން މަސައްކަތް ކުރާ ފަރާތްތަކުން އެ ދެކެނީ "ހުވަފެނެއް" ކަމަށް އަދުރޭ ވިދާޅުވި އެވެ.
"މިއަދު ވެސް ތަކުރާރުކޮށްދަންނަވާލަން ބޭނުން ވަނީ ތިޔަ ހުވަފެން ދެކުން ހުއްޓާލައްވާށޭ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ނެތް ގޮތެއް އިރާދަކުރެއްިއްޔާ މި އިންތިހާބުގައި ނޯންނާނެ. އެ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އޭ 1000 ފަހަރު ބުނަން ޖެހުނަސް މިތިބީ ބުނަން ތައްޔާރަށް،" އަދުރޭ ވިދާޅުވި އެވެ.
މި ދުވަސްވަރު ޕީޕީއެމްގެ އެއްވެސް ސަޕޯޓަރު މާޔޫސްވާކަށް ނުޖެހޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
މިއަދުގެ ސަރުކާރު އޮތީ "އަމިއްލަ ގޭގެ ތެރޭ ތަޅައިގެން" ފެއިލްވެފައިވާ ކަމަށާއި އެ ހިސާބަށް ދިޔައީ ޕީޕީއެމްގެ ސަޕޯޓަރުން ކުރެއްވި މަސައްކަތުން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
ހައިކޯޓުގައި އޮތް އިސްތިއުނާފްގެ މައްސަލަ ނިމިގެން ދާނީ ޔާމީނާ އެއްކޮޅަށް ކަމަށާއި އެމަނިކުފާނު މިނިވަންވެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އަދުރޭ ތަކުރާރުކޮށް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި މިއަދު ވަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކޮށްފަ އެވެ. މާލޭގައި ބޭއްވި އެއްވުމަށް ފުލުހުން ވަނީ ހުރަސް އަޅައިފަ އެވެ.