ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނީ އެ އިދާރާއަކީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ، މުޖުތަމައުގެ އެއްބައި ކަމަށް ގަބޫލުކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ މުޖުތަމައާ ގުޅިގެން ހިދުމަތް ދިނުން ނުވަތަ ކޮމިއުނިޓީ ޕޮލިސް ދެމެހެއްޓުން ކަމަށެވެ.
ރައީސް ވިދާޅުވީ އެ ސިޔާސަތު ތަންފީޒުކުރުމުގައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި ކުރިއަށް އޮތްތަނުގައި ކުރާނެ ކަންކަމާއި އަމާޒު ހިފާނެ މިސްރާބަށް އެ ކޮންފަރެންސް މެދުވެރިކޮށް މަގުދައްކާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މީގެ ދެ އަހަރުކުރިން 2021 ގައި އަމަލުކުރަން ފެށި ފުލުހުންގެ ގާނޫނާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އެ ގާނޫނުގައި ފުލުހުންގެ މަސައްކަތް ބަޔާންކޮށްފައި ވަނީ މުޖުތަމައުގެ އެންމެހާ ހިއްސާދާރުންނާ ގުޅިގެން މަސައްކަތްކުރުމަށް ކަމަށެވެ.
"އެ ގުޅުން އުފެއްދޭނީ އާންމު ރައްޔިތުންނާއި ކަމާ ބެހޭ މުވައްސަސާތަކާއި ދަރިވަރުންނާއި ޒުވާނުންނާއި ފަންނުވެރިންނާއި ސަލާމަތީ ދާއިރާގެ ތަޖުރިބާކާރުންނާ އެކު ވަރުގަދަ ވިއުގައެއް އުފެއްދިގެން،"
ރައީސް ވިދާޅުވީ ކޮންމެ މުޖުތަމައެއްގައި ވެސް ފުލުހުންގެ ހިދުމަތް ހަރުދަނާވަނީ ވަރުގަދަ ގުޅުމެއްގެ ތެރެއިން ހިދުމަތް ދެވިގެން ކަމަށެވެ.
ފުލުހުންގެ ހިދުމަތަކީ ގޮންޖެހުން ބޮޑު ހިދުމަތެއް ނަމަވެސް އެ ގޮންޖެހުންތައް ކަޑައްތުކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ވަގުތާއި ހާލަތާ އެކަށީގެންވާ އަމަލުކުރާނީ ކިހިނެއްކަން ދެނެގަތުން ވަރަށް މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ، އެ ކޮންފަރެންސްގައި ހުށަހަޅާ އިލްމީ ދިރާސާތައް މެދުވެރިކޮށް އެ ސުވާލުތަކަށް ޖަވާބު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޓެކްނޮލޮޖީގެ ކޮންމެ ލުޔަކާ އެކު އިޖުތިމާއީ ނުވަތަ ޖިނާއީ ގޮންޖެހުމެއް ކުރިމަތިވާ ކަމަށާއި މުޖުތަމައާއި އާންމުންގެ ސަލާމަތަށް ނުރައްކާކުރާ ކަންކަން ތަފާތުވަމުންދާ ކަމަށެވެ. އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ވައްޓަފާޅި ވެސް ބަދަލުވެ، ކުށްތަކަށް އަރައިގަތުމަށް ފަހު ގާނޫނުގެ އަތްދަށު ނުވުމަށް ރާވާ ރޭވުންތައް ވެސް ތަފާތުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ، އެކަމަކީ ވެސް ފުލުހުންގެ ތައްޔާރީ ހާލަތަށް ބަދަލު ގެންނަން މަޖުބޫރުވެފައިވާ ސަބަބެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ފުލުހުންގެ ހިދުމަތް ޒަމާނީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރައްވަމުން އެބަ ގެންދަވަ އެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވެ އެވެ. މިހާރު ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަމުން އަންނައިރު މިއަހަރުގެ ތެރޭގައި ޓޭޒާ ގަން ބޭނުން ކުރަން ފަށާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ އެއީ ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލާއިރު ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންކުރާނެ ވަސީލަތެއް ކަމަށެވެ.
"ފަހަރެއްގައި ވެސް މިއީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާނެ ހަތިޔާރެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން،"
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ފުލުހުންގެ ހިދުމަތާ ބެހޭ ގޮތުން 10 ދިރާސާ ކަރުދާސް ހުށަހަޅައި، އިލްމީ ގޮތެއްގައި މަޝްވަރާކޮށް ހިޔާލު ބަދަލުކުރާނެ އެވެ.
އެ ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރެވޭނީ އިލްމީ ދިރާސާއެއް ހަދައިގެން ކަމަށެވެ. އެހެންވެ، ފުލުހުންގެ އިދާރާ ރިފޯމް ކުރުމުގެ މަސައްކަތް ރައީސް ފައްޓަވާފައި ވަނީ އެކަމުގެ ހަގީގަތް އެނގިތިބެ، އެ ބުރަ މަސައްކަތް ކޮޅެއްގައި ޖެއްސުމަށް ކަމަށް އިމްރާން ވިދާޅުވި އެވެ.