ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ ހާދިސާތައް ތަހުގީގުކޮށް އާއިލާތަކަށް އިންސާފު ހޯދައިދިނުމުގައި ޒިންމާ އުފުލަން ޖެހޭ ބަޔަކީ ފުލުހުންނާއި ރައްޔިތުންގެ މަޖިލިސް ކަަމަށް ދޭހަވާ މޭރުމަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވާހަކަ ދައްކަވައިފި އެވެ.
ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތްކުރައްވަން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން އެ ތިން ބޭފުޅުން ރޭ ބޭއްވި ބައްދަލުވުމަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ބޭފުޅުންގެ ވެރިކަންތަކުގައި ހިނގި އެފަދަ ކަންކަމާ ގުޅޭ ސުވާލު އަމާޒުވި އެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަަލަ އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްްސަލަ އަށް ޔާމީނާއި، އިބޫގެ ދައުރުގައި ވެސް އިންސާފު ނުލިބުނުކަން ފާހަގަކޮށް ނޫސްވެރިޔަކު އެހީ އޭގެން ބޭފުޅަކަށް ދެން ވެރިކަން ލިބިވަޑައިގެންފި އެކަންކަން ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ދެއްވިދާނެތޯ އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވީ ބަލަން ޖެހޭނީ އެ ރައީސަކު އެފަދަ މައްސަލަތައް ބަލަން ފުލުހުންނާ ހަވާލުކުރިތޯ ކަމަށާއި، ފުލުހުން ރަނގަޅަށް މަސައްކަތް ނުކުރާ ނަމަ ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"ރިލުވާނުގެ މައްސަލަ ވެސް، ދެން ތިބި މީހުންގެ މައްސަލަ ވެސް ހަަމަ ރައީސް ޔާމީން ސަރުކާރުގައި، ވެރިކަމުގައި ތަހުގީގު ފަށްޓާފައި ވަނީ. މ ތަހުގީގު ނުނިމި އުޅެނިކޮށް އަޅުގަނޑު ވެރިކަމުން ވަކިވީ. ދެން ކަންތައް ދިޔަ ގޮތް ވެސް ހަމަ، ދެންމެ ސޯލިހު އެ ވިދާޅުވެދެއްވީ. މިއީ ފުލުހުން ކުރަން ޖެހޭ މަސައްކަތެއް ދެއްތޯ؟ ފުލުހުންނަށް އެކަން ނުކުރެވިގެން ދިގުލައިގެން ދާ ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލީހުން ދެއްތޯ އެމީހުން ހާޒިރުކުރަން ޖެހޭނީ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް ފުލުހުންނަކީ ހަމަ އެކަނި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް ހިންގާ މުއައްސަސާއެއް ނޫނެވެ. އެއީ ވަރަށް ބޮޑަށް ދައުލަތުގެ އެގްޒެކެޓިވް ބާރުގެ ދަށުގައި އޮންނަ މުއައްސަސާ އެކެވެ. އަދި ޔާމީނުގެ ވެރިކަމުގެ ބޮޑު ބައިގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ވެސް އޭރު ވެރިކަންކުރި ޕީޕީއެމް އަށެވެ.
އެހެން ނަމަވެސް ޔާމީން ވިދާޅުވީ އެކަމުގައި ފެނިގެން ދަނީ ރައްޔިތުންގެ މަޖިލީހުގެ ފެއިލިއާ އެއް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން އެމީހުން ހާޒިރުކޮށްފައި، މިހާރު މިސާލަކަށް ސަލާމަތީ ކަންކަމާ ބެހޭ ކޮމިޓީ، 241 ކޮމިޓީ ދެއްތޯ، މަޝްހޫރު ކޮމިޓީ، މަޖިލިސް މެންބަރުން، ރައްޔިތުންގެ މަންދޫބުންގެ ފެއިލިއާ އެއް ދެއްތޯ ފެނިގެން މި ދަނީ؟ ފެނިގެން މިއޮއް ދަނީ ހަަމަ އެކަނި ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް ހުންނަ މީހަކު ކަމެއް ނުކުރި ކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރެއް ނިިމިގެން ދާއިރު ހުރިހާ ކަމަކަށް ޒިންމާ އުފުލަން ޖެހޭނީ ރައީސުލް ޖުމްހޫރިއްޔާ އެކަންޏެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މުއްސަސާތައް ހިނގާ ނުހިނގާ ގޮތް ބަލައި މީހުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މަރުގެ ތަހުގީގެއް ފެށުމަށް ފަހު ޔާމީނުގެ ވެރިކަމުގައި އެއިން ތަހުގީގެއް ހުއްްޓުވާފައި އޮތްތޯ ނޫސްވެރިން ބަލަން ވެސް އެމަނިކުފާނު އެދިވަޑަައިގެންނެވި އެވެ.
"އަޅުގަނޑުމެން މިރޭ، އަޅުގަނޑުމެން ތިން މީހުން ވެސް މިރޭ، ހަމަ އަޅުގަނޑުމެންގެ ވެސް ހަމަ މިހާރު މިއޮތް ސަރުކާރަށް ވެސް ފުލުސް މުއައްސަސާއަށް ވެސް ދަންނަވަން ތިޔަ ވިދާޅުވި މަރުގެ ތަހުގީގުތައް ވެސް [ރިލުވާނާއި ޔާމީން ރަަޝީދުގެ މަރުގެ ތަހުގީގު ވެސް] ދެން ހުރި މަރުގެ ތަހުގީގުތައް ވެސް ނިންމައިދެއްވާށޭ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސަކު "ކަށްވަޅަށް ދާއިރު" މަރެއްގެ ތަހުގީގު ނުނިމި އޮންނާކަށް އެއްވެސް ރައީސަކު އެދިވަޑައެއް ނުގަންނަވާނެ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަރުތަކުގެ މައްސަލަތައް ބަލަަން ކޮމިޝަނެއް ހެދި ކަމަށާއި އެ އެ ކޮމިޝަނުން ޑރ. އަފްރާޝީމްގެ މަރާ ބެހޭ ގޮތުން ތަހުގީގުކޮށް ފުރިހަމަ ރިޕޯޓެއް ނެރުނު ކަމަށާއި ޔާމީން ރަޝީދުގެ މަރާ ބެހޭ ގޮތުން ތަހުގީގު ކުރުމަށް ފަހު ރިޕޯޓް ހާމަ ނުކުރީ އެ މައްސަލަ ޝަރީއަތުގައި އޮތުމުން ކަމަށެވެ.
"މިހާރު ވެސް އެ ރިޕޯޓް ވާނެ. މި ސަރުކާރަށް، އެ ޝަރީއަތް ނިމިފައި އޮތް ކަމަށް ވަންޏާ އެ ރިޕޯޓް ހާމަކުރެވޭނެ،" އިބޫ ވިދާޅުވި އެވެ.
ނޫސްވެރިޔާ ރިލުވާންގެ މަރުގެ މައްސަލަ ވެސް ތަހުގީގުކޮށް، އެ މައްސަލާގައި ތުހުމަތު ކުރެވޭ ބަޔަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވެސް އެމަނިިކުފާނު ވިދާޅުވި އެވެ.