ރާއްޖޭގެ މައި އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އެއާ ޓްރެޕިކް ކޮންޓްރޯލް (އޭޓީސީ)ގެ ޖެނެރަލް މެނޭޖަރު ކަމުގައި ހުންނެވި އިބްރާހިމް ހަމީދު އެ މަގާމުން އަމިއްލައަށް ރިޓަޔާކުރައްވައި ސައޫދީ އަރަބިއްޔާގެ އެއާ ނެވިގޭޝަން ހިދުމަތާ ގުޅިވަޑައިގެންފި އެވެ.
އޭނާ އެމްއޭސީއެލުން ވަކިވީ އެތަނުގައި މަސައްކަތް ކުރައްވާތާ 33 އަހަރު ފަހުންނެވެ.
ސައުދީގެ ޖިއްދާގައި ހުންނެވި ހަމީދު މިއަދު "މިހާރު" އަށް ވިދާޅުވީ ސައުދީ އެއާ ނެވިގޭޝަންގައި މަސައްކަތްކުރަން އޭނާއަށް ޖޮބް އޮފާ ލިބުނީ މީގެ އަހަރުތަކެއް ކުރިން ކަމަށެވެ. ނަމަވެސް ވެލާނާ އެއާޕޯޓްގެ އާ ރަންވޭގެ މަސައްކަތުގައި އުޅުއްވާތީ އޭރު މަޑުކުރެއްވީ އެވެ. މިދިޔަ އަހަރު އަނެއްކާވެސް އެ އޮފާ އޭނާއަށް ލިބުނެވެ.
"އެމްއޭސީއެލުން ރިޓަޔާކުރަން އަޅުގަނޑު ނިންމީ އޭޓީސީގައި ދާން ބޭނުންވާ އެންމެ މައްޗަށް ދެވުނީމަ، އިތުރު ތަފާތު ތަޖުރިބާއަކަށް ފުރުސަތު ލިބުމުން. އަދި އަޅުގަނޑު އާ ރަންވޭގެ މަސައްކަތަށް ދީފައި އޮތް ކޮމިޓްމެންޓް ފުރިހަމަ ވީމަ،" އޭނާ ވިދާޅުވި އެވެ.
ހަމީދު ވިދާޅުވި ގޮތުގައި، ސައުދީ އެއާ ނެވިގޭޝަންގައި މަސައްކަތް ކުރަން މި ލިބުނީ ވަރަށް ބޮޑު ފުރުސަތެކެވެ. އޭނާ މަސައްކަތް ކުރައްވާނީ ސައުދީ ސަރުކާރުން ހިންގަމުން އަންނަ އެއާ ސްޕޭސްގެ ބޮޑު ޕްރޮޖެކްޓެއްގައި، އެއާ ސްޕޭސް ޑިޒައިން ސްޕެޝަލިސްޓެއްގެ ގޮތުގަ އެވެ.
"ސައުދީ ނެވިގޭޝަން ސާވިސްގައި އަޅުގަނޑުގެ މައިގަނޑު މަސައްކަތަކަށް އޮންނާނީ އެއާ ސްޕޭސް ރީ-ޑިޒައިންކުރުން. އެ މީހުން ބޭނުންވަނީ ފިއުޗާގައި ސައުދީ އެއާ ސްޕޭސް ކޮންސެޕްޓެއް ޑިވެލޮޕްކުރަން. އެކަމުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އެކްސްޕޯޝައަކަށް ވާނެތީ މި އައީ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ރާއްޖެ ދޫކޮށް އަޔަސް، މި ތަނުން ލިބޭ ތަޖުރިބާ މުސްތަގުބަލުގައި ރާއްޖެއަށް ކޮންޓްރިބިއުޓް ކުރުމަކީ އަޅުގަނޑު އެންމެ ބޮޑު އުއްމީދު. ރާއްޖޭގެ އޭވިއޭޝަންގައި ދާއިރާއަށް އަޅުގަނޑަށް ވީ ވަރަކުން އަދިވެސް ކޮންޓްރިބިއުޝަން ދޭނަން."
ވެލާނާ އެއާޕޯޓުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު އަދާކުރާ އޭޓީސީގެ ވަޒީފާއާ އުމުރުން އެންމެ 18 އަހަރުގައި އޭނާ ގުޅިވަޑައިގަތީ އޭރު އެއާޕޯޓްގައި މަސައްކަތް ކުރި އާއިލާގެ މީހެއްގެ އެދުމުގެ މަތިންނެވެ. އޭޓީސީގެ މަސައްކަތަކީ ކިހާ ވަރެއްގެ ވަޒީފާއެއްކަން ނޭނގި ހުރެ އެވެ. އެކަމަކު އެކަން ކުރާ ގޮތް އެނގުމުން، އޭގެ ތެރެއަށް އޭނާ ވަރަށް ޝައުގުވެރިވި އެވެ.
ހަމީދު ވަނީ ސިންގަޕޫރާއި ޗައިނާއިން ވެސް އޭޓީސީގެ ޓްރެއިނިންތައް ފުރިހަމަ ކުރައްވައިފަ އެވެ. އެހެން ބައެއް ގައުމުތަކަށް ވަޑައިގެން މި ދާއިރާއިން ކޯސްތައް ވެސް ހެއްދެވި އެވެ.
އޭނާ ކުރިން "މިހާރު" އަށް ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ މި ދާއިރާގައި ރާއްޖޭގައި ދެވޭނެ އެންމެ މައްޗަށް ދެވުނީ މި ދާއިރާއަށް އޮތް ލޯތްބައި ޑެޑިކޭޝަންގެ ސަބަބުން ކަމަށެވެ. މި ވަގުތު ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅޭ ގޮތުން އެއާޕޯޓުތަކުގައި ޕަބްލިޝްކޮށްފައި އޮތް 99 ޕަސެންޓް ޕްރޮސީޖާ ޕްލޭން ތައްޔާރުކޮށްދެއްވީ ވެސް ހަމީދެވެ.