ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުގެ ފަރާތުން، ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ނުފޫޒުގަދަ އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ ބައްދަލުކޮށްފި އެވެ.

ރާއްޖޭގެ އެންމެ މުއްސަނދި އެއް ބޭފުޅާއާ ބައްދަލުކުރުމަށް ކުރެއްދޫ އައިލެންޑް ރިސޯޓަށް މިދިޔަ ހަފުތާ ބަންދުގައި ވަޑައިގަތީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ރައީސްގެ ކޮއްކޯފުޅު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދެވެ.

އެކަމަކު، އެ ބައްދަލުވުމުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވިޔަސް އެ ބޭފުޅުން މީޑިއާއާ ވާހަކައެއް ނުދައްކަވަ އެވެ. އެހެންވެ، ބައްދަލުވުމުގެ ތަފުސީލެއް ނޭނގެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކުރިން، އެ ޕްރައިމަރީގައި ވާދަކުރެއްވި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އުއްޗު ވެސް ބައްދަލު ކުރައްވާފައި ވެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެކި ފަރާތްތަކުގެ ތާއީދު ހޯއްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެކަމަކު، މިހާރު ވެސް މި ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ހުރިހާ ޕާޓީތަކުގެ ތާއީދެއް އަންނަ ރިޔާސީ އިންތިހާބަށް އެ މަނިކުފާނަށް އަދި ނުހޯއްދެވެ އެވެ. އެމްޑީޕީއާއެކު ދެމިތިބޭނެ ކަމަށް މިހާތަނަށް ބުނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އާނބަސް ދިނީ އަދާލަތު ޕާޓީ އެކަންޏެވެ. ދެން އުޅެނީ މިހާރުގެ ކޯލިޝަންގައި ނުހިމެނޭ އެމްޑީއޭ އެވެ.

އެމްއާރުއެމްގެ މުސްތަޝާރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ޓީމަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރެއްވިޔަސް އެ ބައްދަލުވުން ނިމުނީ އިތުރު ތަފުސީލުތަކާއެކު އަލުން މަޝްވަރާތައް ކުރުމަށް އެއްބަސްވެގެންނެވެ. ރައީސާއި އެމްޑީޕީއާއެކު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ދެމިތިބޭކަށް އެމްއާރުއެމުން އަދި ނުނިންމަ އެވެ.

މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމާފައި ވަނީ އެ ޕާޓީން އެކަނި މި ފަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަން ނުވަތަ އެ ޕާޓީ އިސްވެ އެހެން ބަޔަކާއެކު ކޯލިޝަން ހެދުމަށެވެ.