އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ކަރުދާސްތައް ބަލައި، ގުނަނީ: ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލާގައި މިހާރު އޮތް ބަހުސަކީ ދައުވާކުރި މީހާ އަކީ ޕާޓީގެ މެންބަރުކަމާ މެދު. -- ފޮޓޯ: މިހާރު
30 މާޗް 2023 - 12:55
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން އެދި ދައުވާކުރި އަލީ އަމްޖަދަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީން ބުނި ނަމަވެސް އޭނާ ޕާޓީން ވަކިކުރީ ދައުވާ ކުރިތާ ހަފުތާއެއް ފަހުން ކަމަށް އޭނާގެ ވަކީލް ފާތިމަތު ދިޔާނާ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕްރައިމަރީގެ މައްސަލާގައި ދައުވާކުރާ މީހާ އަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށް ބުނެ، އެ މައްސަލަ ނުބެލޭނެ ކަމަށް އެމްޑީޕީން ވަނީ ސިވިލް ކޯޓުގެ ޝަރީއަތުގައި ބުނެފަ އެވެ. އެކަން ސާބިތުކޮށްދޭން އެމްޑީޕީން ވަނީ އަލީ އަމްޖަދު ޕާޓީގެ ދަފްތަރުގައި އޮތީ އިދާރީ ކުށަކުން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއެއް ހުށަހަޅައިފަ އެވެ.
ރައްދުގައި، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ވިދާޅުވީ އަލީ އަމްޖަދަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށާއި ދަފްތަރުގައި ނަން އޮތީ އިދާރީ އޮޅުމަކުން ކަމަށް ބުނެ އީސީން ސިޓީ ފޮނުވީ ދައުވާކުރިތާ ހަތް ދުވަސް ފަހުން ކަމަށެވެ. އަލީ އަމްޖަދުގެ މެންބަރުގެ ކަމުގެ މައްސަލަ އިދާރީ ކުށަކަކަށް ވެ، އެކަން ފެންމަތިވީ ދައުވާ ހުށަހެޅުމުން ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.
ދިޔާނާ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދަފްތަރުގައި ވެސް އަލީ އަމްޖަދުގެ ނަން އޮތް ކަމަށެވެ. ޕާޓީގެ ދަފްތަރާއި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރަކީ ގާނޫނީ ގޮތުން އެއް ހައިސިއްޔަތެއް އޮތް ދެ ދަފްތަރު ކަމަށް ދިޔާނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭރު ވެސް އެއީ ޕާޓީގެ މެންބަރެއް ނޫން ކަމާ މެދު ޕާޓީން ސުވާލެއް ނުއުފައްދާ ކަމަށެވެ.
ދިޔާނާ ވިދާޅުވީ އެއީ އިލެކްޝަންސް ކޮމިޝަނުން ހިންގި ހިޔާނާތުގެ އަމަލެއް ކަމަށް އޭނާ ވިދާޅުނުވާނެ ކަމަށާއި އެކަމަކު ދައުވާ ކުރި އިރު ވެސް ޕާޓީގެ މެންބަރެއްގެ ގޮތުގައި ފެންނަ އޮތުމަކީ ދައުވާކުރި ފަރާތުގެ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ މިފަދަ ހާލަތުގައި ބެނެފިޓް އޮފް ޑައުޓް ނުވަތަ ހެކީގެ ބުރަދަން އޮންނާނީ މައުސޫމް ފަރާތަށް ކަމަށެވެ.
ދިޔާނާ ވިދާޅުވި ގޮތުގައި މީހަކު ޕާޓީއެއްގެ ދަފްތަރުން ވަކިކުރުމާ މެދު ގޮތެއް ނިންމައި ޕާޓީއަށް އެކަން އެންގި އިރު އެ ރައްދުވާ މީހާއަށް އެކަން އަންގާފައި ނުވުމަކީ ސިޓީގެ ސައްހަކަމާ މެދު ސުވާލު އުފައްދަންޖެހޭ ސަބަބެކެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދަނީ. -- ފޮޓޯ: މިހާރު
އެމްޑީޕީގެ ފަރާތުން ވަކީލް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، ދައުވާކުރި މީހާ އަކީ އެއްވެސް އިރެއްގައި ޕާޓީގެ މެންބަރެއް ނޫން ކަމަށް ނުބުނާ ކަމަށާއި އެއީ ޕާޓީ އުފެދުނު އިރު މެންބަރެއް ނަމަވެސް އޭނާ 2008 ގައި އަމިއްލަ އަށް އެދިގެން ޕާޓީން ވަކިވީ ކަމަށެވެ. އޭގެ ފަހުން އެކި ޕާޓީތަކަށް ސޮއިކޮށް އަދި އިލެކްޝަންސް ކޮމިޝަނަށް އެރި ކަމަށް ބުނާ އޮޅުމަކީ ހަމަ ހަގީގަތުގައި ވެސް އަރާފާނެ އޮޅުމެއްތޯ ބެލޭނެ ކަމަށާއި އެކަން ކޯޓުން ބެލުމަށް އެދޭ ކަމަށް ވެސް އެމްޑީޕީގެ ވަކީލުން ވިދާޅުވި އެވެ.
އަހްމަދު ވިދާޅުވީ ކުރިން އިލެކްޝަންސް އިން އަމަލުކުރި ގޮތުން، މީހަކަށް ނޭނގި ޕާޓީ ބަދަލުކޮށްފައިވާ ނަމަ އެ މީހަކު އެންމެ ފަހުން އޮންނަ ޕާޓީއަކަށް ބަދަލުކުރަނީ ކަމަށެވެ. އަލީ އަމްޖަދު ވެސް އެކި ޕާޓީތަކަށް ވަންނަމުން ގޮސް ޖުމްހޫރީ ޕާޓީ އަށް ބަދަލުވެފައި އޮތީ އޮޅުވާލައިގެން ކަމަށް ބުނެ ޝަކުވާ ހުށަހެޅުމުން އޭނާ ކުރިން ހުރި މޯލްޑިވްސް ނެޝަނަލް ކޮންފްރެސް އޮތީ އުވިފައި ކަމަށް އަހްމަދު ވިދާޅުވި އެވެ. އެހެންވެ އެންމެ ކުރިން އަމްޖަދުގެ ނަން އޮތް ޕާޓީ ކަމަށްވާ އެމްޑީޕީގައި އޭނާ ހިމެނިފައި އޮތީ ކަމަށާއި އިލެކްޝަންސް އަށް އެރި އޮޅުމަކީ އެއީ ކަމަށް ވަކީލް ވިދާޅުވި އެވެ.
އެކަމަކު ދިޔާނާ ވިދާޅުވީ އިލެކްޝަންސްގެ ސިޓީ އަކީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އެމްޑީޕީން ކަމަށާއި އެހެންވެ ޝަރީއަތުން އެކަން އިލެކްޝަންގެ ފަރާތުން ސާފުކުރަން ނުޖެހޭ ކަމަށާއި އޭގެ ސައްހަކަން ސާބިތުކޮށްދޭން ޖެހޭނީ އެމްޑީޕީން ކަމަށެވެ.
ދައުވާކުރި ފަރާތުން ޕާޓީގެ އެތެރޭގެ މަރުހަލާތައް ބޭނުންކޮށް އިސްތިއުނާފުގެ މަރުހަލާ ވެސް ފުރިހަމަ ނުކުރާ ކަމަށް އެމްޑީޕީން ބުނާތީ، ދައުވާކުރި ފަރާތުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެކަމުގައި ޕާޓީއަށް ފޮނުވި ސިޓީ ޝަރީއަތަށް ހުށަހެޅި ނަމަވެސް އެމްޑީޕީގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު ފަރީދު ވިދާޅުވީ އެ އީމެއިލް ނުލިބޭ ކަމަށެވެ. އީމެއިލަށް ޖަވާބެއް ނުލިބުމުން ވީ ގޮތެއް ނުބަލައި ކޯޓަށް މައްސަލަ ހުށަހެޅީ ކީއްވެތޯ ސުވާލު އުފެއްދި އެވެ. އީމެއިލަށް ޖަވާބު ނުލިބޭ ނަމަ އެ ނުލިބެނީ ކަމަށް ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ ގާޒީ އައިޝަތު އަޒްފާ އަބްދުލްޣަފޫރު މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ހުށަހަޅާފައިވާ އިޖުރާއީ ނުކުތާއާ މެދު ޝަރީއަތުން ދިރާސާކޮށް ގޮތެއް ނިންމާނެ ކަމަށް ވިދާޅުވަމުންނެވެ.
އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ. އެކަމަކު ނަޝީދުގެ ފެކްޝަނުން ބުނަމުން ދަނީ މެންބަރުންގެ ދަފްތަރު ގަޑުބަޑުކޮށް، ނަޝީދަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ޕާޓީން ވަކިކޮށްފައި ވާތީ ޕްރައިމަރީ ސައްހަ ނުވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިފްވާން
01 April 2023
އިލެކްޝަން ކޮމިޝަނުން މިއޮތްކުރި ކަމަކުން ސާފު މިވަނީ މިނިވަން ކޮނިޝަނެއް ނޫންކަން
އެމްސް
01 April 2023
އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އެހާ ގަދަބަސް އެބުނަނީ ތިޔަފަދަ ކިތަންމެ ކަމެއް ކޮށްފަ ސަލާމަތުން ހުރެވޭތީތާ!
އީނާ
30 March 2023
ތިމައްސަލަ ވެއްދީ މަޝްހޫރުކަން ހޯދަން އުޅޭ މީހެއް.
ބޮޑުމީހާ
30 March 2023
އިލެކްޝަން ކޮމިޝަނަށް އިދާރީ އޮޅުން އެރުމާއި ކުރީގެ ފަޑިޔާރުގޭގަ އޮންނަ މައްސަލަތަކުގެ މައްޗަށް ކޮފީ ބަންޑުންވުން މީ އެއްޒާތެއްގެ އަޖައިބުތަކެއް. މިނިވަން މުއައްސަސާތަކަކީ ނަމެއްގައި މިނިވަން ސަރުކާރުގެ ޕަޕެޓުން ތަކެއް
ކޮބާ
30 March 2023
އީސީ ނުވާނެ ދޯ މިވަރުގެ ޖަރީމާ ހިންގާކަށް. ފައްޔާޒު ހޮވި އިންތިހާބުގަ ވެސް އަމްޖަދު ގެ ނަން އެމްޑީޕީ އަމިއްލައަށް ގެންގުޅޭ ލިސްޓްގައި އޮތް. ވިމާ 2008 ގައި ޕާޓީން ވަކިވި މީހެކޭ ބުނެވޭނެ ތަނެއް ނެތް އެގޮތަށް ބެލިޔަސް.
ޥަހީސ
30 March 2023
ދެންވޯޓުއަންދާލާ
އޮނަރަބްލް އަފީފު ދީދީ
30 March 2023
ޤާނޫނު ލާޒިމްކުރާއަދަދެއްގެ ފައިސާ ދައުލަތުގެ ބަޖޭޓުން ޕާޓީތަކަށް ބަހާންޖެހޭތީ ޕާޓީތަކުގެ ދަފުތަރު ބެލެހެއްޓުމުގެ ބުރަ އުފުލުމަކީ އަމިއްލައަށް އިސްނަގައިގެން އީސީ ކުރާންޖެހޭކަމެއްނޫން. # ސިޔާސީ ޕާޓީތަކުގެ ދަފުތަރު ބެލެހެއްޓުން ޕާޓީކަށް ދޫކޮށްލާފައި އިލެކްޝަން ކޮމިޝަންގެ މައްޗަށް ޤާނޫނުން އަމުރުކޮށްފައިވާ ކަންކަންކުރުމާއި ޕާޓީތައް ހިގާނުހިގާގޮތް ބަލާ ފިޔަވަޅުއަޅާ ރެގިއުލޭޓަރީ ބޮޑީއަކަށް އީސީ ވާންޖެހޭ.
ޚާރީ
30 March 2023
ތިކަމުގަ އިލެކްޝަން ކޮމިޝަނުން ޚިޔާނާތެއް ވެފައޮތޭ ބުނަން ނެތްކަމަށް ދިޔާނާ ބުންޏަސް އެކޮމިޝަނުން ތިއޮތީ އެމްޑީޕީ އާ ގުޅިގެން ޖަރީމާ ހިންގާފަކަން ވަރަށް ސާފު
އޮނަރަބްލް އަފީފު ދީދީ
30 March 2023
އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި ވަކީލް އަހްމަދުގެ ވާހަކަ ހުރިގޮތުން ހީވަނީ އެބޭފުޅާއަކީ މިކަމުގައި ދެފަރާތެއްގެ (އީސީއާއި އެމްޑީޕީގެ) މަސްލަހަތު ހިމާޔަތްކުރުމުގެ ޒިންމާ އުފުއްލަވާ ވަކީލެއް ހެން. # މިއީ ވަރަށް ދެރަކޮށް ހިގާ ކަމެއް. ދައުލަތުގެ މިނިވަން މުއައްސަސާ ތަކުގެ ގޮތުގައި ހަދާފައިވާ އިލެކްޝަން ކޮމިޝަން ފަދަ ފަރާތްތަކުން މިވަރުގެބޮޑެތި އޮޅުން އަރާފަދަކަންކަން ކުރާނަމަ ކިހިނެއްތޯ ރައްޔިތުން މިތަންތަނަށް އިތުބާރު ކުރާނީ. މިކަން ބަލާންޖެހޭ.
ބާގްސް
30 March 2023
ބަގާވަތްކޮށްފަ ފިލި އަފީފުތަ ތީ؟
ހޮޅިވާހަކަ
30 March 2023
ބަޤާވާތް ކުރީ އަފީފެއްނޫން. ކޯޓްގައި މައްސަލަ އޮންނާނީ ބައާވާތް ކުރި މީހުންނާއި މެދު.