މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ނިންމަވައިފިކަން މިއަދު އިއުލާން ކުރައްވައިފި އެވެ.
އުއްޗުގެ ރިސޯޓް ޗަމްޕާ ގިރީގައި ރައީސްގެ ދެކަނބަލުންނަށް ދެއްވި ރޯދަވީއްލުމުގެ ކުރިން އުއްޗު ވަނީ "އިބޫ 23" ޖަހާފައިވާ ޖާޒީއެއް ރައީސަށް އަރުވައިފަ އެވެ.
ޗަމްޕާ ގިރި އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން މަރުހަބާ ދެންނެވީ އުއްޗު އެވެ.
އެ ރޯދަވީއްލުމުގައި އުއްޗުގެ އަނބިކަނބަލުންނާއި އާއިލާގެ ބައެއް ބޭފުޅުންގެ އިތުރުން ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
ރާއްޖޭގެ އެންމެ މުއްސަނދި އެއްބޭފުޅާ އުއްޗުގެ ތާއީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ކަން ހާމަކުރެއްވިއިރު، ރައީސްގެ ފަރާތްޕުޅުން ދާދި ފަހުން މަންދޫބުންތަކެއް އުއްޗު ގާތަށް ފޮނުއްވި އެވެ. އޭގެ ތަފުސީލެއް ނުލިބެ އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި، މި ސަރުކާރުގެ ކޯލިޝަންގައި މިހާތަނަށް ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވާފައި ވަނީ މި އިންތިހާބަށް ނުކުމެވަޑައިގަތުމަށެވެ. ގާސިމްގެ ފަހަތަށް އަރާވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ "ފިކުރުގެ ދިރުން" ޓީމެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް މިހާތަނަށް އެއްބަސްވީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އެވެ.