ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ވަގަށް ބޭރުކުރަން އުޅުނު އިތުރު ދިވެއްސަކު ތައިލެންޑުން ހައްޔަރުކޮށްފި އެވެ.
މިދިޔަ މަހު ވެސް، ދިވެހިންގެ ބަޔަކު މަނާ ދިރޭ ތަކެތި ތައިލެންޑުން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތެވެ. އެ އެންމެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އެ ގައުމުގެ ބައެއް ނޫސްތަކުގައި ވާ ގޮތުން، ދިވެއްސަކު އިއްޔެ ހައްޔަރުކުރީ ބެންކޮކް އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އަންނަން ވެގެން އެ ގައުމުގެ މައި އެއާޕޯޓް، ސުވަރްނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ. އޭނާގެ ލަގެޖުން ފެނުނީ ތައިލެންޑުގައި ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތި ކަމަށް ކަމާބެހޭ އިދާރާތަކާ ހަވާލާދީ ނޫސްތަކުގައި ވެ އެވެ.
ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕާކް، ވައިލްޑްލައިފް އަދި ޕްލާންޓް ކޮންސަވޭޝަން (ޑީއެންޕީ) އާ ހަވާލާދީ ނޫސްތަކުގައި ބުނީ، ދިވެހި މީހާގެ ލަގެޖުން ފެނުނީ، ބްލެކް ހޯކް އާއި ބަފީ ފިޝް އައުލް އަދި ބެއާޑް އީގަލް އައުލް ފަދަ ދޫނިތައް ކަމަށެވެ.
އެ ދޫނިތައް ހުރީ ވަށިގަނޑުތަކަކަށް އަޅައި، ލަގެޖް ބޮކްސްއެއްގައި ބަންދުކޮށްފަ އެވެ.
ޑީއެންޕީ ބުނި ގޮތުގައި، އެ އެއްޗެހީގެ އަގު 100،000 ބާތު (45،099ރ.) އަަށް އަރަ އެވެ.
އެ މީހާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސުވަރުނަބޫމީ އެއާޕޯޓް ޕޮލިސްއަށް ޑީއެންޕީން ހެކި ހުށަހަޅާފައިވާ ކަމަށް ބުންޏެވެ. އޭނާގެ ލަޖެގުން ފެނުނު ދޫނިތައް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ތައިލެންޑްގެ މީޑިއާތަކުން ބުންޏެވެ.