ފުޓްބޯޅަ ކްލަބްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ކުންފުނިތަކުގެ ބައިވެރިވުން ހޯދަން އެފްއޭއެމުން ނިންމައިފި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެންމެ ބޮޑު އެއް ވައުދަކީ ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ވައުދު ފުއްދުމުގެ ގޮތުން އެފްއޭއެމުން ވަނީ މިހާރު ޕްލޭނެއް އެކުލަވާލައިފަ އެވެ. އެއީ ކުންފުނިތަކުގެ އެހީގައި ކްލަބްތަކަށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަމުގެ ޕްލޭނެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފުޓްބޯޅަ އަށް މާލީ އެހީތެރިކަން ދިނުމަށް 12 ކުންފުންޏަކާ އެކު އެފްއޭއެމް އިން އެއްބަސްވުން ހަދާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
މި ގޮތުން އެފްއޭއެމުން ނިންމާފައިވަނީ މާލޭ ލީގުގައި ކުޅޭ އަށް ކްލަބަށް އަށް ކުންފުނިން ހަރަދުކުރާ ގޮތަށް ހަމަޖެއްސުމަށެވެ. ކްލަބްތަކަށް ހަރަދުކުރާނެ ކުންފުނި ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށް އެފްއޭއެމުން ބުނެ އެވެ.
މާލޭ ލީގުގެ ކޮންމެ ކްލަބަކަށް މި ކުންފުނިތައް މެދުވެރިކޮށް 2 މިލިއަން ރުފިޔާ ދޭނެ އެވެ. މި ފައިސާ ދޭނީ ހަތަރު ކުއާޓާ އަށް ބަހާލައިގެންނެވެ. މާލޭ ލީގުން ޕްރިމިއާ ލީގަށް ހޮވޭ ހަތަރު ކްލަބަށް އިތުރު އެއް މިލިއަން ރުފިޔާ ދޭނެ އެވެ.
ކުންފުނިތަކުން ބައިވެރިވާނެ ގޮތްތައް:
- 12 ކުންފުންޏާ އެކު އެފްއޭއެމުން އެއްބަސްވުން ހަދާނެ (8 ކުންފުނި މާލޭ ލީގުގެ ކްލަބްތަކަށް).
- 4 ކުންފުނި މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އަންނަ ހަތަރު ޓީމަށް.
- މާލޭ ލީގު ކްލަބްތަކަށް ކުންފުނިތަކުން ލާރި ދޭނީ ހަތަރު ކުއާޓާ އަށް ބަހާލައިގެން.
- މާލެ ލީގަށް ކޮންމެ ކްލަބަކަށް ދޭނީ 2 މިލިއަން ރުފިޔާ، ޕްރިމިއާ ލީގަށް ދިއުމުން އެ ހަތަރު ކްލަބަށް އިތުރު އެއް މިލިއަން ރުފިޔާ ލިބޭނެ.
- މިނިވަން ޗެމްޕިއަންޝިޕުގެ ހަތަރު ޓީމަށް ކުންފުނިން ހަރަދު ކުރަން ފަށާނީ ޕްރިމިއާ ލީގާ ހަމައިން. އެ ހަތަރު ޓީމުގެ ތެރެއިން ކޮންމެ ޓީމެއްގެ ހުރިހާ ހަރަދަކަށް 1.5 މިލިއަން ރުފިޔާ ދޭނެ.
ކްލަބްތަކަށް ކުންފުނިތަކުން ފައިސާ ދޫކުރާއިރު ވަކި އުސޫލުތަކެއް ގާއިމްކުރާނެ ކަމަށާއި އޭގެ ތެރޭގައި ކޮންމެ ކުއާޓާއެއްގައި ހަރަދުކުރެވުނު ގޮތުގެ ތަފްސީލް ހުށަަހަޅަންވާނެ އެވެ. އަދި ތަފްސީލް ހުށަނޭޅޭ ނަމަ އަނެއް ކުއާޓާގެ ފައިސާ ދޫނުކުރާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.
އެފްއޭއެމުން ބުނީ ކްލަބްތަކަށް ކުންފުނިތަކުން ހަރަދުކުރާއިރު އެ ކްލަބްތަކުގައި ވެސް ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހޭނެ ކަމަށާއި އެކަންތައްތައް ކްލަބްތަކަށް އަންގާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ކުންފުނިތަކާ އެކު އެއްބަސްވުމުގަައި ސޮއިކޮށް ފުރަތަމަ ކުއާޓާގެ ފައިސާ މާލޭ ލީގު ކްލަބްތަކާ ހަވާލުކުރާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.
އެފްއޭއެމްގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ބައްސާމް ވެވަޑައިގަތް އަނެއް ވައުދަކީ ދެ ވަނަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ފަސް ލައްކަ ރުފިޔާ އަދި ތިން ވަނަ ޑިވިޝަނުގެ ގަދަ ފަސް ކްލަބްގެ ތެރެއިން ކޮންމެ ކްލަބަކަށް އެއް ލައްކަ ރުފިޔާ ދިނުމެވެ. މި ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ އެފްއޭއެމްގެ ބަޖެޓުންނެވެ.
ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކަށް މީގެ ކުރިން ހަރަދުކޮށްފައިވަނީ އެ ކްލަބްތަކުގެ ސްޕޮންސަރުންނާއި ސަޕޯޓަރުންނާއި މެނޭޖްމަންޓުންނެވެ. އެފްއޭއެމް މެދުވެރިވެގެން ކުންފުނިތަކާ އެއްބަސްވުން ހަދައިގެން ފުޓްބޯޅަ އަށް ހަރަދުކުރާ ގޮތަށް ގެންނަ މި ބަދަލާ ގުޅިގެން ފުޓްބޯޅަ ކުރިއެރުވުމަށް ފަސޭހަތަކެއް ވެގެންދާނެ އެވެ. އަދި ބައެއް ކްލަބްތަކަށް ފާއިތުވި އަހަރުތަކުގައި ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުންކަމަށްވާ ކުޅުންތެރިންގެ މުސާރަ ހަމަޖެއްސުމަށް މި ބަދަލުގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށް ކްލަބްތަކުން ގަބޫލުކުރެ އެވެ.