އުމްރާ އަށް ދިޔަ ބަޔަކު ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި:
13 އެޕްރީލް 2023 - 16:15
މި ރޯދަމަހުގެ އުމްރާ އަށް މީހުން ގެންދިޔަ ގުރޫޕެއްގެ ފްލައިޓް ޗާޓަރު ކޮށްދީ، ޓިކެޓް ނަގައިދިން ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ދެ ޗެކް ބައުންސްވެ، 140 އާ ގާތްކުރާ އަދަދެއްގެ އުމްރާވެރިން ސައޫދީގައި ތާށިވެދާނެ ކަމުގެ ބިރު މި ވަގުތަށް ބޮޑުވެއްޖެ އެވެ.
އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި 138 މީހަކު މިދިޔަ މަހާއި މި މަހު ޗާޓަރު ފްލައިޓެއްގައި ޖިއްދާ އަށް ގެންދިޔަ އެވެ. އެ މީހުންގެ ޓިކެޓްގެ އަގަށް 141،450 ޑޮލަރު އަރާފައިވާއިރު، ފްލައިޓް ޗާޓަރު ކޮށްދިން ޓްރެވެލް 2 މޯލްޑިވްސް އިން އަލް މަޝްއަރު އުމްރާ ގުރޫޕުން ދޫކުރި ދެ ޗެކް ވަނީ ބައުންސް ވެފައި ކަމަށް އެނގިފައި ވެ އެވެ.
އެ ގުރޫޕްގެ އުމްރާވެރިން ރާއްޖެ އައުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 27 ގަ އެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް އަލް މަޝްއަރު އުމްރާ ގުރޫޕުން ފައިސާ ނުދައްކާތީ، ޓްރެވެލް 2 މޯލްޑިވްސް އިން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ ސަމާލުކަމަށް ވެސް އެ މައްސަލަ ގެނެސްފައިވާ ކަމަށް އެ މައްސަލަ އެނގޭ މީހަކު "މިހާރު" ބުންޏެވެ.
ބައުންސްވި ދެ ޗެކްގެ ތަފުސީލު ވެސް މިހާރު ވަނީ އިސްލާމިކް މިނިސްޓްރީއާ ހިއްސާކޮށްފަ އެވެ.
"އުޅެއުޅެ އެ ފައިސާ އުމްރާ ގުރޫޕުން ލިބޭ ގޮތެއް ނުވީ. އެހެންވެ މިނިސްޓްރީ އަށް އެ މައްސަލަ ހުށަހެޅީ،" މައްސަލައިގެ ހަގީގަތް އެނގޭ މީހާ ބުންޏެވެ.
އަލް މަޝްއަރު އުމްރާ ގުރޫޕްގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ޓިކެޓް ނަގައިދީ، ފްލައިޓް ޗާޓަރު ކުރި ކުންފުންޏަށް ދޫކުރީ "ކޭޝް ޓްރާންސްފާ" ކުރާނެ ކަމުގެ ގެރެންޓީގެ ޗެކެއް ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވި ޗެކް ޖަމާކުރުމުގެ ކުރިން އަޅުގަނޑުމެންނަށް ނޮޓިފައި ކޮށްލަން. އެއީ ހަމައެކަނި ގެރެންޓީ ޗެކެއް،" މިހާރު މައްކާގައި ހުންނެވި، އަލް މަޝްއަރު އުމްރާ ގުރޫޕްގެ އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް ޓްރެވެލް 2 މޯލްޑިވްސް އިން ބުނީ، ފައިސާ ދެއްކުމަށް އަލް މަޝްއަރު އުމްރާ ގުރޫޕުން އެކި ތާރީހުތައް ދީ، އެކަމަކު އެކަން ކޮށް ނުދިމުން ޗެކް ޖަމާކުރީ ކަމަށެވެ.
"މިއަދާ ހަމައަށް ވެސް ފައިސާ ޓްރާންސްފާއެއެއް ނުކުރެވޭ. އެކިއެކި ތާރީހުތައް ދެމުން ގެންދަނީ. އަޅުގަނޑުމެންނާ އޮންނަ ގާތްކަމެއްގެ ސަބަބުން އެކި އެއާލައިންތަކުން ފްލައިޓްތައް ހަމަޖައްސައިދޭ. އެކަމަކު، މުއްދަތަށް ފައިސާ ނުދައްކާ ކަމަށް ވަންޏާ އެ ބޭފުޅުންގެ އިތުބާރު ވެސް ގެއްލޭނެ،" ފްލައިޓް ޗާޓަރު ކޮށްދިނުމުގައި އެހީތެރިވި ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އަލް މަޝްއަރު ގުރޫޕުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ، މައްސަލަ ހައްލު ކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި ޓްރެވެލް 2 މޯލްޑިވްސްއާ ދެމެދު ވާހަކަތައް ދެއްކެވެމުން އަންނަ ކަމަށެވެ.
ޓްރެވެލް 2 މޯލްޑިވްސް އަށް 141،000 އަށް ވުރެ ގިނަ ޑޮލަރު ނުދައްކައިފި ނަމަ އެ ފްލައިޓް ކެންސަލް ކުރުމުގެ ބިރު ބޮޑެވެ. އެހެންވެއްޖެ ނަމަ އަލް މަޝްއަރު އުމްރާ ގުރޫޕްގެ ހަވާލުގައި އުމްރާ އަށް ގެންދިޔަ 138 މީހުން ރާއްޖެ ގެނައުމުގައި އުނދަގޫތަކެއް ވެދާނެ އެވެ.
އެކަމަކު، މައްސަލަ ހައްލު ކުރުމަށް ތިން ފަރާތުން ވެސް މިހާރު މަސައްކަތް ފަށާފައިވާތީ އަދި ވާނެ ގޮތެއް ޔަގީނެއް ނޫނެވެ.
އަލް މަޝްއަރު އުމްރާ ގުރޫޕުން މި ރޯދަމަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 36،500ރ. އެވެ. އެއީ 30 ދުވަހުގެ އުމްރާގެ އަގެވެ. އޭގެ ތެރޭގައި ހިމެނެނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ހަރަދެވެ.
ޗެކް ބައުންސްވި މައްސަލައާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއާ "މިހާރު" އިން މެސެޖުން މުއާމަލާތްކުރި ނަމަވެސް ޖަވާބެއް ނުދެއްވަ އެވެ. ފޯނެއް ވެސް ނުނަންގަވަ އެވެ.
މި ރޯދަމަހު އުމްރާ އަށް މީހުން ގެންދިޔަ ސަފާ ގުރޫޕްގެ މީހުންނަށް ވެސް ފަހު ވަގުތު ވިސާ ހަމަނުޖެހި، ފުރަތަމަ ފުރަން ކަނޑައެޅި ތާރީހަށް ނުފުރުނެވެ. އެ މީހުންނަށް ފުރުނީ އެހެން ކުންފުންޏެއް މެދުވެރިކޮށް، ވިސާ ނަގައިގެން، ފްލައިޓެއް ޗާޓަރު ކޮށްގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިކަމެތިރައްޔިތުމީހާ
19 April 2023
ދިވެހިން މީ މުޅިން އެހެން ލެވެލްއެއް! އުމްރާ އަދި ހައްޖަށް ދައްކާ ފައިސާ، ޒަކާތު ފައިސާ އަދި އަނެއް ބަޔަކު މިސްކިތް އަޅަން އެޑުވާންސް ފައިސާ ނަގައިގެން މުއްސަނދި މި ވަނީ! މަރުވެދާނެ ކަމަށް މިއިން މީހަކު ހިތަކަށް ނާރާ! މި ހުރިހާ ވައްކަމާއި ފޭރުންތަކަކީ ވެސް ސީދާ އެއިރެއްގަ އޮންނަ ސަރުކާރުގެ މަތީ ފަޑީގަ ތިބޭ ބަޔަކަށް ބައި އެޅިގެން ކުރާ ކަންކަން! ހާއްސަކޮށް އިސްލާމިކު މިނިސްޓަރު. ތާރީހު ބައްލަވާލައްވާ!
އެ ކަނބާ
15 April 2023
މިނިސްޓަރު ފޯނުނަގާނެ ފައިސާ ކޮޅު ދޭނަމަ... ހިލޭ ނުވާނެ އެއްކަމެއްވެސް މިހާރު ގެޓުވާންޖެހޭނެ..
ޖޯޖް
14 April 2023
ދެން ރަނގަޅެއްނުން އެއޮތީ މިނިސްޓަރުގެ ސަމާލުކަނައް ގެނެސްފަ އެހާ ހިސާބުން ސަރުކާރުން ބަލަދުއަރައި އެ ދެޗެކަށްވާ ފައިސާ ދައުލަތުގެ ބަޖެޓުން ދައްކާނެ އަދި އެޖަމާއަތައް ހުރިހާ ފައިދާއެއް
ރޯޒަސް
14 April 2023
މަށަށް ފެންނަނީ މިފަދަ ޚިދުމަތްތަށް ދޭ ފަރާތްތަކުގެ އަތުން ސަރުކާރަށް ޑީޕޮސިޓެއް ނަގާފައި ނޫނީ މިޚިދުމަތް ނުދެވޭގޮތް ހަދަން. މައްސަލަތައް ދިމާވާ ހާލަތްތަކުގަ އެ ޑިޕޮސިޓް ބޭނުންކޮށްގެން ރައްޔިތުންނަށް ހައްލުހޯދައިދޭން... އެހެން ނޫނީ މީހުން އަތުލް ލާރި ނަގާފައި އޭގެން ވިޔަފާރިކޮށް ރޯލުކުރުން ނުހުއްޓުވޭނެ.
އަހުމިއްޓޭ
14 April 2023
ބަލަގަ ކޮން އޮފިޝަލްއެކޭތަ ތިކިޔަނީ. ނަން ޖަހާބަލަ. ދިވެހިން އެބަބޭނުންވޭ ތިކަހަލަ މީހުންގެ ނަންތައް. ނޫނީ އެމީހުން ނޫހަށް ފައިސާތަކެއް ދީފައޮތީތަ ނަން ސިއްރުކުރަން.
އުމްރާ ވެރިއެއް
13 April 2023
ރާއްޖޭގައި ހިންގާ ކޮންމެ ޖަމާ އަތަކުން ސާފުފައިދާ ގޮތުގައި 1-2 މިލިއަން ރުިފޔާ ނަގާ މި ވިޔަފާރި ކޮއްގެން... އަޅާލާނެ ޒިންމާ ނަގާނެ ފަރާތެއް ނެތް ގައުމެއް މީ
އަފީފު ހ އ ދިއްދޫ
13 April 2023
ހުރިހާވެސް މައްސަލައަކީ މިއަހަރު އެއްމެންނަށްވެސް މީ އޯ ކޭ އަހަރު ކަން
އައިދާ
13 April 2023
އޮޅުވާލުމާއި މަކަރާއި ހީލަތްތެރި ވުމުގައި ދިވެހިންނަށް ދުނިޔޭގެ ރިކޯޑް ހައްޤް. މިހެންމިވަނީ ނުކުޅެދޭ ދަޢުލަތެއްގެ ސަބަބުން. އެއްވެސްވަރެއްގެ ހަރުދަނާ އުސޫލުތަކެއް ނެތީ ކަންކަން ބަލަންޖެހޭ ވަރަށް ނުބެލެނީ. މިނިސްޓަރުން، ސްޓޭޓް މިނިސްޓަރުން، ކޯޑިނޭޓަރުން، ޑިރެކްޓަރުން ދެން މިހެންގޮސް ބޮޑު ފަތިވަރަކަށް ވަރުވަރުން މުސާރަކައިގެން އުޅޭ އެތައްބައެއް. ކުރާކަމެއްނެތް
އެނދިމަރޔަނބު
13 April 2023
ގެރެންޓީޗެކު އެއީ ކޮން އެއްޗެއް؟ އިނގޭ މީހަކު އަހަންނަށް ކިޔާދީބަލަ.
ޗެކިން
13 April 2023
ގެރެންޓީ ޗެކަކީ އެކައުންޓްގަ ފައިސާ ނެތަސް ބެންކު މެނޭޖަރު ރުހޭ ޗެކް. އަދި އެކައުންޓްގަ ފައިސާ ހުއްޓަސް ބެންކު މެނޭޖަރު ނުރުހޭ ޗެކް..
ރަދީފްއޮފިޝަލް
13 April 2023
ހީވާ ގޮތުން ދިނީ ޑޭޓެޑް ޗެކެއް.ޗެކްގަ އިން ތާރީޙަށްވުރެ ކުރިން އޮންލައިންކޮށް ޓްރާންސްފަރ ކުރަން ޖަމާއަތުން ނިންމައިގެންތިބީ.އެބުނާ ގެރެންޓީ ޗެކަކީ އިޝޫކުރި ޗެކް.
ޢިހްސާސް
13 April 2023
ބެންކު ގެރެންޓީ ޗެކު އެއީ އެބުނާ ޒާތުގެ އެއްޗެއްބާ؟