ރާއްޖޭގައި އެކި ހިސާބުތަކުގައި މަސައްކަތް ކުރިއަށްދާ ވަރުން މިހާރު ހުރީ އޯވަލޯޑުވާ ހިސާބުގައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހަށް އޭނާ މިއަދު ހާޒިރުކުރުމުން، ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަސްލަމް ވިދާޅުވީ، އެކި ރަށްރަށުގައި ކުރިއަށް ގެންދާ މަސައްކަތްތައް ލަސްވާން ދިމާވާ ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ.
އޭގެ އެއް ސަބަބަކީ ދެފުށް ފެންނަ ގޮތުގައި މަސައްކަތް ކުރިއަށް ގެންދަން ހަދާފައިވާ ގާނޫނާއި ގަވާއިދުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވިގޮތުގައި، މަޝްރޫއެއް ކުރިއަށް ގެންދާ ނަމަ ޓެންޑަރިން ޕްރޮސެސް އާއި އީއައިއޭ އަދި ސްޓެންޑްސްޓިލް ޕީރިއަޑެއް ވެސް އޮވެ އެވެ. މަޝްރޫއުތައް ލަސްވަނީ އެ ފަދަ ސަބަބުތަކާ ހެދިކަން، އޭނާ ފާހަގަކުރެއްވި އެވެ.
"ޕްރޮސެސް ފޮލޯ ކުރީމާ އަންނަ ޑިލޭ ހުރޭ. އަނެއް ކަމަކީ ކެޕޭސިޓީ. އަޅުގަނޑުމެންގެ ކެޕޭސިޓީ މަސައްކަތް ކުރުމުގައި. އެމްޓީސީސީ ވިޔަސް އަދި އެހެން ކުންފުނިތައް ވިޔަސް މިހާރު ރާއްޖޭގައި މަސައްކަތްތައް ހިނގަމުންދާ ވަރުން މި ތިބީ އޯވަލޯޑު ވާ ހިސާބުގައި. އެހެންވީމާ މަސައްކަތުގައި އުޅޭ ލަސްވާ ލަސްވުން" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޝްރޫއު ހިންގާ ކޮންޓްރެކްޓަރުގެ ކެޕޭސިޓީ އަދި މާލީ ހާލަތާ ގުޅޭ މައްސަލަ ދިމާވާ ކަމަށެވެ. ކޮވިޑަށް ފަހު ކުންފުނިތަކުގެ މާލީ ހާލަތަށް އައި ބަދަލުތަކަކީ ވެސް މަޝްރޫއުތައް ލަސްވާން މެދުވެރިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މައްސަލަ ދިމާވާން އެންމެ ސަބަބެއް ނޫން، ބައިވަރު ސަބަބުތައް އެބަހުރި،" އަސްލަމް ވިދާޅުވި އެވެ.
މި ސަރުކާރުގެ މަސައްކަތްތައް ލަސްވާ ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން އަބަދު ވެސް އަމާޒުވެ އެވެ. ނަމަވެސް، އެ ފާޑުކިޔުންތަކަށް ސަރުކާރުން އަބަދު ވެސް ދޭ ޖަވާބަކީ މަޝްރޫއުތައް ސްޕީޑު ލަސް ނޫން ކަމެވެ.