ސަރުކާރުގެ ވިސްނުމަކީ އެކީ އެކައްޗަކަށް ބިން ހިއްކައި ނިންމުން

ސަރުކާރުގެ ވިސްނުމަކީ އިރުއިރުކޮޅާ ރަށްރަށުގެ ބިން ހިއްކުމުގެ ބަދަލުގައި އެކީ އެކައްޗަކަށް ބިން ހިއްކައި ނިންމުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.


މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިހުގައި ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި އަސްލަމް ވިދާޅުވީ ބިން ހިއްކުމަކީ ތިމާވެއްޓާ ރަހްމަތްތެރި ގޮތެއް ނޫން ކަމަށެވެ. އެކަމަކު، އެއީ ބައެއް ފަހަރު ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުގެ ވިސްނުމަކީ އިރުއިރުކޮޅާ ބިން ހިއްކަން ނުޖެހޭ ގޮތަށް "ހިއްކަން އޮތް ބިމެއް އޮވެއްޖެ ނަމަ" އެއްފަހަރާ ގޮސް ހިއްކާލުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެކަން ކުރާނީ (ބިން ހިއްކާނީ) ވަރަށް މަދުން ކުރަން ޖެހޭ ރަށްތަކުގައި،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮސްކާލިސްއާ އެކު ސަރުކާރުން މިހާރު މަޝްވަރާތަކެއް ވަނީ ފަށައިފަ އެވެ. ބޮސްކާލިސްއަކީ މީގެކުރިން ރާއްޖޭގެ އެކި ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރި ބޭރުގެ ކުންފުންޏެކެވެ. އަސްލަމް ވިދާޅުވި ގޮތުގައި އެއީ އެންމެ ރަނގަޅަށް މަސައްކަތް ކުރާ އެއް ކޮންޓްރެކްޓަރެވެ.

ބޮސްކާލިސްއާ އެކު މަޝްވަރާ ކުރަމުން އަންނަނީ ގުޅީފަޅުގައި ބަނދަރެއް ހެދުމަށްޓަކައި ބޭނުންވާ ބިން ހިއްކުމާ ގުޅޭ ގޮތުން ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ރަށްރަށުގެ ބިން ހިއްކާ ނަމަ، އެއަށް ބަޖެޓު ވެސް ހޯދަން ޖެހެ އެވެ. މި އަހަރަށް ލަފާކޮށް ފާސް ކުރި ބަޖެޓުގައި ވެސް އެކަން ކުރުމަށް ކޮންމެވެސް ވަރަކަށް ފައިސާ ޖަހާފައި ހުރި ކަމަށާއި އެއީ އެކަމަކު ފަހެއް ނޫނީ 10 ހެކްޓަރު ހިއްކޭ ވަރަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ބިން ހިއްކުމުގައި މިހާރު އަމަލު ކުރަމުން އަންނަ ގޮތަށް ބަދަލު ގެނެސް، ވަށައިގެން ތޮށިލުން މަދު ކުރުމަކީ ވެސް ސަރުކާރުގެ ވިސްނުމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ. އަސްލަމް ވިދާޅުވި ގޮތުގައި މިހާރު އަމަލު ކުރާ އުސޫލަކީ ހިއްކާ ތަން ވަށައިގެން ތޮށިލައި ހިމާޔަތް ކުރުމެވެ.

"އެއީ ޑިޒައިންކޮށްގެން ކުރާ ކަމެއް ނޫން. ބޮޑު ޖާގަ އޮންނަ ދިމާލަކަށް ހިއްކާލަނީ. އަޅުގަނޑުމެންގެ މިހާރު އާ ވިސްނުމަކީ އެގޮތަށް އެކަން ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ރިސޯޓުތައް ހަދާ އިރު ބިން ހިއްކާ އުޅޭ ގޮތަށް، އެކަން ކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެހާ ބޮޑުކޮށް ތޮށްޓެއް ލާފައެއް ނުހުރޭ. ބީޗް ބޮޑު ބައިގައި އޮވޭ. އެހެން ނަމަވެސް އެ ބީޗު ހިމާޔަތް ކުރުމަށްޓަކައި ކޮންމެސް ވަރަކަށް ތޮށި ލާފައި ހުރޭ،" ރާއްޖޭގެ ރިސޯޓުތައް ތަރައްގީ ކުރަމުން އަންނަ ގޮތުގެ މިސާލު ނަންގަވައި މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވަނީ ކ. މާފުށީގެ ބިން ހިއްކަން އޭނާ ތައްޔާރުކުރި ކޮންސެޕްޓެއް ދައްކާލައްވައިފަ އެވެ. ރަށް ރަށުގައި ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ އިރު، ބީޗެއް ލިބުމަކީ އެ ރަށެއްގެ "ވެލިއު" މައްޗަށް ދާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.