ގުޅިފަޅު އެއްކޮށް ހިއްކައި ނިމޭއިރު 1.8 ބިލިއަން ރުފިޔާ ޚަރަދުވާނެ

މާސްޓަޕްލޭނާ އެއްގޮތަށް ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫ އަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ ފަޅުން ބޮޑު ބައެއް މިހާރު ހިއްކަން ފަށާފައި ވަނީ ކޮމާޝަލް ޕޯޓް ބަދަލުކުރުމަށެވެ. ބީލަމަށް ނުލައި އެ މަސައްކަތް 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ހަވާލުކުރީ ބޮސްކާލިސްއާ އެވެ. ގުޅިފަޅުން ހަ މިލިއަން އަކަ މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނައިރު، ފަރުތަކަށް ގެއްލުންވަމުންދާ ކަމަށް ބުނެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ބޮސްކާލިސްއާ 53 މިލިއަން ޑޮލަރަށް ހަވާލުކޮށްފައިވާ އެ ޕްރޮޖެކްޓާ ގުޅޭގޮތުން މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އޮންލައިންކޮށް ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މަޝްރޫއުގެ އަގާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. ގުޅިފަޅު ހިއްކުމުގެ ޕްރޮޖެކްޓަށް އެންމެ އަގު ބޮޑު ރޭޓުން ބަލާ ނަމަ 120 މިލިއަން ޑޮލަރު އަރަ އެވެ. ނަމަވެސް ތަންކޮޅެއް ކައިރިން ވެލި ނެގޭ ނަމަ އެ އަގު 100 މިލިއަން ޑޮލަރަށް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާއެކު މުޅި ޕްރޮޖެކްޓްގެ އަގާ ގުޅޭގޮތުން ސުވާލު އުފެދުނެވެ.

އެކަން އޮޅުން ފިލުވައި ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ގުޅިފަޅު ހިއްކުމަށް މިހާރު ކުރާ މަސައްކަތުގެ އަގަކީ 53 މިލިއަން ޑޮލަރު ކަމަށެވެ. މިނިސްޓަރު ވިދާޅުވާ 120 މިލިއަން ޑޮލަރަކީ މާސްޓާ ޕްލޭނާ އެއްގޮތަށް އެ ފަޅުން ހިއްކަން ނިންމާފައިވާ ހިސާބު އެއްކޮށް ހިއްކުމުގެ އަގު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފޭސް ވަންގެ އަގަކި 53 މިލިއަން ޑޮލަރު. އެއީ މިހާރު ފަށައިފައިވާ މަސައްކަތް. މާސްޓާޕްލޭނުގައިވާ ގޮތަށް އެއްކޮށް ހިއްކުމުގެ އަގު 120 މިލިއަން ޑޮލަރަކީ،" އޮފިޝަލް ވިދާޅުވި އެވެ.

މިހާރު ހިއްކަން ހަވާލުކޮށްފައިވާ ހަ މިލިއަން އަކަމީޓަރުގެ ބިމުގެ އިތުރުން ދެން ހިއްކަނީ ކިހާ ސަރަހައްދެއް ކަމެއް އަދި ނޭނގެ އެވެ. އެ މަސައްކަތް ފަށާނެ ދުވަހެއް ވެސް އަދި ނުނިންމަ އެވެ.

ތިލަފުށީގައި ކުރިން އަޅަން ނިންމި ޕޯޓް ގުޅިފަޅަށް ބަދަލުކޮށްފައިވާއިރު ގުޅިފަޅަކީ ދުނިޔޭގައި ވެސް އާންމުކޮށް ނުހިއްކާ ވަރުގެ ފުން ފަޅެއް ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެ އެވެ. އެނގިފައިވާ ގޮތުގައި ގުޅިފަޅުން މިހާރު ހިއްކާ ސަރަހައްދުގެ ފުންމިނުގައި އެވްރެޖްކޮށް 20 މީޓަރު (60 ފޫޓު) ހުރެ އެވެ. ރާއްޖޭގައި އާންމުކޮށް ހިއްކާފައިވާ ފަޅުތަކުގެ ފުންމިން އުޅެނީ އެވްރެޖްކޮށް ތިން މީޓަރާއި ފަސް މީޓަރާ ދެމެދުގައި ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެހެންކަމުން މިއީ ރާއްޖޭގައި ވެސް ހިއްކާ އެންމެ ފުން ފަޅެވެ. އެހާ ފުން ތަނެއް ހިއްކަން ޖެހުމަށް އެކަމަށް ބޭނުންވާނެ ވެއްޔާއި ހަރަދު ބޮޑުވެ އެވެ.

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ، ސޭވް މޯލްޑިވްސް އިން ބުނާ ގޮތުގައި ގުޅިފަޅު ހިއްކުމުގެ މުޅި ޕްރޮޖެކްޓްގައި 20 މިލިއަން ކޮޑިމީޓަރުގެ (30 މިލިއަން ޓަނުގެ) ވެލި ބޭނުންކުރާނެ ކަމަށް ބެލެވެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގުޅިފަޅު ފުރަތަމަ ފަހަރަށް ހިއްކިއިރު ވެސް ހިއްކާފައިވަނީ އެ ފަޅުގެ ތިލަ ހިސާބެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ މިފަދަ އެހެން ޕްރޮޖެކްޓަތަކެކޭ އެއްގޮތަށް މި ޕްރޮޖެކްޓްގެ ސަބަބުން ވެސް ތިމާވެއްޓަށް އެކި މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް މިއީ އިގްތިސާދަށް ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގުޅިފަޅުގައި އެ ޕްރޮޖެކްޓް ހިންގަން ނިންމީ މާލޭގައި އޮތް ޕޯޓް ކުޑަވުމުގެ ސަބަބުން މާލެ ކައިރިން އެފަދަ ބަނދަރަކަށް އެންމެ ރަނގަޅު ތަނަށް އެ ފަޅު ވާތީ އެވެ. ތިލަފުށީގައި އެކަން ނުކުރީ އެއީ ކުރިއްސުރެ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ތަނަކަށް ވެފައި ޕޯޓެއް ހިންގަން ދަތިވާނެތީ ކަމަށް ވިދާޅުވި އެވެ.

ގުޅިފަޅު ބިންހިއްކަން ފަށައިފައިވާއިރު، ގުޅިފަޅުގެ މާސްޓަ ޕްލޭނާއި މާލޭ އުތުރު ބަނދަރުގެ މާސްޓަ ޕްލޭން ހަދަން ސިންގަޕޫރުގެ ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ. އެ ދެ މަސައްކަތް ސިންގަޕޫރުގެ އެޗްކިއު ކުންފުންޏާ ހަވާލުކުރީ، ދައުލަތުގެ ބަޖެޓުން ހޭދަކުރާ ގޮތަށް، 650،000 ޑޮލަރު (10 މިލިޔަން ރުފިޔާ) އަށެވެ.