ސޮއިކުރި 36 މަޝްރޫއުގެ އަގު އެއް ބިލިއަނަށް އަރާ: އަސްލަމް

ފެނާއި ނަރުދަމާ އާއި ބަނދަރާއި މަގު ހެދުމުގެ 36 މަޝްރޫއަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.


ސ. މަރަދޫގެ ބަނދަރާއި ބިން ހިއްކުމުގެ މަސައްކަތް ނުފެށި ލަސްވާ މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލާ ގުޅިގެން އަސްލަމް ވިދާޅުވީ މިހާތަނަށް ސޮއިކުރީ ބަނދަރު ހެދުމުގެ 14 މަޝްރޫއަކާއި ފެނާއި ނަރުދަމާގެ 11 މަޝްރޫއަކާއި މަގު ހެދުމުގެ ހަތް މަޝްރޫއަކާއި ފެނުގެ ތިން މަޝްރޫއަކާއި ނަރުދަމާ އެޅުމުގެ އެއް މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއުތަކުގެ އަގު 1.1 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި 41 މަޝްރޫއެއް ކޮންޓްރެކްޓަރުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ޓެންޑަރުގައި 20 މަޝްރޫއެއްގެ މަސައްކަތް އޮތް އިރު، ޑޯނަ ފަންޑިންގައި 39 މަޝްރޫއެއްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. މި އަހަރަށް ލަފާކޮށް މަޖިލިހުން ފާސް ކުރި 30 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހުރިި އެއްވެސް މަޝްރޫއެއް މި އަހަރު ނުފައްޓާ ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

"ވަރަށް ގިނަ މަސައްކަތް އެބަހުރި ކުޑަކުޑަ ލާރިކޮޅެއް ޖަހާލާފައި. ހަމަ އަދަދެއް ޖަހާލާފައި. އެ އެއްޗެހި އަހަރުގެ ކުރީކޮޅު ފަށައިފި ނަމަ، މަސައްކަތް މެދުކެނޑޭނެ. އެހެންވީމަ އެ އެއްޗެހިތައް ފެށޭނީ އަހަރުގެ ފަހުކޮޅަށް ދިޔައީމަ، ތަރުތީބުކޮށްފައި އޮތް ޕްލޭނެއް އެބައޮތް،" އަސްލަމް ވިދާޅުވި އެވެ.

ބަޖެޓުގައި ހިމަނާފައި އޮތް ކަމެއް ނަމަ، މި އަހަރު ތެރޭގައި "އަތް ނުލާ" ނުދާނެ ކަމަށް އަސްލަމް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ފައިސާ ހުރި ވަރަކުން އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށާއި އެ މަސައްކަތްތަކަށް ތާވަލެއް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު (ކ) ބައިވެރިވެވަޑައިގަންނަވަނީ. މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވި. --- ފޮޓޯ: މަޖިލިސް

ޝަރީފްގެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ މަރަދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ބަޖެޓުގައި އޮތީ ވަރަށް ކުޑަކުޑަ އަދަދެއް ކަމަށެވެ. ބަޖެޓުގައި އޮތް އަދަދަކީ "މާ ބޮޑު ކަމެއް" ކުރެވޭނެ އަދަދެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަރަދޫގެ ބިން ހިއްކުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފައި އޮތް ކަން ލިޔެކިޔުންތަކެއް އެނގެން ނެތް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި އޮތީ އިންޑިއާގެ އެގްޒިމް ބޭންކުން އެކަން ކުރަން ކަމަށް އަސްލަމް ވިދާޅުވި އެވެ. އަސްލަމް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަސްލަމްގެ ވާހަކައިގައި އެ މަސައްކަތް ލަސްވާ ސަބަބުތައް ތަފްސީލްކޮށް ދެއްވި އެވެ.

މިނިސްޓަރުގެ ވާހަކައިގައި ވަނީ ގައުމީ ތަރައްގީގެ ޕްލޭނެއް ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އާންމު ކުރައްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.

ގައުމީ ތަރައްގީގެ ޕްލޭނާ ގުޅޭ ގޮތުން ތިމަރަފުށީ ދާއިރާގެ ޖޭޕީގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ އެ ޕްލޭންގެ ޑްރާފްޓެއް ތައްޔާރުކޮށް ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.