ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ސަރުކާރުގެ ނިންމުން ބަދަލުކުރަން ގޮވާލާ ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ--
20 އެޕްރީލް 2023 - 12:15
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ސަރުކާރުގެ ނިންމުން ބަދަލުކުރަން ގޮވާލާ ޕެޓިޝަނެއްގެ މަސައްކަތް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފައްޓަވައިފި އެވެ.
އެކަމަކު، އޭނާ ޕެޓިޝަންގެ މަސައްކަތް ފެއްޓެވިއިރު، ކަނޑުތަކާ ބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ހުށަހެޅި ސަރަހައްދީ އިމުގެ މައްސަލަ މި މަހު 28 ގައި ނިންމަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަނީ ހަމަޖައްސައިފި އެވެ.
އެ މައްސަލާގައި ބޮންޑޭ ސޮއި ހޯދަން ފަށާފައިވާ ޕެޓިޝަންގައި ބުނާ ގޮތުން ރާއްޖޭގެ ކަނޑުގެ 150 މޭލު ހިމެނޭ ސަރަހައްދާއި ކަނޑާއި ޖައްވާއި ކަނޑުގެ އަޑީގައިވާ ވަސީލަތްތަކުން ދިވެހިން މަހުރޫމްވުމުގެ ބިރު އެބަ އޮތެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ހުއްޓި މަސްވެރިން ބަނޑަށް ޖެހޭ ހާލަތަށް ގައުމު ހިނގައިދާނެ ކަމަށް ވެސް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.
ފޯޅަވަޖހި/ޗާގޯސް މައްސަލައާމެދު ދިވެހި ސަރުކަަރުގެ ސްޓޭންޑް ބަދަލުކުރުމަށް ގޮވާލާ ފުރަތަމަ ބައްދަލުވުން @shar_f @MMunavvar @BondeM4 pic.twitter.com/ofaBLkR01U
— ℹ️🌐Ⓜ️ (@jamshyda) April 19, 2023
އެހެންކަމުން ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް "ސިއްރުން" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވާފައިވާ ސިޓީ އަނބުރާ ގެނައުމަށް އެ ޕެޓިޝަންގައި ވަނީ ގޮވާލައިފަ އެވެ. އަދި އެކަމުގައި 500 މިލިއަން ޑޮލަރުގެ ސިއްރު ޑީލެއް ހިމެނޭ ކަމަށް ވެސް އެ ޕެޓިޝަންގައި ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި އެ މައްސަލަ މިނިވަން ފަރާތަކުން ތަހުގީގު ކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. އެކަމަކު އިޓްލޮސްގައި 28 ގައި ނިންމާ ނިންމުމާ ރައީސް ފޮނުއްވި ކަމަށް ބުނާ ސިޓީއާ އެއީ މުޅިން ދެކަމެކެވެ.
މިހާތަނަށް އެ ޕެޓިޝަންގައި ސޮއި ކުރި ފަރާތްތަކުގެ ތެރޭގައި މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވެސް ހިމެނެ އެވެ.
އެކަމާ ގުޅޭ ގޮތުން ބޮންޑޭ އާއި މިހާރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ އެޓާނީ ޖެނަރަލް ޑރ. މުހައްމަދު މުނައްވަރު ވަނީ ބައްދަލު ކުރައްވައި އެ މައްސަލާގައި މަޝްވަރާ ކުރައްވައިފަ އެވެ.
ފޯޅަވަހި ސިއްރު ސިޓީ އަދި ސިއްރުޑީލް އަނބުރާ ގެނައުމަށް ގޮވާލާ، ފޯރިޔާއެކު ރައްޔިތުން ސޮއެ ކުރަމުންދާ " ފޯޅަވަހި ޕެޓިޝަން" ގައި ކެންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ހުސައިން ސޮއި ކުރައްވައިފި . ! @AleeVoice pic.twitter.com/9eQrMN9nv1
— Ibrahim Rasheed (@BondeM4) April 19, 2023
ޗާގޮސް ޑީކޮލޮނައިޒޭޝަންގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ބުނެފައި ވަނީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުން އެތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށެވެ.
އެކަމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދީ މައްސަލައެއް ދިމާވެދާނެތީ ރާއްޖެއިން ވޯޓު ދިނީ އެކަމާ ދެކޮޅަށެވެ.
ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ.
އެކަމަކު ސަރުކާރުން ބުނެފައިވަނީ ކަނޑުގެ ބައެއް އެކަމުގެ ސަބަބުން ނުގެއްލޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެނީ
20 April 2023
28 ގައި އެވަރު ބޮޑު ކަމެއް ނިންމަން އޮއްވާ އަދި ތަންކޮޅެއް އަވަސް ތިކަމާ އުޅެން. 27 ގަ އުޅުނީމަ ރަގަޅުވާނެ.
މަލިކުބޭ
20 April 2023
މަލިކުގައި އުޅޭ މީހުން ވާހަކަ ދައްކަނީ ދިވެހި ބަހުން ގޭގެއަށް މަގަށް ކިޔަނީ ދިވެހި ނަން، ލިޔެ އުޅެނީ ވެސް ތާނަ އަކުރުން. އަދި އެ އޮންނަނީ ވެސް އެހާ ކައިރީ އެކަމަކު މިމީހުނަށް އެއީ އަހަރުމެންގެ ރަށެކޭ ބުނަން ހަމަ ނުކެރޭ. މިމީހުން ވެސް ހާދަހާވާ ދެފުށްކެހެރިއޭ ދޯ؟
ލިޔަނީ
20 April 2023
ގޯދީ ރާޖާ ރާއްޖެ ވިއްކާލި ގޮތައް ވިއްކާލީތޯ؟
ބޮޑުމީހާ
20 April 2023
ޕެޓިޝަން ހަދައިގެން ވާނެ އެއްކަމެއްވެސް ނެތް، ނިކަން ކެރެންޏާ އިސްތިއުފާ ދޭންވީނުން. އޭރުން މުޅި ދުނިޔެއަށްވެސް އެގޭނެ މޮރިޝަސްއަށް ގައުމު ވިއްކުމާއި ދެކޮޅަށް ބޮންޑޭ އިސްތިއުފާ ދިންކަން
ހޭލަމޭލަ
20 April 2023
މޮރިޝަސް ގެ މަގުސަދަކީ އައްޑޫ ޢާއި ވީފަޅިން ރާއްޖޭގެ މަސްކަނޑު އަތުލުން. ލޭނުއަޅާ ޔޫރަޕްގެ ކުންފުނިތަކުގެ ބޯޓުތަކަށް ކަނޑު ވިއްކާލުން . ސިއްރު ޑީލު
ކުރުސީ
20 April 2023
އަސްލު މިއީ ހަސަނު ބުނު ކުރުސީގެ ޕެޓިޝަނެއް. އެހެނަސް މިހާރު ކުރުސީ ކުރާ ހުރިހާ ކަމެއް ތޮޅިއަށް ދާތީވެ މިފަހަރު ފޮޓޯއިން ގެއްލިގެން ހުންނަން މަޖުބޫރުވީ
ޢަރުތަ
20 April 2023
"ބޮންޑޭ ބުނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލޭކަމަށް، އެކަމަކު ސަރުކާރުން ބުނެފައިވަނީ ކަނޑުގެ ބައެއް އެކަމުގެ ސަބަބުން ނުގެއްލޭނެ ކަމަށެވެ".
ދޮންދީނާ
20 April 2023
ޕެޓިޝަންގައި ސޮއި ކުރަން ދާންވީ ކޮންތާކޮށްތޯ އޮންލައިންކޮށް ކުރެވޭތޯ ؟
ަސދަދ
20 April 2023
500މ ޑޮލަރު.... ބޮޑެތިވަގުންވެސް އުޅޭ އެކަމަކު މިއީ ހާދަ ބޮޑު ކަޓެކޭ ދޯ ؟
ނުކުތާ
20 April 2023
ދެން ބައެއް މީހުން އަބަދުވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެޓެންޝަން ހޯދަން އުޅޭނެއެވެ.