ރާއްޖެ އިން ޗާގޯސް ހޯދުމުގެ މަސައްކަތް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅާ ދިމކޮށް، މޮރިޝަސް އިން ހާރިޖީ ގުޅުން ސަސްޕެންޑް ކުރިޔަސް، ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެކު ރާއްޖެ އިން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
"އެހެނަސް، ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ،" އެ ކުރު މެސެޖުގައި ނަޝީދު ލިޔުއްވާފައިވެ އެވެ.
ޗާގޯސްގެ ޖަޒީރާ ރަށްތަކާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން، ރާއްޖެއާ އެކު، ހާރިޖީ ގުޅުން ސަސްޕެންޑްކުރަން މޮރިޝަސްގެ ސަރުކާރުން އިއްޔެ ވަނީ ނިންމައިފަ އެވެ.
އެ ނިންމުމާ އެކު، ނަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޮރިޝަސް އިން ރާއްޖެއާ އެކު އޮތް ސިޔާސީ ގުޅުން މެދުކަނޑާލުމަށް ނިންމި ނިންމުމަކީ އިންތިހާ އަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
އުއްމީދަކީ ދެ ގައުމުގެ ދެމެދުގައި ވާހަކަ ދެއްކެވި، މަޝްވަރާގެ މޭޒުގެ ދަށުން މި މައްސަލަ އަށް ސުލްހަވެރި ހައްލެއް ލިބުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މޮރިޝަސްގެ ކެބިނެޓުގެ އިއްޔެގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ ތެރޭގައި، ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން މިހާރު ދެކޮޅު ހަދައި، އިނގިރޭސި ސަރުކާރާ އެކު އެކުލަވައިލަން މަސައްކަތްކުރާ އެއްބަސްވުމަށް ވެސް ރާއްޖޭން އިއުތިރާޒު ކުރާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން، މި ވަގުތުން ފެށިގެން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑު ކުރުމަށް ކެބިނެޓުން އިއްޔެ ނިންމާފައިވާ ކަމަށް، މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން އާންމުކުރި ކަރުދާހުގައިވެ އެވެ.
މޮރިޝަސްގެ މި ނިންމުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ނަމަވެސް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ވަކާލާތު ކުރައްވާ ކުރެއްވުން ތަކުރާރު ކުރައްވައިފަ އެވެ.
ރާއްޖެއާ އެކު އޮންނަ ހާރިޖީ ގުޅުން ސަސްޕެންޑުކުރަން ޗާގޯސް އިން ނިންމީ، ޗާގޯސްގެ ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިއުތިރާޒުކޮށް، އެކަމާ ގުޅޭގޮތުން އިނގިރޭސި ވިލާތުގެ ސަރުކާރާ އެކު މަޝްވަރާކުރަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިފައިވާ ކަން ރައީސް މުއިއްޒު ހާމަކުރައްވާފައި ވަނިކޮށެވެ.