ޗާގޯސްގެ ޖަޒީރާ ރަށްތަކާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން، ރާއްޖެއާ އެކު، ހާރިޖީ ގުޅުން ސަސްޕެންޑްކުރަން މޮރިޝަސްގެ ސަރުކާރުން މިއަދު ނިންމައިފި އެވެ.

މޮރިޝަސްގެ ކެބިނެޓުގެ މިއަދުގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ ތެރޭގައި، ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން މިހާރު ދެކޮޅު ހަދައި، އިނގިރޭސި ސަރުކާރާ އެކު އެކުލަވައިލަން މަސައްކަތްކުރާ އެއްބަސްވުމަށް ވެސް ރާއްޖޭން އިއުތިރާޒު ކުރާކަން ވަނީ ފާހަގަކޮށްފަ އެވެ. 

އެހެންކަމުން، މި ވަގުތުން ފެށިގެން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑު ކުރުމަށް ކެބިނެޓުން ނިންމާފައިވާކަމަށް، މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން އާންމުކުރި ކަރުދާހުގައި ވެ އެވެ.

މޮރިޝަސްގެ މި ނިންމުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ނަމަވެސް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ރޭ ބޭއްވި ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ވަކާލާތު ކުރައްވާ ކުރެއްވުން ތަކުރާރު ކުރައްވައިފަ އެވެ. 

ރައީސް ވިދާޅުވީ، ކުރީ ޒަމާނުގައި ވެސް ޗާގޯސް ނުވަތަ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށާއި އެތައް ގަރުނެއް ކުރިން ފޯޅަވަހީގެ ނަން އެ ގައުމަށް ދިނީ ވެސް ދިވެހިން ކަމަށެވެ. އެހެން ގައުމުތަކުން އެކި ނަންތައް ދޭން ފެށީ ފަހުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ ތަން އެއްވެސް ގައުމަކާ ހަވާލުކުރާ ނަމަ އެ ތަނުގެ ރައިޓްފުލް އޯނާއަކީ ދިވެހިރާއްޖެކަން އަޅުގަނޑު މިދަނީ ދިވެހި ސަރުކާރު ފަރާތުން ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވަމުން. އެއީކީ ވެސް ސިޔާސީ ބޭނުމަށް ކުރާ ކަމެއް ނޫން،" ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.

"އިނގިރޭސި ވިލާތުން އެ ތަން [ޗާގޯސް] އެހެން ގައުމަކާ ހަވާލުކުރާ ނަމަ ހަވާލު ކުރަން ޖެހޭނީ އެ ތަނުގެ ހައްގުވެރި ގައުމު ކަމަށްވާ ދިވެހިރާއްޖެއާ. އެކަން އަޅުގަނޑުމެން ވާނީ ދެ ފަހަރަކު ދެ ސިޓީއެއް ފޮނުވައިގެން އިނގިރޭސި ވިލާތުގެ ސަރުކާރުގައި ދަންނަވާފައި."

ރާއްޖެއާ އެކު އޮންނަ ހާރިޖީ ގުޅުން ސަސްޕެންޑުކުރަން ޗާގޯސް އިން ނިންމީ، ޗާގޯސްގެ ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިއުތިރާޒުކޮށް، އެކަމާ ގުޅޭގޮތުން އިނގިރޭސި ވިލާތުގެ ސަރުކާރާ އެކު މަޝްވަރާކުރަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިފައިވާ ކަމަށް ރައީސް މުއިއްޒު ހާމަކުރައްވާފައި ވަނިކޮށެވެ.

"...ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސި ވިލާތުން ނިންމި ނިންމުމަށް ދިވެހިރާއްޖޭން އިއުތިރާޒްކޮށް، ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް، ދިވެހި ސަރުކާރުގެ ފަރާތުން އިނގިރޭސި ވިލާތުގެ ސަރުކާރަށް 8 ނޮވެމްބަރު 2024 އަދި 18 ޖެނުއަރީ 2026 ގަ ލިޔުމުން ހުށަހަޅާފައި،" މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު މި މަހު ވިދާޅުވި އެވެ.

މިއީ މި އަހަރު ފެށުނު ފަހުން، ޗާގޯސްއާ ގުޅޭގޮތުން ރާއްޖޭން ރަސްމީކޮށް އިނގިރޭސި ވިލާތަށް ލިޔުމެއް ފޮނުވިކަން ސަރުކާރުން ހާމަކުރި ފުރަތަމަ ފަހަރެވެ.

އެ ލިޔުން ފޮނުވުމުގެ އިތުރުން، ރައީސް ވިދާޅުވީ، ޑިސެމްބަރު، 15 2025 ގައި، އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއާ އެކު އޮންލައިން ކޯލެއްގައި މިކަން ސަމާލުކަމަށް ގެނެސް، އިނގިރޭސި ސަރުކާރާ އެކު މަޝްވަރާކުރަން ބޭނުންވާ ކަމަށް ދަންނަވާފައި ކަމަށެވެ. 

މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ރަސްމީކޮށް އަނބުރާ ގެނެސް، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދު ކަމަށް ކަނޑައެޅިކަން ވެސް އެ މަނިކުފާނު މިއަދު އިއުލާނުކުރެއްވި އެވެ. 

މޮރިޝަސްއިން ޗާގޯސް ހޯދުމުގެ މަސައްކަތުގައި އދ.ގެ އެންމެ މަތީ ކޯޓު ކަމަށްވާ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމުން 2019 ވަނަ އަހަރު ވަނީ ޗާގޮސްގެ މައްޗަށް އިނގިރޭސި ވިލާތުން ބާރު ހިންގުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށާއި އެތަނުގައި އޮންނަ ޖެހޭނީ މޮރިޝަސްގެ ބާރު ކަމަށް ބުނެ އިސްތިޝާރީ ލަފައެއް ނެރެފަ އެވެ.

މިއީ އަމަލުކުރުން ލާޒިމް ނިންމުމެއް ނޫން ކަމަށް ވާތީ އިނގިރޭސި ވިލާތުން އެތައް އަހަރެއް ވަންދެން މިކަމުގައި ގޮތް ދޫނުކޮށް އޮތުމަށް ފަހު ވިސްނުން ބަދަލުކުރީ އދ. ގެ އާންމު މަޖިލީހުގައި ވެސް މި މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ނިންމުންތައް ނިންމަން ފެށުމުން ކުރިމަތިވި ޕްރެޝަރުތަކަށް ފަހުގަ އެވެ.

އޭގެ ފަހުން މޮރިޝަސް އިން ވަނީ ޗާގޯސްގައި އޮންނަން ޖެހޭނީ މޮރިޝަސްގެ ސިޔާދަތީ ބާރު ކަމަށް އައިސީޖޭ އިން ނެރުނު ލަފަޔަށް ބިނާކޮށް، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަހައްދުން ފުށުއަރާ ބައިގެ އިން ވަކިކޮށްދިނުމަށް އެދި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ ޓްރައިބިއުނަލްގައި ރާއްޖޭން އިޖުރާއީ މައްސަލައެއް ނަގައި ބުނަމުން ދިޔައީ ޗާގޯސް އަކީ އިނގިރޭސި ވިލާތުން އިސްތިއުމާރު ކޮށްފައި އޮތް ތަނަކަށް ވާއިރު އިމުގެ މައްސަލައިގައި ދައުވާކުރުމުގެ ބާރު މޮރިޝަސްއަށް ނޯންނާނެ ކަމަށެވެ. އެކަމަކު އިޓްލޮސް އިން ރާއްޖޭގެ އެ ހުށަހެޅުން ގަބޫލު ނުކޮށް މައްސަލަ ބަލައި ނިންމީ ނިންމީ އައިސީޖޭގެ ލަފަޔަށް ބުރަވެ އެވެ.

އިނގިރޭސި ވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނައިޖެލް ފަރާޖް ވެސް މި ހަފުތާގައި ވަނީ ޗާގޯސްގެ މައްސަލާގައި ރާއްޖެއާ އެއްކޮޅަށް ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވައިފަ އެވެ.

އޭނާ ވިދާޅުވީ، ތާރީހީ ގޮތުން ބަލާއިރު، ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް ރާއްޖޭގެ ހައްގު މާބޮޑު ކަމަށާއި އެ ތަނުގެ ސިޔާދަތީ ބާރު ހޯދަން ރާއްޖޭން ވަރަށް އަވަހަށް ދައުވާ ކުރާނެ ކަމަށް ގަބޫލުކުރެވޭތީ، އިނގިރޭސި ވިލާތުން މޮރިޝަސްއާ އެކު ހަދަން އުޅޭ އެއްބަސްވުން މަޑުޖައްސާލުމަށް ގޮވާލައްވާ ކަމަަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭން އައިސީޖޭ އަށް ވަރަށް އަވަހަށް ދައުވާއެއް ހުށަހަޅާނެ. އަޅުގަނޑު ދެކޭ ގޮތުގައި އެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ބާރު ބަޔަކަށް އޮންނަ ނަމަ އޮންނަންވީ ރާއްޖެ އަށް. މޮރިޝަސްއަކަށް ނޫން،" ޗާގޯސް އަށް ދަތުރުކުރުމަށްޓަކައި ދާދި ފަހުން ރާއްޖެ އަށް ވަޑައިގެންނެވި ފަރާޖް ވިދާޅުވި އެވެ. 

ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު ކޮންމެ ގައުމަކަށް 200 މޭލު ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރު ބަހާލީ ރާއްޖެއަށް 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރު ލިބޭ ގޮތަށެވެ.