އިނގިރޭސި ވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލުމަށް ނިންމާފައިވާ ނިންމުން ހުއްޓުވުމަށް، އެކަމާ ދެކޮޅަށް ގާނޫނީ ގޮތުން މަސައްކަތް ކުރުމަށް ރާއްޖޭން ތައްޔާރުވަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ. 

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު އިނގިރޭސި ވިލާތުގެ ދަ ޓެލެގްރާފް ނޫހަށް ކަށަވަރު ކޮށްދެއްވި ގޮތުގައި، އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދިނުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ދިވެހި ސަރުކާރުން އަންނަނީ ދިރާސާ ކުރަމުންނެވެ.

ރާއްޖެއިން ގަބޫލުކުރާ ގޮތުގައި އެ ރަށްތަކުގެ މައްޗަށް ރާއްޖޭގެ ސަރަހައްދީ ހައްގުތައް، މޮރިޝަސް އިން ކުރާ ދައުވާ އަށް ވުރެ މާ ވަރުގަދަ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ. 

ދިވެހި ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، އިނގިރޭސި ވިލާތުގެ މި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކުގެ މައްޗަށް އެކަށީގެންވާ މިންވަރަށް ބިނާވެފައިވާ ނިންމުމެއް ނޫން ކަމަށެވެ. ދަ ޓެލެގްރާފް ނޫހުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ މި ދައުވާއަކީ ބޮޑުވަޒީރު ސްޓާމާގެ ޕްލޭނަށް އާ ހުރަހެކެވެ.

ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނީ އަދި ހާރިޖީ ގޮތުން ކުރެވެން އޮތް އެއްވެސް ކަމެއް ރާއްޖޭން ދޫކޮށެއް ނުލާނެ އެވެ.

"ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ރައްޔިތުންގެ ސިޔާދަތީ ހައްގުތަކާއި ކަނޑުގެ ސަރަހައްދުގެ މަސްލަހަތުތައް ހިމާޔަތްކޮށް ކުރިއެރުވުމުގައި ދިވެހި ސަރުކާރު ދެމިއޮންނާނެ،" ނަން ހާމަނުކޮށް، ސަރުކާރުގެ ތަރުޖަމާނުގެ ނަމުގައި އޭނާ ވިދާޅުވެފައިވެ އެވެ. 

އޭނާ ވިދާޅުވީ ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އެއްވެސް ގައުމަކާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ރާއްޖެ އިން ރަސްމީކޮށް މައްސަލައެއް ހުށަހަޅާފައެއް ނެތަސް މިހާރު ސަރުކާރުން އަންނަނީ މިކަމުގައި ކުރެވެން ހުރި ކަންކަން ދިރާސާ ކުރަމުން ކަމަށެވެ.

މިކަމާ ގުޅޭ ފުރިހަމަ ގާނޫނީ ރިވިއުއެއް ހަދަމުން އަންނަ ކަމަށާއި އަދި ބައިނަލްއަގުވާމީ ގާނޫނީ މާހިރުންނާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ އެކު މަޝްވަރާތައް ދަނީ ކުރިއަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން، އެ ތަރުޖަމާނު ވިދާޅުވީ އެއްބަސްވުމާ މެދު ރާއްޖޭގެ ހާރިޖީ ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ރަސްމީކޮށް ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން ނޮވެމްބަރު 2024 އާއި އެންމެ ފަހުން ޖެނުއަރީ 2026 ގައި ވެސް އިނގިރޭސި ވިލާތަށް މިކަމާ ގުޅިގެން ސިޓީ ފޮނުވާފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

އަދި މިކަމާ ގުޅޭ ގޮތުން އިނގިރޭސި ސަރުކާރާ އެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް އެދުމާ އެކު، ސަރުކާރުން އަންނަނީ ޑިޕްލޮމެޓިކް ގޮތުން އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. 

"މިހާތަނަށް ބައިނަލްއަގުވާމީ ކޯޓަކަށް މި އެއްބަސްވުމާ ގުޅޭ ގޮތުން ރަސްމީ މައްސަލައެއް ހުށަހަޅާފައި ނުވި ނަމަވެސް، މަޝްވަރާތަކުން ހައްލެއް ނުލިބި، ރާއްޖޭގެ ކަންބޮޑުވުންތަކަށް އެދެވޭ ޖަވާބެއް ނުލިބިއްޖެ ނަމަ، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިތުރު ގާނޫނީ އަދި ޑިޕްލޮމެޓިކް ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އެބަ އޮތް،" ތަރުޖަމާނު ވިދާޅުވި އެވެ. 

ޗާގޯސް މައްސަލައިގައި ވަކާލާތު ކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވެސް އެ ނޫހަށް އިންޓަވިއު ދެއްވާފައިވެ އެވެ. އޭނާ ވިދާޅުވީ ޗާގޯސް ޖަޒީރާތަކަކީ ދިވެހިންގެ ބިމެއް ކަމަށާއި އެ ބިންތައް އަނބުރާ ލިބެންޖެހޭ ކަމަށެވެ.

"ފޯޅަވަހީގެ މައްޗަށް އެންމެ ވަރުގަދަ ދައުވާއެއް ކުރެވެން އޮތީ ދިވެހިރާއްޖެ އަށް. އަދި އެ ބިމުގެ މައްޗަށް ގާނޫނީ ހައްގު ލިބިގެންވަނީ އަޅުގަނޑުމެންނަށް،" އާޒިމާ ވިދާޅުވެފައިވެ އެވެ. 

އާޒިމާ ވިދާޅުވީ، އިނގިރޭސި ސަރުކާރުން ދިވެހިންގެ ހައްގަށް އިހުތިރާމްކޮށް، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް މުޅިން ހުއްޓާލަންޖެހޭ ކަމަށެވެ. 

ޗާގޯސްގެ އަސްލު ވަޒަންވެރިން އަންނަނީ އެ ސަރަހައްދުގެ ފަޅު ރަށެއްގައި، އެ މީހުންގެ ކާބަފައިންގެ ވަޒަނުގައި ދާއިމީކޮށް އާބާދުވުމަށް މަސައްކަތް ކުރަމުންނެވެ.

ޗާގޯސް މައްސަލައިގައި ޜާއްޖޭން މަސައްކަތް ކުރަމުންދާތީ، މޮރިޝަސް އިން ވަނީ ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑްކޮށްފަ އެވެ. މޮރިޝަސްގެ މި ނިންމުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.