މިއީ ދިވެހިންގެ ތެރޭގައި މިއަދު އެންމެ ބޮޑަށް މަގްބޫލުވެގެން އުޅޭ ސޯޝަލް މީޑިއާ "ޖޯކެ"ވެ. ފޭސްބުކްގައި ރޭ މީހަކު ޕޯސްޓްކުރި ވީޑިއޯއަކުން ނަގާފައިވާ މި މަންޒަރުތަކުން ފެންނަނީ މާލޭގެ އާޓިފިޝަލް ބީޗުގެ ބޭރުގައި ހުރެގެން އަންހެނަކު ނަށާ މަންޒަރެވެ.

ފުރަތަމަ ސޯޅަ ގަޑި އިރުގެ ތެރޭގައި 200 އަށް ވުރެ ގިނަ ފަހަރު ޝެއާކޮށްފައިވާ މި ވީޑިއޯއަކީ ގިނަ ބަޔެއްގެ މުނިފޫހިފިލުވުމަކަށް ވަނީ ވެފަ އެވެ. ޖީންސަކާއި ޓީޝާޓެއް ލައި ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރެ އެކި ގޮތްގޮތަށް ހަރަކާތް ކުރަމުން ދިޔަ އަންހެންމީހާއާ ބެހޭގޮތުން އެތައް ވާހަކައެއް ދަނީ ދައްކަމުންނެވެ.

އެއް ބަޔަކު ރައްޓެހިންނަށް "ގުޑް މޯނިން" ކިޔައި ސަމާސާކޮށްލަން މި ވީޑިއޯ ބޭނުންކުރި އިރު އަނެއް ބަޔަކު އަންހެންމީހާ އަށް ކުރަނީ މަލާމާތެވެ. "ކޮބާ ނެތްތަ އޭނައާ އެކީ ނަށަން ދާނެ ކުއްޖެއް؟، ކަލޭ އިންނަން ރަނގަޅު ގޮލައެއް، އެ ބޭގަށް ރުފިޔާ އަޅާބަލަ، ބަލާބަލަ އެއްކަލަ މޮޔަ ގޮލާ ޒުމްބާ ޖައްސަނީ" ފަދަ އެތައް އެއްޗެއް ކިޔާފައިވެ އެވެ.

އެކަމަކު މި "މަޖާގަނޑު" ކުށްވެރިކޮށް ބައެއް މީހުން އަންނަނީ ވީޑިއޯ ޝެއާކުރުން ހުއްޓާލަން ގޮވާލަމުންނެވެ. ފޭސްބުކް ކޮމެންޓްތަކުން އެނގޭ ގޮތުގައި އާއްމުކޮށް މި ގޮތަށް މަގުމަތީގައި އުޅޭ ތަން ފެންނަ މި އަންހެންމީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ ބަލި މީހެކެވެ. އޭނާ އަށް އެހެން މީހުންގެ އެހީތެރިކަން ބޭނުންވެ އެވެ.

"މިއީ ވަރަށް ދެރަކޮށް ބަޔަކު ކުރި ކަމެއް، އެފްބީ އަށް މި ވީޑިއޯ ކޮށްފައި ލުން. މި އަންހެންމީހާއަކީ ބޯހަމަނުޖެހޭ އަދި އަމިއްލަ ނަފްސާ ޑީލްކުރުމުގެ ބާރު ގެއްލިފައި ހުރި ނިކަމެއްޗެއް. ކޮންމެ ދުވަހަކު ދެކޮޅަށް ހިނގަނީ އަމިއްލަ އަށް ވާހަކަދައްކަމުން. މީނަޔަށް އެހީވުމުގެ ބަދަލުގައި އެންމެން މިކަން ވެސް މޮޅު ކަމަކަށް ތި ހެދީ. އަމިއްލަ މީހުންގެ އާއިލާގެ މެމްބަރަކަށް މިހެން ދިމާވެއްޖެއްޔާ ވީޑިއޯ ކޮށްފައި ލާން ކެރޭނެބާ؟" އަންހެންމީހާ އަށް ޖޯކު ޖަހަމުންދާ އެންމެންނަކީ "ސިކް" ބައެއްގެ ގޮތުގައި ސިފަކުރަމުން އިބްރާހިމް ހަމީދު ކޮމެންޓްކުރި އެވެ.

އެކަކު ބުނީ ބައެއް ކަހަލަ މަސްތުވާތަކެތި ބޭނުންކުރީމާ ވެސް މިހެން ވެދާނެ ކަމަށާއި އެކަމަކު ސިކުނޑި ހަމަނުޖެހޭ މީހަކަށް ވެސް ވެދާނެ ކަމަށެވެ. ހަގީގަތް ނުބަލައި އެއްޗެކޭ ބުނަން ނުވާނެ ކަން އޭނާ ފާހަގަކުރި އެވެ.

ހަތަރު މިނިޓްގެ ވީޑިއޯ ނިމުނު އިރު ވެސް އެއްވެސް މީހަކު އޭނާ އަށް އެހީތެރިވާން އުޅޭ މަންޒަރެއް ނުފެނެ އެވެ. އެކަމަކު ގިނަ ބަޔަކު އޭނާގެ ކައިރިން ލާފައި އެކި ކޮޅުކޮޅަށް ދެ އެވެ.

މިފަދަ މީހަކު އެކަނި މި ގޮތަށް މަގުމަތީގައި އުޅޭތީ ބައެއް މީހުން ވަނީ އޭނާގެ އާއިލާގެ މީހުން ކޮބައިތޯ ސުވާލުކޮށްފަ އެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ވެސް ފާޑުކިޔައިފައިވެ އެވެ. އެކަކު ސުވާލުކުރީ މަގުމަތީގައި އުޅޭ ފުލުހުންނަށް ވެސް އޭނާ ނުފެންނަނީތޯ އެވެ. އެކަމަކު އެހެން މީހަކު ބުނީ ކަމާބެހޭ އިދާރާތަކަށް މިފަދަ މީހުންގެ ވާހަކަ ރިޕޯޓްކުރިޔަސް ހައްލެއް ނުލިބޭކަން އޭނާ އަށް ތަޖުރިބާކުރެވިފައިވާ ކަމަށެވެ.

"ހަމަ މި ގޮތަށް މަގުމަތީގައި އުޅޭ އެހެން އަންހެނަކަށް އެހީތެރިވާން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން، ސިޓީ ލައިގެން އެކި ގޮތްގޮތަށް އަހަރެން މަސައްކަތްކުރިން. އެކަމަކު އޭނަ އަދިވެސް އުޅެނީ މަގުމަތީގައި،" އޭނާ ބުންޏެވެ.

މިފަދަ މީހުންނަށް މަލާމާތްކުރުމާއި އެ މީހުންގެ ނުކުޅެދުންތެރިކަމަކީ މުނިފޫހިފިލުވުމަކަށް ހަދައިގެން މަޖާ ނެގުމަކީ ދިވެހިންގެ ތެރޭގައި ކުރިންސުރެ ވެސް އޮތް އާދައެކެވެ. އެކަން އަދިވެސް ބަދަލު ނުވާކަން މި ހާދިސާ އިން އެބަ އެނގެ އެވެ. ހަމައެކަނި ތަފާތަކީ މިހާރު އެފަދަ ކަންކަން ސޯޝަލް މީޑިއާ އަށް ބަދަލުވެފައި އޮތުމެވެ.