ށ. ފުނަދޫގައި އެކަނި މަހަށް ނުކުމެ އުޅުނު މީހަކު، 300 ކިލޯއަށް ވުރެ ބަރު ހިބަރެއް އިއްޔެ ބާނައިފި އެވެ.

މަހަށް ގޮސްގެން އާމްދަނީ ހޯދާ ހުސެއިން ވަހީދު "މިހާރު" އަށް މިއަދު ބުނީ ރަށުގެ އިރުމަތީ ފަރާތުން 11 މޭލު ބޭރުން 308 ކިލޯ ހުރި މަސް ހިބަރު ބޭނީ އޭނާގެ އަމިއްލަ ދޯނީގައި، ފަތިހު ނުކުމެ އުޅެނިކޮށް ކަމަށެވެ.

ހުސެއިން ބުނީ، ހިބަރު ބާނަން އުޅުނުއިރު، ބަރުކަމަށް ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް، މަސްވެރިކަމުގައި ހޭދަކުރި 37 އަހަރުގެ ތަޖުރިބާއިން، އަމިއްލައަށް އެ ބޮޑު މަސް ދޯންޏެއް ނެގީ ކަމަށް ހުސެއިން ބުންޏެވެ.

ހުސެއިން ބޭނި ހިބަރު ރަށަށް އަރުވަނީ.
ހުސެއިން ބޭނި ހިބަރު ރަށަށް އަރުވަނީ.

"އެކަނި ދޯނީގައި ހުރީ ވެސް. އެގޮތަށް، މިހާތަނަށް ލިބިފައި ހުރި ތަޖުރިބާގައި މަޑުމަޑުން ހިބަރު ނަގަމުން ދޯންޏަށް އެރުވީ،" އޭނާ ބުންޏެވެ.

ރާއްޖޭގައި މިހާތަނަށް ބޭނި އެންމެ ބަރު ހިބަރުގެ ބަރުދަނުގައި 413 ކިލޯ ހުރެ އެވެ. ފުނަދޫ ދޯނިން މި ބޭނި މަސް ވެސް ހިމެނެނީ އެންމެ ބަރު ހިބަރުތަކުގެ ތެރޭގަ އެވެ.

ހުސެއިން ބުނީ ރަށުގައި މަހުގެ ވިޔަފާރިކުރާ މީހަކަށް، ކިލޯއަކަށް 22ރ. ގެ ރޭޓުން އެ ހިބަރު ވިއްކާލީ ކަމަށެވެ. އެއީ، 6،776ރ. އެވެ.