އެޓާނީ ޖެނެރަލް ކަމުގެ ލިއުން ރިފްއަތާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުކޮށްދެއްވަނީ.
11 މެއި 2023 - 13:06
ޗާގޮސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތް އިދިކޮޅު ޕާޓީތަކުން ފަށައިފި އެވެ.
މަޖިލީހުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި އިދިކޮޅު ޕާޓީތަކުން ބުނީ ރިފްއަތުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާ ކަަމަށެވެ. ވަރަށް އަވަހަށް ރައީސް އާއި ޝާހިދުގެ މައްސަލަ ވެސް ހުށަހަޅާނެ ކަަމަށެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދީ، ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ތާއީދާ އެކުގަ އެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ސަބަބުތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ޗާގޮސްގެ މައްސަލަ ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަނައިބުގެ ހައިސިއްޔަތުން ރިފްއަތު ލީޑް ކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫން ކަމަށެވެ.
ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން އެކި ފަރާތްތަކަށް ސަރުކާރުން ފައިސާ ދިން މައްސަލަ ވެސް ރިފްއަތާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ހިމަނާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަދަލު ދިނުމުގެ މައްސަލައިގައި މިނިވަން މުއައްސަސާތަކަށް ވެސް ރިފްއަތު ނުފޫޒު ފޯރުވުމަކީ ކުރައްވައިގެން ހުންނެވި ބަންޑާރަނައިބުކަމުގެ ހުވަޔާ ހިލާފް ކަމެއް ކަމަށެވެ.
"އެމަނިކުފާނު [ރިފްއަތު] ކުރައްވައިގެން ހުންނެވި ހުވަޔާ ހިލާފުވެފައި ވާތީ މި ތަނުގައި ތިއްބެވި އަދި މަޖިލީހުގެ [ބައެއް] އެހެން މެންބަރުންނަށް ވެސް ގަބޫލު ކުރެވުނީ އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު މިހާރު އަޅުގަނޑުމެންނަށް ނެތް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
"...އެޔާ އެކީގައި މި މައްސަލަ މަޖިލީހަށް ވެއްދުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއްކަމަށް ވާތީވެ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ހ އަދި އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާގެ ދަށުން އަޅުގަނޑުމެން މި މައްސަލަ މި ހުށަހެޅީ."
ސަރުކާރާ އިދިކޮޅު ކޯލިޝަންގެ މެންބަރު މިއަދު ރައްޔިތުންގެ މަޖިލީހުގައި: ޗާގޮސް މައްސަލައިގައި ސަރުކާރާ ދެކޮޅު މެންބަރުން ދަނީ އެކުގައި މަސައްކަތް ކުރަމުން.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 68 މެމްބަރުންގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު 55 މެމްބަރުން އެބަތިއްބެވި އެވެ.
އެހެންކަމުން، އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދިޔަސް އިދިކޮޅުގައި ތިބި އަދަދަށް ބަލާއިރު އަދި ހަމަވަނީ، 28 ވޯޓެވެ.
ޕީޕީއެމް : 6
ޕީއެންސީ: 2
ޖުމްހޫރީ ޕާޓީ: 2
އެމްއެންޕީ: 3
މަޖިލިސް ރައީސް ނަޝީދާ އެކު ތިއްބެވި އެމްޑީޕީ މެމްބަރުން: 13
ޗާގޮސް މައްސަލާގައި އެކުގައި މަސައްކަތްކުރަމުން އަންނަ އިދިކޮޅު ސިޔާސީ ޕާޓީތަކުުގެ މެމްބަރުން މަޖިލީހުގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ކުރެއްވީ ކިހާ މެންވަރުންނެއްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް ޕްރެސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވި އެއް ވެސް ބޭފުޅަކު އެ ސުވާލަށް ޖަވާބެއް ނުދެއްވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ސޮއި ކުރެއްވި މެމްބަރުންގެ އަދަދު 10 އަށް ވުރެން އިތުރު ކަމަށެވެ. ގާނޫނުއަސާސީގައި އޮންނަ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލަ 10 މެމްބަރުންގެ ސޮޔާއެކު ހުށަހެޅިދާނެ އެވެ.
"މަގާމުން ވަކިކުރެވޭ ވަރަށް [މެމްބަރުންގެ] އަދަދު ހަމަކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު،" ސަލީމް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓުތައް ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިފްއަތުގެ މައްސަލަ މަޖިލީހަށް ވެއްދީ ސިޔާސީ ހުރިހާ ކަމެއްގައި ހައްލުތަކެއް ހޯދާކަށް ނޫނެވެ. ރާއްޖެއިން ގެއްލިގެން ދިޔަ ސަރަހައްދެއްގެ މައްސަލައަށް ހައްލު ހޯދަން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުން
11 May 2023
މިހާރުވެސް މާލަސްވެއްޖެ ތީނަ ބޭރުކުރަން.
ފެނާންޑޮ
11 May 2023
ގައުމާމެދު ވިސްނުންނެއް މީހަކު ބޭލުމައް މަޖިލީހައް ދާން ނުޖެހޭ…
އޮނަރަބްލް އަފީފު ދީދީ
11 May 2023
ތެދެއް. ޤާނޫނުހަދާ ސަރުކާރު ޒިންމާދާރު ކުރުމުގެ ޤާނޫނީ މަސްއޫލިއްޔަތުއޮތް ޤާނޫނުހަދާ މަޖިލިސް ގިނަމެންބަރުންތިބީ "އޭނާގެ ދަށުވެފައި ކަމަށްވާތީ" ދައުލަތުގެ ބަންޑާރަނައިބާއި، ދިފާޢީ ވަޒީރު، ޙާރިޖީ ވަޒީރު އަދި އިޤްތިސޯދީ ވަޒީރު މަޤާމުން ދުރުނުކުރެވިދާނެ. # އެހެންނަމަވެސް "ދަލުބޭރުން ޖެހިގަނެގެން" ސިއްރުސިޓީ ދީފައިވަނީ މައްސަލައިގެ މަސްލަހަތުއޮތް 3 ވަނަ ފަރާތަކަށް (ހިންދުސްތާނަށް) ކަމުގައިވާތީ އެމީހުނަށް މިކަމުގެ ނޭދެވޭ އަސަރު ކޮށް ބޭޒާރުތަކެއް ވާނެ.
އަލީހަމީދު
11 May 2023
ރިފްއަތު ވަކިކުރިޔަސް ހިޔެއްނުވޭ މުނައްވަރަށް ބަންޑާރަ ނައިބްކަން ދޭނެހެނެއް.
ހަމީދު.
11 May 2023
ކަނޑުކޮސް ނުގޮވާ. ޑރ މުނަްވަރު ނޫޅޭ އިބްރާހީމުގެ ކެބިނެޓްގައި ބަންޑާރަ ނައިބެއް ކަމުގައި އިންނާކަށް. އިބްރާހިމްގެ ބަންޑާރަ ނައިބުކަން ކުރަނީ ފައްޔާޒާއި މާރިޔާ އަދި ޝާހިދު. އެފަދަ ތަނަކަށް ޑރ މުނައްވަރު ވަންނާނެހެން ހީވަނީތަ ؟
އައްޔަ ބޮޑޭ
11 May 2023
ބަޔަކުތަނެއްގަ ކުރާނެ އެއްމެހަޑިކަންތައް ތިކުރަނީ ތިގޮތައް އެއްހާސް މައްސަލަ ހުށައެޅިޔަސް ކުރެވޭނެ ހަމަ އެއްކަމެއްވެސް ނޯންނާނެ, ތެޅިތެޅި ހުޅުނބު ކޮޅުދާކަށް މަށެއްވެސް ނޭދެން ,
މަދަރީ
11 May 2023
މިފަހަރު އެނގޭނެ މެމްބަރުނެގެ ޤައުމީ މަސްލަހަތާ މެމްބަރުންގެ ވިސްނުން ހުރިގޮތެއް. މިދެންނެވީ މެމްބަރުން ބޭނުމީ ވެރިކަން ދިފާޢު ކޮށްދިނުންކަން ނޫނީ ޤައުމުގެ ޙައްޤުގައި ވަކާލާތު ކުރަނީ ކޮން ބައެއްކަން. ހަމަ ޔަޤީނުންވެސް ޤައުމުގެ ޙައްޤުގައި ވަކާލާތު ކުރާމީހަކު މަސްލަހަތަށޭ ކިޔައިފަ ޥެލިފުކެއްވެސް ދޭން އެއްބަހެއް ނުވާނެ. މީވެސް ނިމުމެއް އަންނަންޖެހޭ ކަމަކަށްވާތީ ފަނޑިޔާރު ހުކުމް ކުރާގޮތަކުން ނުލިބުން އެއީ އެހެންކަމެއް. ހައްޤު ހޯދުމަކީ ދޫދިނުމެއްނޫން
އައިދާ
11 May 2023
ޑްރާމާ ކުޅޭކަން ނޭންގޭ މީހެއް ނެތް! ތިމާމީހުން ވެރިކަމުގައި ހާވާފައި އޮތް ހަޑި ކުޑަތަންކޮޅެއް ފައިދާވާގޮތަށް ނިމުނީތީ އެކަން ހަޖަމުކޮށްބަލަ. ފޫނެތް ބާލިދީއަށް ފެންފުރާ
ފޫހި
11 May 2023
މި ބަންޑާރަނައިބަކީ ރާއްޖެއަށްވުރެ އެހެން ގައުމުތަކަށް ފައިދާވާގޮތަށް ލަފާދެއްވާ މީހެއް. އަދި ދައުލަތަށްވުރެ އަމިއްލަ ކުންފުނިތަކަށް ފައިދާވާގޮތަށް ނިންމާ މީހެއް. އޭނާ ބޭރުކުރަން ލަސްވެއްޖެ. އަވަސްކުރޭ. އެހެންނޫނީ ބާކީ މިއޮތް ހައެއްކަމަހު ގައުމު ވިއްކާލާނެ.
ކަރާސީނު
11 May 2023
އެބެފުޅުންގެ ރީލޯޑްކޮޅެއް ބޭނުންވީއެވެ.
ޒާހިދުު
11 May 2023
ގެއްލުނު ކަމަށް ތިބުނާ ސަރަހައްދަށް ދޮށީގެ މަސްވެރިކަމަށް ދިވެހިން ނުދޭ. ހަރަދު ނުޗަލާނެ އެހިސާބުން ބާނައިގެން. ކުއްލިއަކަށް ދިވެހި މަސްވެރިންނަށް މާހެވެއް އެދިގެން މިމީހުން މިއުޅެނީއޯ؟ ހެހެ. މުނައްވަރު މޭޒުގެ އަތްތަޅަ ތަޅާފަ އެއުޅެނީ އޭނާގެ އަމިއްލަ މުހުތާދެއް އޮވެގެން. މަސްވެރިންނަށް ހެޔޮ އެދިގެނެއް ނޫން. ހެވެެއް އެދޭ ނަމަ ތިހާ ބާރަށް މޭޒުގެ ޖަހާފަ މަހަށް ރަގަޅު އަގެއް ހޯދަން ހަޅޭލަވާބަލަ.
ހަސަނު.
11 May 2023
ދިވެހި މަސްވެރިން މަހަށް ނުދާ ކޮންމެތަނެއް އިންޑިޔާ އަށް ދޭކަށް ނުޖެހޭ. ޤާނޫނުއަސާސީގައި އޮތް ކަނޑުގެ ސަރަހަްދު ހިމާޔަތް ކުރަންޖެހޭނެ.