އަންނަ ރިޔާސީ އިންތިހާބުގައި އަށް ގައުމެއްގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން އިނގިރޭސިވިލާތުގަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާ އާއި އިނގިރޭސިވިލާތުގެ އިތުރުން ސިންގަޕޫރާއި ތައިލެންޑާއި ޔޫއޭއީ އަދި ޖަޕާނުގައި މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފިނަމަ ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ.
އެގޮތަށް އިއްޔެ ނިންމީ ވީހާ ވެސް ގިނަ ބަޔަކަށް ވޯޓުލާން ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ހަބީބްގެ ޓްވީޓްގައިވެ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި 283،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެ އެވެ.