ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓާ ގުޅޭ ގޮތުން މިހާތަނަށް 27 ޝަކުވާއެއް ލިބިފައިވާ ކަމަށާއި އެންމެ ގިނައީ މަރުވެފައި ތިބި މީހުންގެ ނަން ލިސްޓުގައި އޮތް މައްސަލަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.
ރިއާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓުގައި، 282،755 މީހުންގެ ނަން އީސީން ހިމަނާފައި ވެ އެވެ. މި މަހުގެ ދެވަނަ ދުވަހު އާއްމު ކުރި އެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "މިހާރު" އަށް ވިދާޅުވީ މިހާތަނަށް ލިބިފައިވާ 27 ޝަކުވާގެ ތެރެއިން 21 ޝަކުވާއަކީ މަރުވެފައިވާ މީހުން ވޯޓާސް ލިސްޓުގައި ހިމެނޭތީ ހުށަހަޅާފައިވާ ޝަކުވާ ކަމަށެވެ.
- ލިސްޓުގައި ނަން ނެތުމުގެ ތިން ޝަކުވާ
- އެޑްރެސް ބަދަލުވެގެން ދެ ޝަކުވާ
- 18 އަހަރު ނުފުރޭ ކުއްޖެއްގެ ނަން ހިމެނޭ ޝަކުވާ އެއް
ސެޕްޓެމްބަރުގައި އޮންނަ އިންތިހާބުގައި 144،408 ފިރިހެނުންނާއި 138،347 އަންހެނުންނަށް ވޯޓުލެވޭނެ ކަމަށް މިހާރު އާންމު ކޮށްފައިވާ ވޯޓާސް ލިސްޓުގައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.