އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދާނެ ގޮތެއް މަޖިލީހުގައި ތިއްބަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެއްބަސް ނުވެވޭތީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ދިފާއުވުމަށް އޭނާ ވަނީ މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބެއް ފޮނުއްވައިފަ އެވެ. ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ކުރެވޭ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބޭނެ އެވެ.
ނަމަވެސް ރިފްއަތު މަޖިލީހަށް ހާޒިރުވެވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާ ގޮތަށް ވަގުތު މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅާފައިވާތީ ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ވިދާޅުވެ މައްސަލަ މަޑުޖައްސާލައިފަ އެވެ.
"ގާނޫނުއަސާސީގައި އެބަ ބުނޭ، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތަކުގައި ޖަވާބުދާރީވުމުގެ ފުރިހަމަ ފުރުސަތު އެ ވަޒީރަކަށް ދޭން ޖެހޭނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ގާތްގަނޑަކަށް ބައި ގަޑިއިރަށް ޖަލްސާ މެދުކަނޑާލުމަށް ފަހު ނަޝީދު ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލު ކުރައްވައި އެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ޖަލްސާ އަލުން ފެއްޓެވުމަށް ފަހު ނަޝީދު ވިދާޅުވީ ލީޑަރުންނާއެކު ކުރެވުނު މަޝްވަރާ އިން ހައްލެއް ނުލިބުނު ކަމަށެވެ.
މެޖޯރިޓީ އޮތް އެމްޑީޕީން ދެކެނީ އާންމު ކޮމިޓީގެ ނިންމުމެއް އޮތަސް ލިޔުމުން ވެސް ޖަވާބުދާރީވުމަށް ގާނޫނުއަސާސީން ލިބިދޭ ހައްގު ބޭނުން އޭޖީ އަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ނަމަވެސް އެމްޑީޕީ ނޫން އެހެން ހުރިހާ ޕާޓީތަކެއްގެ ވިސްނުން ހުރީ ޑޮކިއުމެންޓަރީ އެވިޑެންސްއާ އެކުގައި މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ ކަމަށާއި ޖަވާބުދާރީ ވެވަޑައިނުގަންނަވާ ގޮތަކަށް ގާނޫނުއަސާސީ ބަޔާން ނުކުރާ ކަމަށް އެ މެންބަރުން ވިދާޅުވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ގާނޫނުއަސާސީ އާ ހިލާފަށް މިނިސްޓަރަކު ވަކި ކުރުމުގެ މަސައްކަތް ކުރުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
"މި ބާވަތުގެ ކަންކަމުގައި އަޅުގަނޑު ޖެހޭނީ އިސްތިޝާރީ ލަފައެއް ހޯދަން. ގާނޫނުއަސާސީ މާނަ ކުރެވުނު އިރު ނުވަތަ އެކުލަވާލި އިރު އޮތް ގޮތާއި މި ބާވާތުގެ ގާނޫނީ ވާހަކަތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމް ކޯޓުން ނިންމެވުން." ނަޝީދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދަވަން ނަޝީދު ނިންމެވި ނަމަވެސް ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަހެޅޭނީ މަޖިލީހުން ފާސް ކުރާ ގަރާރަކުންނެވެ.