ޒިޔަތު އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވިކަމުގެ ދައުވާ އުފުލައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ލިބުނު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރަށް ހިޔާނާޔާތްތެރިވި ކަމުގެ ދައުވާ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް މިއަދު އުފުލައިފި އެވެެ.


ޒިޔަތުގެ މައްޗަށް ދައުވާ ކުރީ ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން 2014ގައި މޮންޓޯރިއަލް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުނީގެ ހިއްސާ އޮންނަ ރ. ކިނޮޅަހު ނިޔާމަ، ޝާހިދު ހުސައިންގެ އެކައުންޓަށް ހަމަ އެ އަހަރުގެ ތެރޭގައި ޑޮލަރުތައް ޖަމާކުރި މައްސަލާގަ އެވެ. ޒިޔަތުގެ އިތުރުން މި މައްސަލާގައި ޝާހިދުގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.

އެހެންވެ، އެ ދެ މީހުންގެ މައްޗަށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ދައުވާ އުފުލާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ވިދާޅުވި އެވެ.

ދައުވާ އިއްވުމާ ގުޅިގެން ޒިއަތު ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ދައުވާ ސާފުވާ ކަމަށާއި ދައުލަތުން ހުށަހަޅާފައިވާ ލިޔުންތައް ލިބުމުން ދައުވާއަށް ޖަވާބުދާރީވާނެ ކަމަށެވެ. ނަމަވެސް ޝާހިދު ބުނީ ދައުވާއަށް އިންކާރު ކުރާ ކަމަށާއި ގާނޫނީ ވަކީލަކު އައްޔަން ކުރަން 15 ދުވަސް ދިނުމަށެވެ.

މި މައްސަލާގައި ދައުލަތުގެ ވަކީލުން ވިދާޅުވީ ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ އިތުރުން އެ މައްސަލާގައި ސިއްރު ލިޔެކިޔުންތަކެއް ވެސް ހުރި ކަމަށެވެ.

މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ލިޔުންތަކަށް ޖަވާބުދާރީވުމަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި ޝާހިދަށް ވަކީލަކު އައްޔަން ކުރަން 15 ދުވަހުގެ މުއްދަތެއް ދިނެވެ.

ގާޒީ ވިދާޅުވި ގޮތުގައި އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ ލިޔުންތަކަށް ޖަވާބުދާރީވުމުގެ އިތުރުން ހެކި ހުށަހެޅުމެވެ. އަދި 15 ދުވަސް ފަހުން އަޑުއެހުމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީއަތުގެ މަޖިލީހުގައި ޝާހިދު އިނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކުރިމައްޗަށް ބިޑި އަޅުވާފަ އެވެ. އޭނާ ގޭބަންދުގައި ހުރީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގަ އެވެ. ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ޒިޔަތު އިންނެވިއިރު، އޭނާގެ މޫނު މަތިން އެއްވެސް ހާސްކަމެއް ނުފެނެ އެވެ.

ޒިޔަތު މިހާރު ޖަލު ހުކުމް ތަންފީޒު ކުރަނީ ޅ. މާބިންހުރާ ކިޔާ ރަށުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާ ޒިޔަތު ހަވާލުވުމަށް ފަހު، އެ އަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ. އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަދީބަށް ވެސް އަށް އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލަށް ވެސް ދެ އަހަރުގެ ހުކުމެއް ވަނީ ކޮށްފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން މިދޔަ މަހު ވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއިން ހުޅުމާލެ އިން ޒިޔަތު ބިމެއް ގަތް ކަމަށް ބުނެ އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށާއި ގަނެފައިވާ ބިން ދައުލަތަށް ނަގަން ދައުވާކުރަން ޕީޖީއަށް ފޮނުވައިފަ އެވެ.

ޒިޔަތު ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅޭ ތަހުގީގެއް އޭސީސީން އަންނަނީ ހިންގަމުންނެވެ. އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ ކުންފުނި މެދުވެރިކޮށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާ އަށް ވަނީ ޚިޔާނާތްތެރިވެފަ އެވެ.