ހިޔާ ޓަވަރެއްގައި ފާރު ތަޅާލައި އެއްކޮށްލި ދެ އެޕާޓްމަންޓް: އެތަން އަތުލަން އާބަންކޯ އިން ވަނީ މައްސަލަ ކޯޓަށް ވައްދާފައި.
07 ޖޫން 2023 - 19:39
ފާރު ތަޅާލައިގެން އެއްކޮށްލި ހިޔާގެ ދެ އެޕާޓްމަންޓް، ކުރިން ހުރި ގޮތަށް ފާރު ރާނައިގެން ވަކިކުރަން ތިން މަސް ދޭން ވެރިފަރާތުން އާބަންކޯގައި އެދިއްޖެ އެވެ.
ހިޔާ ފްލެޓް ދޫކުރި އެއްބަސްވުމާ ޚިލާފަށް ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އުޅެނިކޮށް ފަޅާއެރުމުން އާބަންކޯ އިން ވަނީ އެ ދެތަނުގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދައްކައި އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލުކުރަން ދިން މުއްދަތުގައި ވެރިފަރާތުން އެގޮތަށް އަމަލެއް ނުކުރި އެވެ.
އެހެންވެ، އެ ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ހުސްކުރަން 14 ދުވަހުގެ ނޯޓިސްއެއް އާބަންކޯ އިން ފްލެޓްގެ ވެރިފަރާތަށް ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ދީފަ އެވެ. އެ މުއްދަތު މި މަހުގެ އެއްވަނަ ދުވަހަށް އޮތީ ހަމަވެފަ އެވެ.
ދެތަން ހުސްކުރަން ދިން މުއްދަތު ހަމަވި ނަމަވެސް ތަން ހުސްކޮށްފައި ނުވާ ކަމަށް އާބަންކޯއިން ބުންޏެވެ.
އެ ކުންފުނީގެ އޮފިޝަލަކު މިރޭ "މިހާރު" އަށް ވިދާޅުވީ ދެ އެޕާޓްމަންޓް އެއްކޮށްލަން، ތަޅާލި ފާރު ރޭނުމަށް ތިން މަސް ދޭން ފްލެޓްގެ ވެރިފަރާތުން އާބަންކޯގައި އެދިފައިވާ ކަމަށެވެ. އެޗްޑީސީގެ ބޯޑުން މަޝްވަރާ ކުރުމަށްފަހު ނިންމީ ބޯހިޔާވަހިކަމާ ގުޅޭ މައްސަލައަކަށްވާތީ، އެ ފްލެޓްގެ ވެރިފަރާތުން ފާރު ރޭނުމުގެ މަސައްކަތް ފަށާތޯ ބެލުމަށް ހަތް ދުވަސް ދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިނީ ހަތް ދުވަސް. އެއީ ފާރު ރާނަން ފަށާތޯ ބަލަން. އެ ހަތް ދުވަހަށް ބެލުމަށްފަހު 90 ދުވަސް އިތުރުކުރުމާ މެދު ގޮތެއް ނިންމާނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ފްލެޓްގެ ފާރު ތަޅާލި މައްސަލާގައި ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ފެލްޓްގެ ވެރިފަރާތުން ލުއިގޮތެއް ހަމަޖައްސައިދިނުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެއާމެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމޭނީ ފާރު ރޭނުމުގައި އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ދެ އެޕާޓްމަންޓް އެއްކޮށްލައި އެ ދެ ތަން ވަނީ ވަރަށް ލަގްޒަރީކޮށް ހަދައިފަ އެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ބުނާގޮތުގައި އެ މަސައްކަތް ނިންމައި އެ ފެންވަރަށް ހަދަން ގާތްގަނޑަކަށް 600،000ރ. ހަރަދު ވާނެ އެވެ. ދެ ފްލެޓް އެއްކޮށްލި އެކަކީ ހިޔާގެ ކުލި ކުޑަކުރަން ގޮވާލަމުން އަންނަ މީހެކެވެ. އޭނާ ގަވައިދުން އެތަނަށް ކުލި ވެސް ނުދައްކާ ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ. ރާމީ ޙަސަން މަނިކު
08 June 2023
މި ޕްލެޓް ތަކަށް ފައިސާ ދޭ ތޯ، ނޫން ތޯ ބަލާ ހަރުދަނާ ޤަވާޢުދެއް އޮތީކީ ނޫން. މި ފްލެޓް ތަކުގެ ޢިމާރާތަށް ގެއްލުމެއް ދީފިއްޔާ ހެދޭނެ ގޮތުގެ ހަރުދަނާ ޤަވާއިދެއް ނެތް. ދެން އޮޔާދާ ބޮނބި ކާއްޓެކޭ އެއްވަރު ސަރުކާރު ވީމާ، ރައްރިތު މީހާ ހަދާނީ ހަދާނެ އެއްޗެއް. އެވިކްޝަން ރޫލްސް ކިޔާ އެއްޗެއް ރާއްޖެ އަށް ބޭނުން!
އަލިފުތުކޮއި
08 June 2023
މިހާރު ކިޔާ ލަވައިން ހީވަނީ، ތިކަންތައް ޖަމަލުފޮޑިއަށްވެ ނިމެނީހެން
GanevihkaaDOTcom
08 June 2023
ވަރަށްރަނގަޅު، ތިޔަފަދަކަންކަމުގައި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށްފަހު ނޫނީ ފުލެޓު އަތުލުމަކީ އަޅުގަނޑު ސަޕޯޓުކުރާކަމެއްނޫން!!
12345
08 June 2023
ޤަބީލާއެއް ގޮތަށް އޮތް ޤައުމެއް ދިމިޤުރާތީ ހަމަތަކަށް އެޅި ހިންގަން އަދި ދުވަސް ނަގާނެ! ޤަބީލާގެ ވެރިޔާގެ ހެޔޮ ފުޅުކަމުން ތިކަން ކުރި މީހާއަށް މަޢާފްދީފިނަމަ ތިކަން ނިމުނީ!
ހިޔާފުލެޓުމީހުން
08 June 2023
ތިފުލެޓު ތި ކޯއަކުން މިއަންނަ ހަފުތާ ތެރޭ އަތުލާ ތިމީހުން ތިތަނުން ބޭރު ނުކޮށްފިއްޔަ ތިތަނުން ހަދާފަ އޮތް އެގުރީމެންޓުގެ ބޭނުމެއްނެތް. އަހަރުމެންވެސް ދެނެއް ކުލި ނުދައްކާނަން. އަހަރުމެނެއްވެސް ނުނެރެވޭނެ. ގާނޫނާއި ގަވައިދު ހިނގަންވާނީ އެއްމެންނަށް ހަމަހަމަ އަށް!
ސުނާރު
08 June 2023
ޢެންމެ ދުވަހެއްވެސް އިތުރަށް ދީގެން ނުވާނެ، ދީފިއްޔާ އަހަރެމެންވެސް ޖެހިގެންހުރި އެޕޓްމަންޓް ފާރުތަޅާލާ ގުޅުވާލާފަ 3 އަހަރު ދޭން އެދޭނަން، ފާރުރާނަން. ޢެގޮތަށް 3 އަހަރުން ތިންއަހަރުން ފާރު ރާނާ ތަޅަތަޅާ ތިބޭނީ
ޝީ ޖިން ޕިން
08 June 2023
ޗައިނާ ބޮޑުފާރުތަ ތިތާ ރާނަނީ؟
ިރާއްޖެ
08 June 2023
ގަވައިދާ ހިލާފު ވާމީހާއަށް ރާއްޖޭގަ ހުރިހާވެސް މޮޅެއް.
ހަސަނު21
08 June 2023
ތިޔަ ހެދި އެގްރީމަންޓް ގެ ބޭނުމެއް ނެތެއްނު ދެން.
އަލީލީ
08 June 2023
އެމްޑީޕީ އަށް ސޮއިކޮށްލާ. ފާރު ނުރޭނިޔަސް އޭރުން ފަރުޖެހޭނެ. ތި ފެމެލީ ވެސް ވޯޓަށް މުހިންމު