ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައި ވަނިކޮށް އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް ބުނެ އެޖެންޑާ އިން ނަގައިފި އެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ 50 މެންބަރުންގެ ސޮޔާއެކު އީވާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން ގަވައިދުގައި ބުނާ 14 ދުވަހުގެ ނޯޓިސް މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާތީ އެ ދުވަހަށް އޮތީ އެ މައްސަލަ އެޖެންޑާ ކޮށްފަ އެވެ.

ނަމަވެސް މައްސަލަ ހުށަހެޅުއްވި މެމްބަރަށް، މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ޕާޓީތައް އެކުލެވިގެންވާ ގޮތަށް އައި ބަދަލާ އެކު ދާއިމީ ކޮމިޓީތައް އަދިވެސް އެކުލަވާލާފައި ނުވާތީ، އީވާ ވަކި ކުރުމުގެ ގަރާރަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅިފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލާގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވާހަކަ ދައްކާނެ ދިގުމިން އާންމު ކޮމިޓީން ކަނޑައަޅަން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަަޑައިގަންނަވަނީ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަަޑައިގަންނަވަނީ.

އީވާ ދިފާއުގައި ވާހަކަ ދެއްކެވުމަށް ދޭނީ ކިހާ ފުރުސަތެއްތޯ އާއި ދިފާއު ވާން ވާހަކަ ދެއްކެވުމުގެ ވަގުތު ވެސް ކަނޑައަޅާނީ އެ ކޮމިޓީންނެވެ.

ނިއުޝާ ވިދާޅުވީ އީވާ ވަކި ކުރުމުގެ ގަރާރަށް ބަހުސް ކުރަން ވަގުތު ކަނޑައަޅައި ނިމުމުން އެ ގަރާރު އެޖެންޑާ ކުރާނެ ކަމަށެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކަން ނުކުރެވި ލަސްވަނީ މަޖިލިސް ތަމްސީލު ކުރާ ޕާޓީތަކުން އެއްބަސްނުވެވިގެން ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ކޮމިޓީތައް އެކުލަވާނުލެވި ލަސްކުރަނީ، އީވާގެ މައްސަލަ އަށް ހުރަސް އަޅުއްވަން ނަޝީދު ކަމަށް އެމްޑީޕީގެ މެމްބަރުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން އެމްޑީޕީން ނިންމީ 12 މެންބަރުންނާއެކު އީވާ ވެސް އެ ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވުމުންނެވެ. އެ ޕާޓީން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެމަނިކުފާނު ރިޔާސަތުން ދުރުކުރަން 56 މެމްބަރަކު ސޮއިކުރެއްވި އެވެ.