ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގަތުމުން، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފާ ރިޔާސަތު ހަވާލުކޮށް، މަޖިލިހުގެ މިއަދުގެ ޖަލްސާ ފަށައިފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، ރައީސާއި ނައިބު ރައީސް ވަކިކުރުމުގެ ދެ ގަރާރު ލިބިފައިވާ ކަމަށާއި އެ ގަރާރުތަކާ މެދު ގޮތެއް ނިންމަންދެން ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އެ ދެ ބޭފުޅުން އަންގަވާފައިވާ ކަމަށެވެ.
"ވީމާ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ބ. ގެ ދަށުން ރިޔާސަތަށް ވަޑައިގަތުމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އަށް ދަންނަވަން،" ނިއުޝާ ވިދާޅުވި އެވެ.
މަޖިލިހުގެ ގަވައިދުގެ 44 ވަނަ މާއްދާ ބުނާ ގޮތުން، ރައީސާއި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތެއްގައި ދެން ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ކަނޑައަޅުއްވާނީ މަޖިލީހުގެ ރައީސް އެވެ.
އެގޮތަށް ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިން ފަސް މެންބަރެކެވެ. އެކަމަކު، ގަވާއިދުގައި ވާ ގޮތުން، އެ އިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގަ އެވެ.
މަޖިލީހުގެ ރިޔާސަތު އަފީފާ ހަވާލު ކުރެއްވި ނަމަވެސް އެ މައްސަލާގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ގިނަ މެންބަރުން ހިޔާލު ތަފާތެވެ. ބައެއް މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު މެންބަރު ކަން ކުރައްވާފައި ވަނީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށް ވާތީ ރިޔާސަތުގައި އިންނަވަން ޖެހޭނީ ސިޔާމެވެ.
އޭގެ އިތުރުން މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރަން ޖެހޭނީ އީވާ ވަކި ކުރުމުގެ މައްސަލަ ކަމަށް ވެސް އެ މެންބަރުން ވިދާޅުވެ އެވެ.
އެ މައްސަލާގައި މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ގެންދަވަނީ އަޑުގަދަކުރައްވައި، ނިޒާމީ މައްސަލަ ނަންގައި ޖަލްސާ ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅަމުންނެވެ. މަޖިލީހުގައި މިއަދު އެޖެންޑާގައި ފުރަތަމަ އޮތް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ސުވާލު ކުރުން ވެސް ކުރިޔަށް ނުގެންދެވުނެވެ.