ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތާ ހަވާލުވެވަޑައިނުގެން، ޖަލްސާ ކުރިޔަށް ނުގެންދެވި ހުއްޓާލަން ޖެހުނު ނަމަވެސް އެމަނިކުފާނު މިއަދު މަޖިލީހަށް ވަޑައިގެން އެހެން މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންފި އެވެ.

މަޖިލީހުގައި މިއަދު އެޖެންޑާ ކޮށްފައި އޮތީ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ ގޮތުން އެ ގަރާރުގެ މަސައްކަތް ކުރިޔަށް ދާއިރު ރިޔާސަތުގައި އިންނަވަން ޖެހޭނީ މަޖިލީހުގެ ރައީސް އެވެ.

މަޖިލީހުގެ ކުޑަދަށުގައި ނަޝީދު އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުންނާ ބައްދަލު ކުރައްވަނީ--
މަޖިލީހުގެ ކުޑަދަށުގައި ނަޝީދު އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުންނާ ބައްދަލު ކުރައްވަނީ--

ނަމަވެސް ނަޝީދު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވާ ކަމަށް ބުނެ ސިޓީފުޅެއް ފޮނުވާފައި އޮތުމުން އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ އެ މައްސަލާގައި ވަކި ގޮތެއް ކަނޑައެޅެންދެން ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް އަންގައި ޖަލްސާ މެދުކަނޑާލައިފަ އެވެ.

އެހެން ނަމަވެސް "މިހާރު" އާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި މިއަދު 8:45 ގައި ނަޝީދު މަޖިލީހަށް ވަޑައިގަތެވެ.

ޖަލްސާ ކުރިޔަށް ނުގެންދެވިގެން ހުއްޓާލުމާ އެކު ނަޝީދު އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުންނާ މަޖިލީހުގެ ކުޑަދަށުގައި ބައްދަލު ކުރައްވާ ފޮޓޯތަކެއް ވެސް "މިހާރު" އަށް ވަނީ ލިބިފަ އެވެ.

ކުޑަދަށުގައި ނަޝީދާއި އީވާގެ އިތުރުން ދަ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރާ މެންބަރުންނާއި އެމްޑީޕީގައި އަދިވެސް ހުންނެވި ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ތިއްބެވި އެވެ.

އީވާގެ މައްސަލަ ކުރިޔަށް ދެވޭނެ ގޮތެއް ނެތިގެން މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ އިރު ކޮމިޓީތައް އެކުލަވާ ނުލެވޭތީ އެ މައްސަލައިގެ ބަހުސް ކުރާނެ ވަގުތު ވެސް ކަނޑައެއް ނޭޅެ އެވެ.