އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އައްޑޫ މަރަދޫފޭދޫގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުން އަންނަނިކޮށް އޭނާ މަރުވެއްޖެ އެވެ.


ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މަރުވީ މަރަދޫފޭދޫ މާކަރީ ލައިޓް އަހުމަދު ސައިފް، 34، އެވެ.

އައްޑޫގައި މިއަދު ހިނގި އެކްސިޑެންޓްގައި މަރުވި މީހާ

އަމިއްލަ ގަރާޖެއް ވެސް ހިންގަމުން އަންނަ ސައިފް އެކްސިޑެންޓްވީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި ދަނިކޮށް، ކޮންޓްރޯލް ނުވެ މަރަދޫފޭދޫ ބޯޅަދަނޑާ ދިމާލުގައި ހުރި ޓްރެފިކް ސައިން ބޯޑެއްގައި ޖެހިގެން ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ. އެކްސިޑެންޓްވި އިރު ސައިކަލްގައި އިނީ އޭނާ އެކަންޏެވެ.

މި ހާދިސާގައި ސައިފްގެ މޭމައްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެނގިފައިވެ އެވެ.

މަގުމަތީގައި މަރުގެ އެކްސިޑެންޓްތައް ގިނަ އަދަދަކަށް ހިނގާ އައްޑޫގައި މިއަދު މި ހިނގީ މި އަހަރުގެ މިފަދަ ފުރަތަމަ އެކްސިޑެންޓެވެ. މަގުމަތީ އެކްސިޑެންޓްތަކުގައި މިދިޔަ އަހަރު އެކަކު މަރުވި އިރު އޭގެ ކުރީ އަހަރު ހަ މީހަކު މަރުވި އެވެ.