މަރަދޫފޭދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އައްޑޫ މަރަދޫފޭދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ފަރުވާދެމުން އައި މީހަކު މަރުވެއްޖެ އެވެ.


ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މަރުވީ ހިތަދޫ، ގަސްރުހައުސް މޫގިލް ރަޝީދު އެވެ.

މިރޭ ދަންވަރު 1:30 ހާއިރު ހިނގި އެކްސިޑެންޓުގައި މޫގިލްގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށްވެ އެވެ.

އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް މޫގިލް އަށް ސައިކަލް ކޮންޓްރޯލް ނުވެ، ކަހާލުމުން ނެވެ. އެކްސިޑެންޓު ހިނގިއިރު، މޫގިލްގެ ފަހަތުގައި އެހެން މީހަކު އިނެވެ. އެކަމަކު އޭނާ އަށް ސީރިއަސް ޒަހަމްތަކެއް ނުލިބޭ ކަމަށްވެ އެވެ.

މި އަހަރުގެ ޖެނުއަރީ 28 ގައި ވެސް މަރަދޫފޭދޫގައި އެކްސިޑެންޓެއް ހިނގައި އުމުރުން 34 އަހަރުގެ މީހަކު މަރުވެފައިވެ އެވެ.

ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި ދަނިކޮށް، ކޮންޓްރޯލް ނުވެ ރަށުގެ ބޯޅަދަނޑާ ދިމާލުގައި ހުރި ޓްރެފިކް ސައިން ބޯޑެއްގައި ޖެހި ހިނގި އެ އެކްސިޑެންޓުގައި އެ ފަހަރު މަރުވީ މަރަދޫފޭދޫ މާކަރީ ލައިޓް، އަހުމަދު ސައިފް އެވެ.

މިރޭގެ އެކްސިޑެންޓުގެ ކުރިން، އައްޑޫގައި އެންމެ ފަހުން އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެފައި ވަނީ މިދިޔަ މާޗް 19ގަ އެވެ.

މާޗް 18 ގައި ސ. މަރަދޫ ލިންކް ރޯޑްގައި ހިނގި އެ އެކްސިޑެންޓުގައި، ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބި، އެ ފަހަރު މަރުވީ ހިތަދޫ، ސޮޑާގެ/މޮޑަންހައުސް މުހައްމަދު އަޒީމް 29، އެވެ. އޭނާ މަރުވީ އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ.

އަޒީމް އެކްސިޑެންޓްވީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެ ވެއްޓިގެން ކަމަށް ވެ އެވެ.