ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭ ކޭސްތަކުގައި، ޑޮކްޓަރުގެ ލިޔުންތައް ފުރިހަމަކޮށް ހުށަހެޅުމުން އާސަންދަ އިން އެހީ ލިބޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފަރުވާއަށް ބޭރަށް ދިއުމުގައި އޮންނަ އުސޫލާ ގުޅޭ ގޮތުން އާސަންދައިން އެހެން ބުނީ އިއްޔެ އިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓަކާ ގުޅިގެންނެވެ. 

އެ ޕޯސްޓުގައި އާއިލާ އިން ބުނެފައިވާ ގޮތުގައި، މިދިޔަ ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި 18 އަހަރުގެ މޫސާ މުޒްދާނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އޭނާގެ ފަރުވާއަށް ބޭރަށް ދާން އެންސްޕާ އާއި އާސަންދަ އިން ވެސް އެހީއެއް ނުލިބު ކަމަށް އޭނާގެ ބައްޕަ އަހްމަދު ޝަރީފް ލިއެފައިވެ އެވެ.

ދެތަނަށް ލިޔުން ހުށަހަޅައިގެން ވެސް ފަރުވާގެ ކަންކަން ހަމަނުޖެހުނު ކަމަށް ބުނެ އާއިލާ އިން ވަނީ އާއްމުންގެ އެހީއަށް އެދިފަ އެވެ.

އެ ޕޯސްޓާ ގުޅިގެން އާސަންދައިން މިއަދު ބުނީ ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ޑޮކްޓަރުގެ ރެފަރެލް އާއި ފުރިހަމަ ލިޔުންތަކާއެކު ހުށަހަޅައިފި ނަމަ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދައިގެ ދަށުން އެހީތެރިކަން ދޭނެ ކަމަށެވެ.

ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އެއް ސައިކަލު ދުއްވި 19 އަހަރުގެ ޒުވާނާ ވަނީ އެރޭ ނިޔާވެފަ އެވެ.

މުޒްދާންގެ ބައްޕަ ބުނެފައި ވަނީ އެކްސިޑެންޓުގައި މުޒްދާންގެ ލޮލަށް ލިބުނު ގެއްލުމަށް ފަރުވާ ހޯދުމަށް ހުޅުމާލޭ ހޮސްޕިޓަލުންނާއި އައިކެއާއިން ދެ އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ.

ވާތުގެ ލޮލަށް ލިބުނު އަނިޔާގައި ފެނުން ގެއްލި، އިތުރު އޮޕަރޭޝަންތަކެއް ކުރަން ހުރުމުން އެއީ ރާއްޖެއިން ލިބޭ ފަރުވާ ނަމަވެސް އޭނާ ބޭނުން ވަނީ ރާއްޖެއިން ބޭރަށް ދިއުމަށް ކަމަށް ވެސް އެ ޕޯސްޓުގައިވެ އެވެ. 

ޝަރީފް ބުނެފައި ވަނީ އޭނާ އާންމުންގެ އެހީތެރިކަމަށް އެދުނީ ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނުލިބުމުން ކަމަށެވެ.