ހުޅުމާލެ ދޭއްގެ ވިނަރެސް ހަތެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި އުމުރުން ނުވަ އަހަރުގެ ކުއްޖާ ރޭ ފަތިހު ނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓުގައި ނިޔާވީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ތިނެއްގައި ކިޔަމުންދިޔަ މ. ލެމަންޓްރީ 1، ޒީވާ ސިނާން އަހުމަދު އެވެ.
ހޮނިހިރު ދުވަހުގެ ރޭ ނުވައެއް ޖަހާކަންހާއިރު އެކްސިޑެންޓުވިއިރު، ސައިކަލް ފަހަތުގައި އިން ޒީވާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެކަމަކު އިތުރު ފަރުވާ އަށް ފަހުން އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާދެމުން އައީ އެ ހޮސްޕިޓަލްގަ އެވެ.
އެކްސިޑެންޓުވެ، ހޮސްޕިޓަލަށް ގެންދިޔައިރުއްސުރެ އެ ކުއްޖާ އަށް ފަރުވާދެމުން އައީ ވެސް އައިސީޔޫގައި ވެންޓިލޭޓަރުގަ އެވެ.
އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ދިރާސާ ކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓު ހިނގީ ވިނަރެސް ހަތެއްގެ ކައިރި އަށް މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުވި ސައިކަލް ދުއްވަން އިނީ އުމުރުން 18 އަހަރުގެ އަންހެނެކެވެ. އެއީ، ހާލު ސީރިއަސްވި ޒީވާގެ ބޮޑުދައިތަ އެވެ. އޭނާ އަށް ވެސް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލްގައި ފަރުވާދިނެވެ.
އެކްސިޑެންޓްވުމާ އެކު ޒީވާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. ކުއްޖާ ހޭވެރިކަމެއް ނެތި އޮތްއިރު ބޮލުން ގިނަ އަދަދެއްގެ ލޭފައިބަމުންދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވެ އެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ދެ ކާރެއް ޓޯކޮށްފަ އެވެ. ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދުމަށް ޓޯކުރީ ފުލުހުން ބުނެފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގި ސަރަހައްދުގެ ފޮޓޯއިން ފެންނަން އޮތް ރީނދޫ ކުލައިގެ ކާރަކާއި ހުދު ކުލައިގެ ކާރެވެ.