އެންމެ ބޭނުންވާ ބޭފުޅަކު ވެރިކަމަށް ނުގެނެވޭ ނަމަ ބޭނުން ނުވާ ރައީސަކު ނުގެނައުމަށް ނަމަވެސް ވޯޓުގައި ޒުވާނުން ބައިވެރިވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތު 2023 ނިންމާލުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވޯޓުލާނެ މީހަކު ނެތޭ ބުނެ ނިންމާލުމަކީ ހައްލެއް ނޫން ކަމަށެވެ. އެއީ ވަރަށް ބޮޑު ހައްގެއް ދޫކޮށްލުން ކަމަށާއި ކުރާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ވޯޓުލެވޭ މީހާ ހެޔޮނުވާނެ ވޯޓުލައްޗޭ. އަދި ވޯޓުލެވޭ އެހެން މީހުން ކައިރީގައި ވެސް ވޯޓުލާން ބުނައްޗޭ. ވޯޓުނުލީމާ އޭގެ މާނައަކީ ޑިފެކްޓޯކޮށް އަނެއް މީހާ އަށް ތި ކުދިންގެ ވޯޓު އެ ލައިދެނީ. އަނެއް މީހާގެ އަތަށް ދޫކޮށްލެވެނީއޭ ފަސް އަހަރަށް ލިބޭ ބާރެއް," ޒުވާނުންނަށް އިޝާރާތްކުރައްވައި އީވާ ވިދާޅުވި އެވެ.

ވޯޓުލާން ޖެހެނީ, އީވާ ވިދާޅުވި ގޮތުގައި, އެންމެ ބޭނުން ނުވާ ގޮތާ ދުރަށްދާށެވެ.

".. ލެސާ އޮފް ދަ އީވިލްސްއޭ ބުނާކަށް ބޭނުމެއް ނޫން. އަޅުގަނޑު ސިޔާސީ މީހެއްގެ ގޮތުން އެ ގޮތަށް ދެކެނީއެއް ނޫން. އެކި މީހުންގެ ސިޔާސަތުތައް ތަފާތުވާނެ،"

ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތު 2023ގެ ބައިވެރިން. -- ފޮޓޯ | މަޖިލިސް
ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތު 2023ގެ ބައިވެރިން. -- ފޮޓޯ | މަޖިލިސް

އަލަށް 18 އަހަރު ފުރޭ ކުދިންނަށް ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭނެކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ މިއީ އެ ޒުވާނުންނަށް މުހިއްމު އަހަރެއް ކަމަށެވެ. އެ އެންމެން ހިމެނޭ ގޮތުން ޒުވާނުންގެ އަޑު ރިޔާސީ އިންތިހާބުގައި އިއްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޒުވާނުން ސިޔާސީ ކަންކަމުގައި ނޫޅޭ ކަމަށް ކުޑަ ކަމަށް ބައެއް މީހުން ބުންޏަސް އެއީ އޭނާ އަށް ރާއްޖޭގެ ޒުވާނުން ފެނިވަޑައިގަންނަވާ ގޮތް ނޫން ކަމަށް އީވާ ވިދާޅުވި އެވެ.

ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތު 2023 ނިންމުމުގެ ޖަލްސާ. -- ފޮޓޯ | މަޖިލިސް
ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތު 2023 ނިންމުމުގެ ޖަލްސާ. -- ފޮޓޯ | މަޖިލިސް

އީވާ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަދެ ކުރިން މަސައްކަތްކުރި ގޮތާ މިހާރުގެ ޒުވާނުން ތަފާތުވެދާނެ ކަމަށާއި އެކަމަކު ޒުވާނުން ސިޔާސީ ގޮތުން މިހާރަށް ވުރެން ހަރަކާތްތެރި ދުވަސްވަރެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ކަންކަމުގައި ތި ބޭފުޅުން ހިޔާލުފާޅުކުރާ ގޮތްތައް މާ ގިނަ. އަޅުގަނޑުމެން އިރުގައި ވެއްޖިއްޔާ ޖެހޭނީ މަގުމައްޗަށް ނުކުންނަން. އެހެންވީމަ އަޅުގަނޑުމެން ނުކުތީ މަގުމައްޗަށް ބަދަލު ބޭނުންވީމަ," އީވާ ވިދާޅުވި އެވެ.