ނުކުޅެދުންތެރިކަން ހުންނަ 20 މީހަކަށް އެމްޕީއެލުން ވަޒީފާ ދީފި

ނުކުޅެދުންތެރިކަން ހުންނަ 20 މީހަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒީފާ ދީފި އެވެ.


ހދ. ކުޅުދުއްފުއްޓާއި އައްޑު އާއި ޏ. ފުވައްމުލަކުގައި ހުންނަ އެމްޕީއެލްގެ ބަނދަރުތަކާއި އޮފީސްތަކުން ވަޒީފާ ދިން މި މީހުން، އެކަމުގެ ލިޔުމާ ހަވާލު ވުމަށް ރެ އާއި އިއްޔެ ރޭ ވަނީ މާލެ އައިސްފަ އެވެ.

އެމްޕީއެލުން ބުނީ ވަޒީފާ ލިބުނު ކަމުގެ ލިޔުން އެ މީހުންނާ ހަވާލު ކުރާނީ މާދަމާ ހެނދުނު ރައީސް އޮފީހުން ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.

އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން 20 މީހަކަށް ވަޒީފާ ދީފައިވަނީ ކުޅުދުއްފުށީ ޕޯޓުންނާއި އައްޑު އާއި ފުވައްމުލަކުގައި އެމްޕީއެލުން ދޭ ބަހުގެ ހިދުމަތުންނާއި ހުޅުމީދޫގައި ހުންނަ އެމްޕީއެލް ކޯ އިންނެވެ.

އެމްޕީއެލުން ވަޒީފާ ދިން ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުން ރޭ މާލެ އައުމުން އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު މަރުހަބާ ކިޔުއްވަނީ-- ފޮޓޯ/ އެމްޕީއެލް

"ވަޒީފާ ދިނުމުގައި އެމްޕީއެލުން ބަލާފައިވާނީ އެ މީހުންނަށް ފަސޭހަ އިން އަދާ ކުރެވޭ ކަހަލަ މަސައްކަތެއް ހަވާލު ކުރުމަށް. މި ތަނުގެ މަގްސަދަކީ އެ އެންމެންނަށް ވެސް އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުން،" އޮފިޝަލް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުންނަށް އެމްޕީއެލުން މީގެ ކުރިން ވެސް ވަޒީފާގެ ފުރުސަތު ދީފައިވާކަން ފާހަގަކޮށް، އޮފިޝަލް ވިދާޅުވީ، ވަރަށް އަވަހަށް މާލޭގައި ވެސް މި ފަދަ މީހުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

"ވަޒީފާ ދިނުމުގައި ވަކި ކަހަލަ ބަޔަކަށް އަޅުގަނޑުމެން ނުބަލަން. ފުރުސަތު އޮތް ވަރަކުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އެކަން ފަހިކޮށްދެމުން މިދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް ފެނަކަ ކޯޕަރޭޝަނުން ވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ވަޒީފާ ހަމަޖައްސައިދީފަ އެވެ.