އައިޖީއެމްއެޗުން ހަދާ ޓެސްޓުތަކުގެ ރިޕޯޓް އީފާސް އެޕް މެދުވެރިކޮށް ބެލޭނެ ގޮތް ހަދައިފި އެވެ.
ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކަށް ބޭނުންކުރާ އީފާސްގެ ޓުވީޓާ ހޭންޑަލްގައި ބުނީ އައިޖީއެމްއެޗުން ހަދާ ލެބް ޓެސްޓުތަކުގެ ރިޕޯޓާއި ޑޮކްޓަރަށް ދެއްކުމުން ލިބޭ ބޭސް ސިޓީ ވެސް މިހާރު އީފާސް އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ.
މީގެ ކުރިން އައިޖީއެމްއެޗުން ހަދާ ޓެސްޓުތަކުގެ ނަތީޖާ ލިބެނީ އެތަނަށް ގޮސް ކައުންޓަރުގައި ކިއުގައި ޖެހިގެން އެކަންޏެވެ. އެހެންވެ، މި ހިދުމަތާއެކު އާންމުންނަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ބެލެވެ އެވެ.
އީފާސް އަށް ފަސޭހައިން ލޮގިން ވެވޭނެ ގޮތް ހަދައިދިނުމަށް މިފަހުން ވަނީ އީފާސް މޮބައިލް އެޕުން، ޕާސްވާޑް އަދި އޯޓީޕީއާ ނުލައި ކިއުއާރު ކޯޑް ސްކޭން ކޮށްލައިގެން ލޮގިން ކޮށްލެވޭނެ ގޮތް ވެސް ހަދައި ދީފަ އެވެ.
ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސިއައިޓީ)ގެ ބެލެހެއްޓުމުގެ ދަށުން ސަރުކާރުން ދޭ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި އަހަރުގެ ތެރޭގައި ވަނީ ޑިޖިޓަލް ލައިސަންސާއި ޑިޖިޓަލް އައިޑީކާޑުގެ ހިދުމަތް ވެސް ތައާރަފުކޮށްފަ އެވެ. މިހާރު ގިނަ ބަޔަކު އަންނަނީ އެ ހިދުމަތްތައް ބޭނުންކުރަމުންނެވެ.