"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އަންނަ މަހުގެ ދެވަނަ ދުވަހު ޕާޓީއަށް ދޭން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން 3،500 މެމްބަރުންގެ ފޯމާ އެކު ހުށަހެޅީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ހުށަހެޅި ފޯމުތަކުގެ ސައްހަކަން ކަށަަވަރުކުރަނިކޮށް، ޕާޓީ ރަޖިސްޓްރީކޮށްދިނުން ލަސްކޮށްފައިވާ ކަމުގެ ތުހުމަތާ އެކު ޑިމޮކްރެޓްސް އިން ވަނީ އީސީއަށް ވަރަށް ބޮޑެތި ތުހުމަތުތަކެއްކޮށްފަ އެވެ.

އިީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ އަންނަ ހަފުތާގައި ދޭން އީސީން ނިންމާފައިވާކަން އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިފައިވާ ފަރާތަށް އަންގާފައިވާ ކަމަށެވެ. އެ ޕާޓީ އުފައްދަން ހުށަހެޅުއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފުގެ ނަމުގަ އެވެެ.

އާ ޕާޓީ ރަޖިސްޓްރީ ނުކޮށްދީގެން އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވަނީ އީސީއަށް ވަދެވަޑައިގެން ތިއްބަވައި ނުރުހުންފާޅުކޮށްފަ އެވެ.

މިދިޔަ މަހު 24 ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީ ރަޖިސްޓްރީ ކުރަން 3،560 ފޯމު މި މަހުގެ ފުރަތަމަ ދުވަހު އީސީއަށް ހުށަހެޅި އެވެ. އީސީން ކުރިން ބުނި ގޮތުގައި، ޑިމޮކްރެޓްސް އިން ހުށަހެޅި މެމްބަރުންގެ ފޯމުތައް ޕްރޮސެސްކޮށް ނިމުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ އެވެ. އެންމެ އަވަސް ވިޔަސް އެކަމަށް 3-4 ހަފުތާ ހޭދަވާނެ ކަމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެފައިވެ އެވެ.

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބަށް މި ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަން އެ ޕާޓީން އޮތީ އިއުލާންކޮށްފަ އެވެ.