ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް އިންތިހާބުވި ޝުޖާއު އަލީ އެމްޑީޕީއަށް ބަދަލުވުމުން، އޭނާގެ ގޮނޑިއާ މެދު ގޮތެއް ނިންމަންދެން ގޭގައި މަޑުކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޝުޖާއުއަށް އަންގައިފި އެވެ.
އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލްސޮއި ކުރައްވައި ޝުޖާއުއަށް އިއްޔެ ފޮނުވި ސިޓީގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ ޅ. ގައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުމަށް ފަހު އެ އިންތިހާބުވި ދައުރު ތެރޭގައި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުން ކައުންސިލު މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
އެލްޖީއޭ އިން ބުނީ ލޯކަލް ކައުންސިލު އިންތިހާބުގައި ޝުޖާއު ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ދަ ޑިމޮކްރެޓްސްގެ ހައިސިއްޔަތުން އިންތިހާބުމަށް ފަހު، ދައުރު ފެށުނު ފަހުން މެއި 19 ގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
އެހެންވެ އެލްޖީއޭގެ ބޯޑުން ވަކި ގޮތެއް އަންގަންދެން ޝުޖާއު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ކައުންސިލް ހިންގުން ނައިބް ރައީސަށް ހަވާލުކުރުމަށް އަންގާފައިވެ އެވެ.
"ވީމާ މި އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން، ތިޔަ ކައުންސިލުގެ ރައީސް ޝުޖާއު އަލީ މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުމަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް ކައުންސިލުގެ ރައީސަށް އަންގަވައިދެއްވުން އެދެމެވެ." އެ ސިޓީގައިވެ އެވެ.
އެ މައްސަލާގައި ޝުޖާއު "މިހާރު" އަށް ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅުނީ އެ ޕާޓީ އުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭޕްރީލް 23 ގައި ޕާޓީ ހިންގާ ފަރާތްތަކަށް އެންގުމުން ކަމަށެވެ.
ޝުޖާއު ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން އޭނާ އިންތިހާބުވި ނަމަވެސް މަގާމުގެ ހުވާކުރުމުގެ ކުރިން ޕާޓީ އުވާލާފައިވާ ކަމަށް އީސީން އެންގި ކަމަށެވެ. އެހެންވެ، އެއް ޕާޓީ ދޫކޮށް އަނެއް ޕާޓީއާ ގުޅުނު ކަމަށް މާނަކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެމްޑީޕީއާ ގުޅުނީ މެއި 19 ގައި. މިއަހަރުގެ އޭޕްރީލް 23 ގައި އިލެކްޝަންސް އިން ސިޓީ ފޮނުވާފައި މިއޮތީ ޕާޓީ އުވާލި ކަމަށް. އެލްޖީއޭ އިން ވެސް އިލެކްޝަންސް ކޮމިޝަނުން ވެސް މި މާނަކުރާ ހާލަތު އަޅުގަނޑު ގަބޫލެއް ނުކުރަމޭ،" ކުރިން ވ. އަތޮޅު ކައުންސިލުގެ ރައީސްކަން ވެސް ކުރެއްވި ޝުޖާއު ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީއަކުން އަނެއް ޕާޓީއަކަށް ބަދަލުވީކީއެއް ނޫނޭ. އަޅުގަނޑު އިންތިހާބުވި ޕާޓީ އުވި ދިޔައިމަ އާ ސިޔާސީ ޕާޓީއަކަށް އަޅުގަނޑު ވަނީ. ދެން ސިޔާސީ ޕާޓީއަކަށް ވަނުމަކީ ގާނޫނުން މަނާކަމެއް ނޫނޭ. އަޅުގަނޑު ހުވާލުކުރުމުގެ ކުރިން ޕާޓީ އުވާލީމަ އަޅުގަނޑު ހުންނާނީ މިނިވަން މެމްބަރެއްގެ ގޮތުގައި އެބޭފުޅުން އެގޮތަށް މާނަ ކުރާ ނަމަ."
އެ މައްސަލާގައި ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭ އިން ކަނޑައަޅައިފި ނަމަ އޭނާ ވާނީ ގޮނޑި ގެއްލުނު ފުރަތަމަ ކައުންސިލު މެމްބަރަށެވެ.
އީސީން ޑިމޮކްރެޓްސް ހިންގާ ފަރާތްތަކަށް ފޮނުވި ސިޓީގައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ ޕާޓީގައި 3000 މެމްބަރުން ހަމަވެފައިނުވާތީ ޕާޓީ ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެމްބަރުން ހަމަކުރުމަށް ދެވުނު ތިން މަސް ދުވަހުގެ މުއްދަތު އޭޕްރީލް 11 ގައި ހަމަވެފައިވާ ކަމަށެވެ. އެ މުއްދަތު ހަމަވިއިރު ވެސް ޕާޓީގައި ތިބި މެމްބަރުންގެ އަދަދަކީ 2716 ކަމަށާއި އެހެންވެ، 3000 މެމްބަރުން ޕާޓީއަށް ހަމަވެފައިނުވާތީ ދަ ޑިމޮކްރެޓްސް އުވާލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.