މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް ބައެއް މެންބަރުން ބޭނުންވި ހުށަހެޅުން އެޖެންޑާ ނުކުރެވުނީ އޮންނަ މުއްދަތަށް ވުރެ ފަހުން އެ ހުށަހެޅުންތައް ލިބުމުން ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްލަ 18 ކައުންސިލަރުން ހިމެނޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުން ފެށުމަށް ފަހު އެޖެންޑާ ފާސްކުރުމަށް ވޯޓަށް އެހުމުން، އެޖެންޑާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެ ހިތްހަމަނުޖެހުން ފާޅުކުރެއްވީ ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލަރު އަހުމަދު އައިފާން އެވެ. އޭނާ ވަނީ ސިޓީ ކައުންސިލްގެ އެޖެންޑާގައި ދެ ކަމެއް ހިމަނައިދިނުމަށް އެދިފަ އެވެ. އެއީ ބައެއް ކައުންސިލަރުން އެމްޑީޕީން ވަކިވެފައިވާތީ، ދާއިމީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމެވެ. އަދި 35،000ރ. އަށްވުރެ މަތިން ތަކެތި ޕްރޮކިޔޯ ކުރާ ނަމަ، ކޯޕަރޭޓް އެފެއާޒް ކޮމިޓީން ފާސްކޮށް، އެ މައުލޫމާތު ކައުންސިލަށް ދިނުން ލާޒިމްވާ ގޮތަށް ހެދުމަށް ފާސްކުރުމެވެ.
އެ ދެ ހުށަހެޅުން ނުލައި ޖަލްސާ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ވިދާޅުވެ، ނުވަ މެންބަރަކު ޖަލްސާ ކުރާ މާލަމުން ނުކުމެވަޑައިގަތެވެ.
މުއިއްޒު "މިހާރު"އަށް ވިދާޅުވީ ގާނޫނު އޮންނަ ގޮތުން ޖަލްސާ ބޭއްވުމުގެ 48 ގަޑިއިރު ކުރިން އެޖެންޑާ މެންބަރުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެހެންވެ، އެކަން އެގޮތަށް ކުރުމަށްޓަކައި އެޖެންޑާގައި ހުށަހަޅަން ބޭނުންވާ ކަންކަން 72 ގަޑިއިރު ކުރިން ފޮނުވަންޖެހޭ ގޮތަށް ކައުންސިލްގެ ހިންގާ ގަވައިދަށް މާއްދާއެއް ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.
އެ މުއްދަތު ތެރޭގައި މިއަދުގެ ޖަލްސާގެ އެޖެންޑާ ތައްޔާރުކޮށްފައިވާނެ ކަމަށާއި އޭރު ކައުންސިލަރު އައިފާންގެ ހުށަހެޅުންތައް ލިބިފައިނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ ދެ ހުށަހެޅުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރެވުނު ނަމަވެސް، ދެން އޮންނަ ޖަލްސާއަކަށް އެޖެންޑާކުރާނެކަން ވާނީ އަންގައިފަ އެވެ.
އޭނާ ވިދާޅުވީ ދެ ހުށަހެޅުން އެޖެންޑާ ނުކުރީ ހުށަހެޅުމުގައިވާ އެއްވެސް ކަމަކާ ދެކޮޅުވާތީ ނޫން ކަމަށެވެ.
ނަމަވެސް، ބައެއް ކައުންސިލަރުން ވަނީ އެ ތުހުމަތު މުއިއްޒަށް އަމާޒުކުރައްވާފަ އެވެ. އެގޮތުން، ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެން ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވަނީ ކޮމެޓީތައް އަލުން އެކުލަވާލަން މުއިއްޒު ދެކޮޅު ހައްދަވާ ކަމަށެވެ. އެއީ ކޮންޓްރޯލް ގެއްލިދާނެތީ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ތުހުމަތުތައް ދޮގުކުރައްވައި މުއިއްޒު ވިދާޅުވީ މިހާތަނަށް ކައުންސިލްގެ 109 ބައްދަލުވުން ބޭއްވިފައިވާއިރު، މިފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.
ކައުންސިލަރުން ފޮނުވާ ހުރިހާ ކަމެއް ވެސް ގަވައިދުން އެޖެންޑާ ކުރަމުން ގޮސްފައިވާނެކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އެކަމުން ވެސް އެނގިގެން ދަނީ ކައުންސިލްގެ ޖަލްސާތައް ބާއްވަމުން ދަނީ ރަނގަޅަށްކަން ކަމަށެވެ.
"މިއޮތް ދެ ހުށަހެޅުން ވެސް އެޖެންޑާ ކުރާނެ، އެކަމުގައި އެއްވެސް މައްސަލައެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.