މާލެ ސިޓީ ކައުންސިލްގެ ބިމެއް ކަމަށްވާ "ތައިސޭ ކޮށި" ބިން ވެސް ދައުލަތަށް ނަގަން ސަރުކާރުން ނިންމައިފި އެވެ.

ތައިސޭ ކޮށްޓަކީ ބޮޑުތަކުރުފާނުމަގާ ގުޅޭގޮތުން، މާލޭގެ އިރުދެކުނު ފަރާތުގައި މާލެ ޖަލާއި ކައުންސިލްގެ ފުޓުބޯޅަ ދަނޑު ކައިރީ އޮންނަ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގެ ހުސް ބިމެވެ.

ހައުސިން މިނިސްޓްރީން މިއަދު ވަނީ ކައުންސިލްގެ 14 ބިމެއް ދައުލަތަށް ނަގަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ތައިސޭ ކޮށި ވެސް ހިމެނެ އެވެ.

މާލޭ ސިޓީ ކައުންސިލުގެ މިހާރުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
މާލޭ ސިޓީ ކައުންސިލުގެ މިހާރުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.

ކައުންސިލުން މިދިޔަ އަހަރު ވަނީ ތައިސޭ ކޮށީގެ ބިން އެއްކޮށް ސާފުކޮށް، ތަނުގެ ގޮނޑުކަން ފިލުވައިފަ އެވެ. އެހެންވެ އެ ތަނުން ރަނގަޅު ބިމެއް ހެދިފައިވާތީ އެ ބިމުން އާމްދަނީ ލިބޭނެ ގޮތެއް ހެދުމަށް އަގަށް ބަލައި، ހުނަރުވެރި ޒުވާނުންނަށް ކުއްޔަށް ދޫކުރަން ވެސް ކައުންސިލުން މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ.

ކައުންސިލުގެ ބެލުމުގެ ދަށުން ދައުލަތަށް ނަގާ ތަންތަން:

  1. ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
  2. މަސް މާރުކޭޓު
  3. މަސް މާރުކޭޓުގެ ހިއްކައިފައި އޮތް ސަރަހައްދު
  4. ލޯކަލް މާރުކޭޓު
  5. މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
  6. ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ އިމާރާތް
  7. ކާނިވާ ސަރަހައްދު
  8. އާޓިފިޝަލް ބީޗު
  9. މަސްވެރިންގެ މައިޒާން
  10. ތައިސޭ ކޮށި
  11. ކުލީ ފާޚާނާ ނަންބަރު 2
  12. ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
  13. ބޮނޑިބަތް ޕާކު
  14. ރަސްފަންނު

ހައުސިން މިނިސްޓްރީން އެ ބިންތައް ނަގަން ނިންމުމަށްފަހު ބުނީ އެއީ މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ ތަރައްގީގެ މަސައްކަތްކުރުމަށާއި އިންފްރާސްޓްރަކްޗާގެ ހިދުމަތް ދިނުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.

އެކަމާ ގުޅޭ އެއްވެސް ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތް ނަމަ މިއަދުން ފެށިގެން 14 ދުވަހުގެތެރޭގައި ހައުސިން މިނިސްޓްރީއަށް ހުށަހަޅަން ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުމަށް ކެބިނެޓުން ކަނޑައަޅައިފި ހިނދެއްގައި ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ މިދިޔަ މަހު އެވެ.

ބިލުގައި ވާ ގޮތުން، ކައުންސިލެއްގެ ބިމެއް ސަރުކާރަށް ނަގަން ކެބިނެޓުން ނިންމިޔަސް، އެކަމުގައި ކައުންސިލާ މަޝްވަރާކުރަން ޖެހެ އެވެ. ގާނޫނަށް ގެނައި އެ ބަދަލުގައިވާ ގޮތުން ކައުންސިލެއްގެ ބިމެއް ނަގަން ކެބިނެޓުން ނިންމާ އިރު ގިނަ ކަންތައްތަކެއް ފުރިހަމަކުރަން ޖެހެ އެވެ.

ވަކިކުރާ ބިމުގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާ ނަމަ ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައި އެކަށީގެންވާ ބަދަލު ލިބެން ޖެހޭ ގޮތް ގާނޫނަށް ގެނައި އާ އިސްލާހުން ފަހިކޮށްފައިވެ އެވެ.