މާލޭގެ "ލޭންޑް ޔޫސް ޕްލޭން" އެކުލަވާލުމަށް ހުރިހާ އަވަށެއްގެ ރައްޔިތުންނާ ވަކިން ބައްދަލު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ "ރީތިންކް މާލެ" އާބަން ސްޓެރެޓެޖީ އާއި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ކޮންމެ އަވަށެއްގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އެންމެ ފުރަތަމަ ބައްދަލުކުރަން ނިންމާފައި ވަނީ ގަލޮޅުގެ ރައްޔިތުންނާ އެވެ. މި ބައްދަލުވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30ގައި ގަލޮޅު މަދަރުސާގަ އެވެ.
ކައުންސިލުން ވަނީ ވިލިމާލޭގެ ރައްޔިތުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވާން ދައުވަތު ދީފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަކަށް ހުންނެވިއިރު މާލޭގެ ލޭންޑް ޔޫސް ޕްލޭނެއް ހަދައި ޕްލޭނިން މިނިސްޓްރީއަށް ފޮނުވި އެވެ. ނަމަވެސް ލޭންޑް ޔޫސް ޕްލޭން އޮތީ ފާސްނުކޮށެވެ.
މާލޭގެ ރައްޔިތުންނާ ބައްދަލު ކުރަން ކައުންސިލުން ނިންމާފައި މި ވަނީ ލާމަރުކަޒީ ގާނޫނުން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތައް ބާއްވަން ކައުންސިލުން މި އަހަރު 1.1 މިލިއަން ރުފިޔާ ހަރަދުކުރިކަން ހާމަވުމުން އާއްމުންގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަހުމަދު އައިހަމް ކިޔާ މީހަކު މިދިޔަ މަހުގެ 20 ވަނަ ދުވަހު ހޯދި މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމަށް 567،839ރ. ހަރަދުކުރި އެވެ.
ފާޑުކިޔުންތަކަށް ރައްދުދެއްވައި އާޒިމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރުގެ ދެ ބައްދަލުވުމަކަށް 2،050،520ރ. ހަރަދުވި ކަމަށެވެ. ނަމަވެސް، އެ ހަރަދު މިހާރު ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.