ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލަ ބައްލަވާ ހައި ކޯޓުގެ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން މި މަސް ތެރޭގައި ދެން އެ މައްސަލާގެ އަޑުއެހުމެއް ބޭއްވޭނެ ކަމުގެ އުއްމީދު ގެއްލިއްޖެ އެވެ. މި މަހުގެ ތެރޭގައި ހައި ކޯޓުގެ ޝަރީއަތެއް ނުބޭއްވިއްޖެ ނަމަ ޔާމީންގެ މައްޗަށް ހުށަހަޅާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިން އިންތިހާބުގެ ކުރިއަށް އެމަނިކުފާނު ސަލާމަތްވުމުގެ ދޮރު ގާތްގަނޑަކަށް ބަންދުވީ އެވެ.

ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ހުޒައިފާ މުހައްމަދެވެ.

ހައި ކޯޓުން މިއަދު ބުނި ގޮތުގައި ފަނޑިޔާރު ހުޒެއިފާ ހުންނެވީ މިއަދު މެޑިކަލް ޗުއްޓީއެއްގަ އެވެ.

އޭގެތެރެއިން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ސަލީމް ޗުއްޓީ އަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ޗުއްޓީއަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހާރު އަމަލު ކުރަމުން އަންނަ، ދުރާލާ ޗުއްޓީތައް ނެގުމުގެ އުސޫލުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅާފައިވާ ޗުއްޓީއެކެވެ.

ހައި ކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ ޝަރީއަތް އަވަސްކުރުން ޔާމިނަށް މުހިންމުވެފައި ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ އެ ހުކުމުން ސަލާމަތްވެގެން ކަމަށް ވާތީ އެވެ. އެހެންވެ، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮއްވައި މައްސަލަ ނިންމުމަށް އިދިކޮޅު ޕީޕީއެމުން ވެސް އަންނަނީ ގޮވާލަމުންނެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހަށް ބަންދުވާނެ އެވެ. ޖިނާއީ ދައުވާއެއް ސާބިތުވެފައި އޮތުމަކީ އިންތިހާބުގައި ކުރިމަތިލުމަށް އޮތް ހުރަހެކެވެ.

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ. އެކަމަކު ޕީޕީއެމުން ބުނާ ގޮތުގައި ހައި ކޯޓުން ޔާމީންގެ މައްސަލައިގައި ގޮތެއް ނުނިންމިޔަސް، ސުޕްރީމް ކޯޓުން ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ކާމިޔާބުވާނެ އެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ޝަރީއަތް ދަނީ ކުރިއަށެވެ. އެ މައްސަލައިގައި ފުލުފުލުގައި އަޑުއެހުންތަކެއް ތާވަލުކުރި ނަމަވެސް، އެ އަޑުއެހުންތައް ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވެ އެވެ.

ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ. މި މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގިކަން ސާބިތުވެ ޔާމީންގެ މައްޗަށް މީގެކުރިން ފަސް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކުރީ އެވެ.