ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖަލަށް ލާން ކުރި ހުކުމް ބާތިލްކޮށް މާފުދިނީ އޭނާ މާފަށް އެދި ކޯޓަށް އެކަން އެންގުމުން ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
އަލީގެ މައްޗަށް ޖިންސީ ގޯނާ އާއި ރޭޕް ފަދަ ތުހުމަތުތަކުގައި އުފުލި ދައުވާތަކުގައި ހެކިބަސް ދޭން ތިބި މީހުން މިހާރު ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވުމުން ދައުވާތައް އަނބުރާ ގެންދިޔައީ އެވެ.
އެކަމަކު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތްތަކަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި އޮތީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން އޮގަސްޓު 11، 2021 ގައި ހުކުމް ކޮށްފަ އެވެ.
ޖިންސީ ކުށުގެ ދައުވާތައް އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައި ވަނިކޮށް ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދާން ހުއްދަ ދިނުމުން ކޯޓަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި ދެ އަހަރެއްހާ ދުވަހު އުޅުމަށް އަލީ މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ. އެކަމަކު ޖަލު ހުކުމް ބާތިލްކޮށްފައި އޮތުމުން އޭނާ ހައްޔަރެއް ނުކުރެ އެވެ.
ސުޕްރީމް ކޯޓުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަލީގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލްކުރީ ޖޫން މަހު ކަމަށެވެ.
"އަލީ ވަހީދު އަމިއްްލައަށް މާފަށް އެދުމުން އެ ހުކުމް ބާތިލްކޮށް މައާފުދީފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އަލީގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދިޔަ ސަބަބެއް ކަމަށް ޕީޖީން ބުނީ އަލީގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނެ ކުރިން ބަޔާންދިން މީހުންނާއި އޭނާއާ ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވުމެވެ. މި މައްސަލައިގައި މައިގަނޑު ހެކީގެ ގޮތުގައި ހުރީ އަނިޔާ ލިބުނު ކަމަށް ބުނާ މީހުންގެ ބަޔާންތަކާއި ހެކިބަސް ކަމަށް ވާތީ އެ މީހުން ޝަރީއަތުގައި އެގޮތަށް ވާހަކަ ދައްކަން ދެކޮޅު ހަދާތީ ދައުވާތައް ސާބިތުކުރެވެން ނެތުމުން ދައުވާތައް އަނބުރާ ގެންދިޔައީ ކަމަށް ޕީޖީން ބުންޏެވެ.