މާލޭ ސިޓީ ކައުންސިލްގެ ޖަލްސާ ފަށާފައި ވަނިކޮށް ތިން ކައުންސިލަރަކު ނުކުމެ ކޯރަމް ގެއްލުވާލުމުން މިއަދު ވެސް ޖަލްސާ ހުއްޓާލަން ޖެހިއްޖެ އެވެ.

ކައުންސިލްގެ ޖަލްސާ މިއަދު ނުބޭއްވުނު އިރު މެމްބަރުންތަކަކާ ހެދި މިދިޔަ ހަފުތާގައި ވެސް ޖަލްސާ ނުބޭއްވުނެވެ.

ޖުމްލަ 18ކައުންސިލަރުން ހިމެނޭ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާ ފެށީ ކޯރަމް ހަމަވުމުންނެވެ. މާލެ ސިޓީ ރައްޔިތުންގެ މި އަހަރުގެ ދެ ވަނަ ބައްދަލުވުން މި މަހުގެ 31 ވަނަ ދުވަހު ބާއްވަން މިއަދު ފާސް ވެސް ކުރި އެވެ.

ޖަލްސާގައި ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވާހަކަ ދައްކަވަން ފެށުމުން ބައެއް މެމްބަރުން ތެދުވެ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގަތީ އެވެ. އެއީ އެމްޑީޕީގެ ދެ ކައުންސިލަރުން ކަމަށްވާ މަރިޔަމް ނާޒިމާ އާއި އައިޝަތު ނިޒްލީ ރަޝީދުގެ އިތުރުން ޑިމޮކްރެޓްސްގެ މެމްބަރު ރީހާން ނާޒިމް އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖަލްސާ ފެށި ފަހުން ތިން މެމްބަރަކު ނުކުމެވަޑައިގަތް ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ފޮލޯ ކުރަނީ ގަވައިދާއި ގާނޫނުގައި އޮންނަ ގޮތަށް. އެޖެންޑާ ވެސް ކުރަނީ އެގޮތަށް. މިއަދު އެ މެމްބަރުން ޖަލްސާ ދޫކުރައްވައި ވަޑައިގަތީ ކީއްވެކަން އަޅުގަނޑަކަށް ވެސް ނޭނގެ،" މުއިއްޒު ވިދާޅުވި އެވެ.

މިދިޔަ ހަފުތާގެ ބައްދަލުވުމުން މެމްބަރުންތަކެއް ނުކުމެވަޑައިގަތީ ދެ ކަމެއް އެޖެންޑާނުކޮށްދިން ކަމަށް ވިދާޅުވެ ހިތްހަމަނުޖެހުން ފާޅުކުރުމަށް ފަހު އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެ ހުށަހެޅުން ފޮނުވީ އެޖެންޑާގައި ކަންކަން ހިމަނަން ގަވައިދުގައި ކަނޑައަޅާފައި އޮންނަ މުއްދަތު ހަމަވި ފަހުންނެވެ. އެހެންވެ މޭޔަރު ނިންމެވީ މިއަދުގެ ޖަލްސާއަށް އެ ދެ ހުށަހެޅުން އެޖެންޑާކުރުމަށެވެ.

އައިފާންގެ އެ ދެ ހުށަހެޅުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ވެސް ކުރި އެވެ.

ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރު އަހުމަދު އައިފާން ހުށަހެޅުއްވި އެ ދެ ހުށަހެޅުމުގައި ވަނީ:

1. ބައެއް ކައުންސިލަރުން އެމްޑީޕީން ވަކިވެފައިވާތީ، ދާއިމީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުން

2. 35،000ރ. އަށްވުރެ މަތިން ތަކެތި ޕްރޮކިޔޯ ކުރާ ނަމަ، ކޯޕަރޭޓް އެފެއާޒް ކޮމިޓީން ފާސްކޮށް، އެ މައުލޫމާތު ކައުންސިލަށް ދިނުން ލާޒިމްވާ ގޮތަށް ހެދުމަށް ފާސްކުރުން

އެ ދެ ހުށަހެޅުން ނުލައި ޖަލްސާ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ވިދާޅުވެ، އެ ދުވަހު ނުވަ މެންބަރަކު ޖަލްސާކުރާ މާލަމުން ނުކުމެވަޑައިގަތެވެ.

އެ ދުވަހު ޖަލްސާ ދޫކުރައްވާ ދޫކުރައްވައި ނުކުމެވަޑައިގެން ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި އައިފާން މިއަދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ވަޑައިގަތްއިރު ޖަލްސާ ނިންމާލައިފައިވާ ކަމަށެވެ. ނަމަވެސް ނިންމާލީ ކީއްވެކަން އެނގިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.