ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވަކިވެ އެ ޕާޓީގެ އިސް ބޭފުޅުންތަކެއް އުފެއްދެވި "ދަ ޑިމޮކްރެޓްސް" އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ސޮއި ކުރައްވައިފި އެވެ.

ނަޝީދު ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވީ، އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ އެ ޕާޓީގެ ފުރަތަމަ ޖަލްސާގެ ތެރެއިންނެވެ. މިއީ އެމަނިކުފާނު ޑިމޮކްރެޓްސްއަށް ސޮއި ކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޑިމޮކްރެޓްސް އުފެއްދީ ނަޝީދަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު އެވެ.

އެކަމަކު އެ ޕާޓީގެ ހަރަކާތަކުން ނަޝީދު ރަސްމީ ސިފައެއްގައި ފެނިފައިވަނީ އެ ޕާޓީ އުފެއްދުމަށް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސްއަކީ އެމްޑީޕީ ދެ ފަޅިވެގެން އުފެދުނު ބޮޑު ފަޅި އެވެ. އެގޮތުން އާ ޕާޓީއަކީ އެމްޑީޕީގެ 80 ޕަސެންޓް ކަމުގައި ވިދާޅުވި އެވެ.

އޭގެފަހުން، މި ހަފްތާގެ ތެރޭގައި އެމަނިކުފާނު ވަނީ ޑިމޮކްރެޓްސްގެ އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފަ އެވެ.

ނަޝީދު އިސްކޮށް ހުންނަވައި އުފައްދާ އާ ޕާޓީއަށް އެމަނިކުފާނުގެ ގާތް ހުރިހާ ބޭފުޅުން ވެސް ވަނީ ގުޅިފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އީވާ އަބްދުﷲ އާއި މަޖިލިސް މެންބަރުން ކަމަށްވާ އިމްތިޔާޒު ފަހުމީ އަދި ހަސަން ލަތީފް ހިމެނެ އެވެ. އެ ޕާޓީން އަންނަނީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތައްޔާރުވަމުންނެވެ.

އެކަމަކު އިންތިހާބުގައި އެ ޕާޓީން ވަކިން ވާދަކުރާނެ ކަމަށް އަދި ސީދާ ބުނެފައެއް ނުވެ އެވެ. އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ޖުމްހޫރީ ޕާޓީގެ އިތުރުން މައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާ އެކު ވެސް ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ގެންދަވަނީ ކުރައްވަމުންނެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ގައުމަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނާއެކު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މި އިންތިހާބުގައި ވާދަނުކުރެއްވުން ކަމަށެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ ވަކި ފެކްޝަނެއްގެ ގޮތަށް އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ހިންގުމަށްފަހު އެވެ. އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލު ތަފާތުވެފައިވާއިރު، ޕްރައިމަރީގައި ވެސް ރައީސްއާ ވާދަކޮށް ނަޝީދަށް ލިބިވަޑައިގެންނެވީ ނާކާމިޔާބީ އެވެ.