ޑީމޮކްރެޓުންގެ ފިކުރާއި އުސޫލު ކުރިއަށް އޮތް ތަނުގައި ގަދަވާނެ ކަމަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ލިބޭނެ ތަނެއް ނުފެންނަ ކަމަށް، އެ ޕާޓީން މި ފަހުން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ދެބައިވުމަށްފަހު ނަޝީދަށް ތާއިދުކުރައްވާ މެމްބަރުން އުފެއްދެވި ޕާޓީގެ ހަރުގެ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި، މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ ގަދަވާންވީ އެ ޕާޓީއެއްގެ ފިކުރާއި ހިޔާލާއި އުސޫލު ކަމަށެވެ. އެ ގޮތަށް، ޑިމޮކްރެޓުންގެ އުސޫލަކީ ގަދަވާނެ އުސޫލެއް ކަމަށާއި އެކަން ކާމިޔާބުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޕާޓީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ މަހުގެ 21 ގަ އެވެ. ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދިނަސް، އެ މަނިކުފާނު އަދި އެ ޕާޓީއަށް ސޮއެއް ނުކުރައްވަ އެވެ. ނަމަވެސް، ހަރުގެ ޖަލްސާގައި ސަރުކާރަށް ފާޑުވިދާޅުވެ، އާ ޕާޓީއަށް ވަރަށް ބޮޑަށް ތައުރީފުކުރެއްވި އެވެ.
ނަޝީދު ވިދާޅުވީ ތަޖުރިބާކާރު ފަންނީ މީހުންނާއި ކަންކަން ދަންނަ އަދި ހުރިހާ ދިވެހިން ޝާމިލްވާގޮތަށް ތައްޔާރުކުރާ ސިޔާސަތުން ރާއްޖެ ހައްލުކުރުމުގެ މަގު ފެންނާނެ ކަމަށެވެ. ދިވެހިން އަބަދު ވެސް ކަންބޮޑުވެ އުޅެނީ އާއްމު ހާލަތު ރަނގަޅުކުރުމަށް ކަމަށާއި އެ ޝަކުވާތަކަށް ވެސް، އެ ސިޔާސަތުން ހައްލު ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަޅުގަނޑު ބައިވެރިވާ ސަރުކާރަކުން ދިވެހިންގެ ނޭވާ ހޮޅިން، ވެންޓިލޭޓަރުން ވައްކަމެއް ނުކުރާނެ. ކޮވިޑުގެ ނާމާން ދުވަސްވަރު، ހަމައެކަނި ދިވެހިން ގޮވަމުން ދިޔައީ އެހީތެރިވެދޭށޭ. އެމްބިއުލާންސްގެ ސައިރެންގެ ނޫން އަޑެއް ނީވޭ މަގުތައް ބަންދުވެފައި އިންނައިރު ހައްޔަރުވެފައި. އެ ވަގުތުގައި، އެ ވަގުތުގައި ދިވެހިންނަށް ހިޔާނަތްތެރިވުމަކީ ވަފާތެރިކަމެއް، އިންސާނިއްޔަތުތަކެއް އެއްގޮތަކަށް ވެސް، އެއްގޮތަކަށް ވެސް ނެތުން. ވެންޓިލޭޓަރުގެ ވައްކަން އަޅުގަނޑުމެން ހޯދަންޖެހޭ.-- ނަޝީދު ވިދާޅުވި އެވެ.
ބޭނުންވަނީ ކަންކަން ތަންފީޒުކޮށްދޭނެ ސަރުކާރެއް ގާއިމްކޮށްދިނުމަށް ކަމަށާއި މަޝްރޫއުތަކުގެ ބޭނުމަކީ ކޮންޓްރެކްޓަރު ހިޔާނާތްތެރިވުމުގެ ބޭނުމުގައި ކަންކަން ކޮށްދޭ ސަރުކާރެއް އަދި ރައްޔިތުންގެ ލާބައަށް މަސައްކަތްކޮށްދޭނެ ސަރުކާރެއް ކަމަށެވެ.
"ޑިމޮކްރެޓުން މިއަދު އެދި ގޮވަނީ މި ދިވެހިރާއްޖެ އެދިގޮވާ އެތައް ކަމެއް ފުއްދައިދިނުމުގެ ސިޔާސަތުތަކާއެކު. މި ޕާޓީއަށް ވޯޓުދޭ ދިވެހި ކޮންމެ ރައްޔިތަކީ އިތުރު އެހެން ކަމަކަށް ވޯޓު ދޭ ރައްޔިތެއް ނޫން. އޭނާގެ އަމިއްލަ ހާލަތަށް، އޭނަ އާއި އޭނާގެ އަމިއްލަ އާއިލާ، އޭނަ އާއި އޭނާގެ ދަރިންނަށް، އޭނާގެ ގޭގެ މީހުންނަށް ހެޔޮގޮތެއް، ރަނގަޅު ގޮތެއް، ތަނަވަސް ގޮތެއް ހޯދައިދޭނެ، ފޯރުކޮށްދޭނެ ސިޔާސަތުތަކެއް ތަންފީޒުކޮށްދޭނެ. ޑިމޮކްރެޓުންގެ ސިޔާސަތުތަކަކީ." ކުރިން އެމްޑީޕީގެ ހަރުގެ ހިންގި ތަނުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަން ފާހަގަކޮށް، އެ ކަންކަމުގައި ހައްލު ޑިމޮކްރެޓުން ހުށަހަޅާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރޭގައި މާލީ ކަންކަމާއި ދަރަންޏާއި އަދި އެ ދަރަނި އަނބުރާ ދައްކާނެ ގޮތާއި ޓެކްސް ބޮޑުވާ މިންވަރާއި އެ ކޮންޓްރޯލް ކުރެވޭ މިންވަރު އަދި އިންފްލޭޝަން ރޭޓް ހުރި މިންވަރު ފާހަގަކުރެއްވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ ދޫކުރައްވައި ނުކުމެވަޑައިގަތީ ވެސް އެ ކަންކަން ނުކޮށްދެވުމުގެ ނަތީޖާގެ ސަބަބުންނެވެ.
"އަޅުގަނޑު ވެސް، އެމްޑީޕީ ދޫކޮށް ނުކުތީ ޕާޓީގެ ސިޔާސަތުތައް، ރައްޔިތުންނަށް ވައުދުވި ވައުދުތައް ނުފުއްފައި މުޅިން އެހެން ކަންތައްތަކެއްގެ ތެރޭގައި ސަރުކާރު ޝާމިލްވަމުން ދިޔައީ. އެކަންތައްތައް ވެގެން ދިޔައީ ބިރުން ފިއްކަނޑައިގެން ދާ ކަންތައްތަކަށް. އެއީ ވައްކަމާއި ހިޔާނާތުގެ ނެޓްވޯކަކަށް." އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވީ ސަރުކާރުގެ ހިޔާނާތުގެ ލައްގަނޑުގައި ޖެހެން ބޭނުން ނުވާ ކަމަށެވެ. ދައުލަތުގެ ބަޖެޓުން، ލޯ ލާރިއެއް ވެސް ނަގާފައި ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ބައިވެރިވާ ސަރުކާރަކުން ދިވެހިންގެ ނޭވާ ހޮޅިން، ވެންޓިލޭޓަރުން ވައްކަމެއް ނުކުރާނެ. ކޮވިޑުގެ ނާމާން ދުވަސްވަރު، ހަމައެކަނި ދިވެހިން ގޮވަމުން ދިޔައީ އެހީތެރިވެދޭށޭ. އެމްބިއުލާންސްގެ ސައިރެންގެ ނޫން އަޑެއް ނީވޭ މަގުތައް ބަންދުވެފައި އިންނައިރު ހައްޔަރުވެފައި. އެ ވަގުތުގައި، އެ ވަގުތުގައި ދިވެހިންނަށް ހިޔާނަތްތެރިވުމަކީ ވަފާތެރިކަމެއް، އިންސާނިއްޔަތުތަކެއް އެއްގޮތަކަށް ވެސް، އެއްގޮތަކަށް ވެސް ނެތުން. ވެންޓިލޭޓަރުގެ ވައްކަން އަޅުގަނޑުމެން ހޯދަންޖެހޭ." ނަޝީދު ވިދާޅުވި އެވެ.
ދިވެހިން ބޭނުންވަނީ ތަނަވަސް ދިރިއުޅުމެއް ކަމަށާއި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ދެ ގުނަ ކުރާނެ ކަމަށް ރައީސް ވިދާޅުވިއަސް، އުފެއްދުންތެރިކަން ދިޔައީ ދަށަށް ކަމަށް ވިދާޅުވެ ނަޝީދު ފާޑުވިދާޅުވި އެވެ. ދެ ވަނަ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭން ނެތީ ވީ ވައުދާއި ދެން ކުރެއްވި ކަންތައްތަކާއި ރައްޔިތުންނަށް ވި ގޮތާއި ވައުދުތައް ބިލާހަކަށްވި ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުގައި ޝައްކެއް ނެތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އިންތިހާބުން ބަލިވާނެ." ނަޝީދު ވިދާޅުވި އެވެ.
ދަރަންޏާއި ޓެކްސް ބޮޑުވާ ގޮތްތަކާއި އިންފްލޭޝަން ހުރި މިންވަރާއި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކާއި އެ މީހުންނަށް ވައުދުވި ކަންތައްތައް ވެސް ނުކޮށްދެވޭ ކަމަށް ވިދާޅުވެ، މި ސަރުކާރަށް ނަޝީދު ވަރަށް ފާޑުވިދާޅުވި އެވެ.