އެމްޑީޕީ ބައިބައިވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސް އިން މި އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ފަށައި، މެނިފެސްޓޯ އިފުތިތާހު ކުރަން ރަށްރަށަށް ހިނގައްޖެ އެވެ.

އެ ޕާޓީން ކުރި ޓްވީޓެއްގައި ބުނީ، ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައި ހިމެނޭ "ފަސޭހަ ވިޔަފާރި" އިފުތިތާހު ކުރަން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިރޭ އޮންނާނެ ކަމަށެވެ. އެ ޕާޓީގެ ކައުންސިލް މެމްބަރުންނާއި އާއްމު މެމްބަރުންނާ އެކު 36 ރަށެއްގައި އެ ހަރަކާތް އޮންނާނެ ކަމަށް ބުންޏެވެ.

މެނިފެސްޓޯގެ ފުރަތަމަ ބައި އިފުތިތާހު ކުރުމުގެ ބޮޑު ހަރަކާތް އޮންނާނީ ބ. ތުޅާދޫގަ އެވެ. ޑިމޮކްރެޓްސް އިން ބުނީ އެ ހަރަކާތުގައި އިސްކޮށް އުޅުއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ކަމަށެވެ.

ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ އިންތިހާބުގެ ކެމްޕެއިން ޑިމޮކްރެޓްސް އިން ފެށި ނަމަވެސް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު އަދި ނެތެވެ.

ޑިމޮކްރެޓްސް އިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޕްރައިމަރީ އަށް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް، އަދި ހުޅުވައެއް ނުލަ އެވެ.

"އަޅުގަނޑުމެން ވިސްނައިގެން މިތިބީ މި މަހުގެ 17 ހިސާބުގައި އިއުލާން ކުރެވޭ ވަރުވޭތޯ ޕްރައިމަރީއަށް ހުޅުވާލަން. ދެން ކުރިމަތިލާން ލިބޭ މުއްދަތާއި ބާއްވާނެ ދުވަހާއި މި ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޓީން އެ މަސައްކަތް ކުރަމުން ގެންދާނެ،" އޭނާ ވިދާޅުވި އެވެ.