އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ވޯޓުލާން ފަށާނީ އެއް ލައްކަ ވޯޓާ އެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ކ.ގުރައިދޫގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ރައީސް ވިދާޅުވީ، އެމްޑީޕީ އަކީ އެންމެ ބޮޑު ކޯލިޝަން ކަމަށާއި އިންތިހާބު ކާމިޔާބު ކުރަން ހަމަކޮށްލަން އޮތީ ކުޑަ ކުޑަ މިންވަރެއް ކަމަށެވެ.
"މާލެ އަތޮޅުން އެކަނި ވެސް އިރާދަކުރެއްވިއްޔާ ނިންމޭނެ. ރާއްޖެއަށް ބޭނުންވަނީ ތަރައްގީ. ތަރައްގީއަކީ ހިތަށް ފިނިކަން ލިބުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އުފާވެރި ދިރިއުޅެއް ހޯދުމަށް ބޭނުންވާ ތަރައްގީ ގެނެސްދެނީ އެމްޑީޕީއިން ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ގުރައިދޫ ދާއިރާގެ މެޖޯރިޓީ އަންނަ ރިޔާސީ އިންތިހާބުގައި ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ގުރައިދޫއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އެރަށުގެ ބިން ހިއްކީ ރައްޔިތުންނަށް ގޯތި ދެވޭނެ ގޮތް ހެދުމަށް ކަމަށެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުގެ ގޯތި ދިނުމުގެ ކަންކަން ކުރަން ޖެހެނީ ކައުންސިލުން ކަމަށާއި އެކަން ނުކޮށް އޮތުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
"ސަރުކާރުން އެ އޮތީ ބޮޑު ބިމެއް ހިއްކާދީފައި. ރައްޔިތުން މިރަށުން ބޯހިޔާވަހިކަން ބޭނުން. ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް މިރަށަކު ނެތް. އެކަން ކައުންސިލަށް ނުކުރޭ ކަމަށް ވަންޏާ ގެންނަން ޖެހޭ ބަދަލެއް ގާނޫނަށް ގެންނަން ޖެހެން ބަދަލެއް ގެނެސްގެން ވެސް މިރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ކައުންސިލަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކޮށްދީ، އެކަން ހުއްޓުވަން ޖާގަ ނުދެއްވާނެ ކަމަށެވެ.