ހއ. ދިއްދޫގެ ބިން ހިއްކައިގެން އެއާޕޯޓަކާއި ޕިކްނިކް އައިލެންޑެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ދިއްދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ.

"ދިއްދޫގައި ބިން ހިއްކި ނިމިގެން ދާއިރު މިރަށުގައި އެއާޕޯޓެއް ވެސް އެޅިގެން ދާނެ. ދިއްދޫ ރައްޔިތުން ބޭނުންވާ ޕިކްނިކް އައިލެންޑް ވެސް ބިން ހިއްކިގެން ދާއިރު ކައިރިން ފެނިގެން ދާނެ" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި 12 ރަށެއްގެ ބިން ހިއްކާ ނިމިފައި ވައިރު 13 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށްދެ އެވެ.

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ 3،000 އަށްވުރެ ބޮޑު އާދާބީއެއ އޮންނަ ދިއްދޫގައި އެއާޕޯޓެއް އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

އަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށްވާ ދިއްދޫއާ އެންމެ ކައިރީގައި އޮންނަނީ ދިހަ ވަރަކަށް މޭލު ދުރުގައި ހދ. ހަނިމާދޫގައި އޮންނަ އެއާޕޯޓެވެ. ހއ. ގައި އެއާޕޯޓް އޮންނަ ހޯރަފުށި އޮންނަނީ އެއަށްވުރެ މާ ދުރުގަ އެވެ.